ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 5

"އަހަރެން ކީކޭ ބުނާނީ ދޯ؟ އަހަރެން ވެސް އެބަ ވިސްނަން.. އެއީ އަހަރެންގެ ވެސް ދަރިއެއް ތާ!.. އަހަރެން ދެރަ ވަނީ ލައިލާ ވެސް އެހާ ވަރުން އޭނާއާ ހެދި އުޅޭތީވެ.."

 – އެޕިސޯޑް 5 -

ކާސިމް ފެންވަރާލައިގެން ނުކުތް އިރު، މުނީރާ އިނީ ކޮޓަރީގައެވެ. މުނީރާގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސް ކަމެވެ. ހަދާނެ ގޮތް ނޭނގިފައިވާ ޙާލު، މުނީރާ ކާސިމަށް ބަލާލީ މާޔޫސީ ގޮތަކަށެވެ.

"އަހަރެމެން ކިހިނެއް ދެން ހަދާނީ؟" 

މުނީރާގެ އަޑުގައި އެއްވެސް ހަމަޖެހުމެއް ނެތެވެ.

"މީކާލް އަކީ އެއްވެސް އުޅުމެއް، އަޙްލާޤެއް ހުރި ކުއްޖެއް ނޫން. ރަށުގެ އެންމެންވެސް އޭނާ ދެކެ ޖެހިލުންވެ ބިރުގަނޭ.. އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.. އަދި ޚާއްސަކޮށް އަހަރެމެން މިކަން ހުއްޓުވަން އުޅެފިއްޔާ... އެ ގޭންގު މީހުން ފަސް ނުޖެހޭނެ އަހަރެމެން މަރާލަން ވެސް.. އެހާ ނުބައި ބައެއް އެއީ... އަހަރެން ބޭނުމެއް ނޫން އެވަރުގެ މީހެއްގެ އަތް މައްޗަށް އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ދޫކޮށްލަން.." ހާސްވެފައި އިނދެގެން، ދެން ވެސް ވާހަކަ ކުރިއަށް ގެންދިޔައީ މުނީރާއެވެ.

ކާސިމް ހުރީ ހަމަޖެހެލައިގެންނެވެ. މުނީރާގެ ވާހަކަތަކަށް ކާސިމް އެއްވެސް ސަމާލުކަމެއް ނުދިނެވެ.

"ކާސިމް.." 

މުނީރާ ގޮވާލިއެވެ. ކާސިމްގެ ހިމޭންކަމުގެ ސަބަބުންނެވެ. ކާސިމް ބަލައިލީ މުނީރާއަށެވެ.

"އަހަރެން ކީކޭ ބުނާނީ ދޯ؟ އަހަރެން ވެސް އެބަ ވިސްނަން.. އެއީ އަހަރެންގެ ވެސް ދަރިއެއް ތާ!.. އަހަރެން ދެރަ ވަނީ ލައިލާ ވެސް އެހާ ވަރުން އޭނާއާ ހެދި އުޅޭތީވެ.." ކާސިމް ވާހަކަދައްކަން ފެށިއެވެ.

"ލައިލާ ބޭނުން ވެގެން މިރަށު ކައުންސިލްގެ ރައީސް ވެސް އުޅޭ... އެއީ މުޅި ނިލަންދޫގަ ޤަދަރުވެރި ޢާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރި.. ތަޢުލީމީ، ރަނގަޅު، ހެޔޮ ތަރުބިއްޔަތެއް ލިބިފައިވާ ދަރިއެއް.. އަހަރެން އެ ވާހަކަ ލައިލާ އާ ދައްކަން ހާދަ މަސައްކަތެއް ކުރީމޭ... އެކަމު އެކަމެއް ނުވި.." މުނީރާ އުއްމީދު ކުޑަވެފައިވާ ރާގެއްގައި ބުނެލިއެވެ.

އެއީ ކާސިމް ވެސް ބޭނުންވާ ގޮތެވެ. ލައިލާ އާއި ނިލަންދޫ ކައުންސިލްގެ ރައީސް، ސިރާޖްއާ ކައިވެނި ކުރުވުމެވެ. އެއީ ކާސިމް އާއި މުނީރާގެ ވަރަށް ބޮޑު ހުވަފެނެކެވެ.

"ކީއްކުރާނީ ދޯ؟ ސިރާޖު ވެސް އަސްލުގަ ޖެހިލުންވޭ.. މީކާލްއާ އެކު ލައިލާ އުޅޭތީ އެކަމުގެ ތެރެެއަށް ވަންނަން.. ނަފްސާނީ ބިރުވެރި ކަމެއް އެންމެންނަށް ވެސް ލިބެނީ މީކާލްގެ ނަން އިވުނަސް..." 

ބޮލުގައި ތެޔޮ ލަމުން ކާސިމް ބުނެލިއެވެ. މުނީރާ ހަދާނެ ގޮތް ނޭނގި، އިސްޖަހާލިއެވެ.

"އެކަމު ހާސް ނުވޭ.. ދުޢާ ކުރުން އޮތީ... އިރާދަކުރެއްވިއްޔާ ލައިލާ އަކާ މީކާލް ކައިވެންޏެއް ނުކުރެވޭނެ.. އެއީ އިރާދަކުރެއްވިއްޔާ ވާނެ ކަމެއް ނޫން.." މުނީރާއަށް ހިތްވަރެއް ދެވޭތޯ ކާސިމް ބުނެލިއެވެ.

***

ދުވާލުގެ ދަންފަޅި ނިމި، ރޭގަނޑުގެ އަނދިރި ކަމުން މުޅި ދުނިޔެ ވަށާލައިފިއެވެ. ލައިލާ އޮތީ އެނދުމަތީގައި އޮށޯވެލައިގެންނެވެ. ފޯނުން މީކާލްއާ ވާހަކަދައްކާށެވެ. އެތައް އިރަކު އެދެމީހުން އެގޮތުގައި ވާހަކަދައްކަން އޮތުމަށްފަހު، ލައިލާ ފޯނު ބޭއްވީ ރޭނގަޑު 10 ޖަހަން ގާތްވެފައި ހުއްޓައެވެ. ނިދުމުގެ ބޭނުމުގައެވެ.

ފާޚާނާއަށް ވަދެ ރެޑީ ވެލައިގެެން ނިދާ ހެދުމުގައި، ލައިލާ އެނދުމަތީގައި އޮށޯވެލިއެވެ. އޭރު ކާސިމް އާއި މުނީރާ އޮތީ ގަދަ ނިދީގައެވެ. ދޭތެރެ ދޭތެރެއިން ކާސިމަށް ދިޔައީ ހޭލެވެމުންނެވެ. ނަމަވެސް އަނެއްކާ ވެސް ނިދަނީއެވެ. ކޮންމެ ވެސް ވަރެއްގެ އުނދަގޫ ކަމެއް ކާސިމަށް ވަމުންދާ ކަން ވެސް އޭނާއަށް ދިޔައީ އިޙްސާސް ވަމުންނެވެ. ނަމަވެސް ކަމަކަށް ނުހަދާ، ހޭލެވޭ އިރަށް ދެލޯ މަރާލައިގެން ނިދޭތޯ ބަލަނީއެވެ.

ގަޑިން ދަންވަރު 2 ޖަހައިފިއެވެ. ލައިލާ އޮތީ އޭނާގެ އެނދުމަތީގައެވެ. އަރާމް ނިންޖަކުން ނިދާފައެވެ.

"ލައިލާ.." 

ލައިލާއަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ. އޭނާގެ ކަންފަތް ދަށުގައި މީހަކު ވައި އަޑަކުން ގޮވާލުމުންނެވެ. ވަށައިގެން ލައިލާ އޭނާގެ ކަޅި ހިންގާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ލައިލާއަށް ހީވި ހީވުމެއް ކަމަށް ބަލާފައި، އަނެއްކާ ވެސް އޭނާ ދެލޯ މަރާލިއެވެ. ހަމައެއާ އެކުގައި އެ އަޑު ތަކުރާރު ވެގެން ދިޔައެވެ. މި ފަހަރު ވެސް ހަމަ ކަންފަތް ދަށުގައެވެ. ވައި އަޑަކުންނެވެ. އެއީ ފިރިހެނެއްގެ އަޑެކެވެ. ލައިލާއަށް ބިރުން ވީގޮތް ވެސް ނޭނގުނެވެ. ފުންމައިގެން އެނދުން ތެދުވެވުނީއެވެ.

"ކާކު؟ ތީ ކާކު؟" 

މުޅި ކޮޓަރިއަށް ބަލަމުން ލައިލާ ވަރަށް އަވަސްކޮށް އަހައިލިއެވެ. ނަމަވެސް ކޮޓަރި ތެރޭގައި ލައިލާ ފިޔަވައި އިތުރު އެއްވެސް މީހެއް ނެތެވެ. ދެން ލައިލާއަށް އިވެން ފެށީ ދިޔާ އެއްޗެއް ފައިބާ ކަހަލަ އަޑެކެވެ. ސީދާ ކޮޓަރީގެ ދޮރާ ދިމާލުންނެވެ. ލައިލާ ވަރަށް ބިރުން ހުރެ، މަޑުމަޑުން އެނދުން ތެދުވިއެވެ. ލައިލާގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ދޮރު ކައިރީގައި އޮތް އެއްޗެކެވެ. ފަނޑު އަލީގެ ތެރެއިން އެއީ ކޯއްޗެއްކަން ލައިލާއަށް ޔަޤީންނެއް ނުވިއެވެ. ލައިލާ މަޑުމަޑުން ފިޔަވަޅު ނަގަމުން އެއާ ދިމާލަށް ދިޔައެވެ. ކުރިއަށް ދާ ވަރަކަށް އެ އަޑު ވެސް ދިޔައީ ބާރު ވަމުންނެވެ. ހީވަނީ ކޯރަކުން ފެން ފައިބާ އަޑު އިވޭހެންނެވެ.

ލައިލާ ދިޔަ ގޮތަށް ގޮސް ކޮޓަރީގެ ލައިޓް ޖައްސާލިއެވެ. ލައިލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފެނުން މަންޒަރުން ލައިލާއަށް ހަޅޭލަވައިގަނެވުނެވެ. ބިރުން ފަހަތަށް ފިޔަވަޅެއް ނެގުނީ އޭނާގެ އިޙްތިޔާރުން ބޭރުންނެވެ. (ނުނިމޭ)

ކޮމެންޓް

1
450
ކުރުކަމުން ފޫހި
2 months ago

ހާދަ ކުރޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.