އިންޑިއާއަށް ނިސްބަތްވާ ބިލިއަނާ އާއިލާއެއްގެ 4 މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ދުނިޔޭގެ އެންމެ މުއްސަނދި އެއް އާއިލާއާ ދެކޮޅަށް ސްވިޒަލޭންޑުގެ ކޯޓުގައި އެ ގައުމުގެ ޕްރޮސެކިއުޝަނުން އުފުލި ދައުވާގައި ބުނެފައިވަނީ، "އެމީހުން ގެންގުޅޭ ކުއްތާއަށްވެސް މުވައްޒަފަކަށް ހަރަދުކުރި މިންވަރަށްވުރެ ބޮޑަށް ހޭދަކޮށްފައިވާ" ކަމަށެވެ

ޕްރަކާޝް ހިންދުޖާ، ފޮޓޯ: ގެޓީ އިމޭޖްސް

އިންޑިއާއަށް ނިސްބަތްވާ އިނގިރޭސި ބިލިއަނާ އާއިލާއެއްގެ ހަތަރު މެންބަރަކު އެމީހުންގެ ގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަނިޔާވެރިވިކަން ސާބިތުވެ ޖަލަށްލާން ހުކުމްކޮށްފި އެވެ. 

ހުކުރުދުވަހު ޖެނީވާގެ ކޯޓަކުން ކުރި ހުކުމުގައި ތިން ފަނޑިޔާރުންގެ ޕެނަލަކުން ނިންމާފައިވަނީ ޕްރަކާޝް ހިންދުޖާއާއި އޭނާގެ އަންހެނުން ކަމާލް އަދި އެ ދެމީހުންގެ ދަރިފުޅު އަޖޭއާއި އޭނާގެ އަންހެނުން ނަމްރަތާ އެމީހުން ކައިރީ މަސައްކަތްކުރި އިންޑިއާ މުވައްޒަފުންނާމެދު ސީރިއަސް އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. 

ދުނިޔޭގެ އެންމެ މުއްސަނދި އެއް އާއިލާއާ ދެކޮޅަށް ސްވިޒަލޭންޑުގެ ކޯޓުގައި އެ ގައުމުގެ ޕްރޮސެކިއުޝަނުން އުފުލި ދައުވާގައި ބުނެފައިވަނީ، "އެމީހުން ގެންގުޅޭ ކުއްތާއަށްވެސް މުވައްޒަފަކަށް ހަރަދުކުރި މިންވަރަށްވުރެ ބޮޑަށް ހޭދަކޮށްފައިވާ" ކަމަށެވެ. 

މުވައްޒަފުންނާމެދު އިހާނެތި އަމަލުތައް ހިންގިކަން އެ ހަތަރު މީހުންގެ މައްޗަށް ސާބިތުވި ނަމަވެސް އެމީހުންނަށް ތުހުމަތުކުރެވުނު އެންމެ ބޮޑު ކުށް ކަމަށްވާާ އިންސަނީ ވަގުފާރީގެ ކުށް އެމީހުންގެ މައްޗަށް ސާބިތުނުވެ އެވެ. 

މި މައްސަލާގައި ޝާމިލުވާ މުވައްޒަފުންނަކީ ހިންދުއާޖާ އާއިލާގެ ގެދޮރުގައި މަސައްކަތްކުރުމަށް އިންޑިއާއިން ގެނެސްފައިވާ މީހުންނެވެ. އެއިން ގިނަ މީހުންނަކީ ލިޔަންކިޔަން ނުދަންނަ މީހުންނެވެ. 

"އެ މަސައްކަތްތެރިންގެ ނާޖާއިޒު ބޭނުންހިފާފައިވޭ. އެމީހުން އިންޑިއާގައި ދިރިއުޅޭ ދަތި ހާލާއި، ސްވިޒްލޭންޑުގެ ބަސް އެމީހުންނަށް ނޭނގުމުގެ ފައިދާ ނަގައިގެން އެމީހުން ލައްވާ މަސައްކަތް ކުރުވި. އެމީހުންނަށް މުސާރަ ދީފައިވަނީ ކޮންމެ ތިން މަހުން ނޫނީ ހަ މަހުން،" ޖެނީވާ ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވެ އެވެ. 

ކޯޓުން ބުނެފައިވަނީ އެ ހަތަރު މީހުންނަކީވެސް ސްވިޒްލޭންޑުގެ ރައްޔިތުންނަށްވާތީ އަދި އަޖޭއަކީ އެގައުމުގައި ތައުލީމު ހާސިލުކުރި މީހަކަށްވާތީ އެމީހުންނަށް އެ ގައުމުގެ ގާނޫނުތަކާއި އުސޫލުތައް ރަނގަޅަށް އެނގޭނެ ކަމަށެވެ. 

އެމީހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ޖެނީވާގެ ކޯރު ކައިރީ އޮންނަ ކޮލޮގްނީ ސަބާބްގައި ހުންނަ އެމީހުންގެ ވިލާގައި މުވައްޒަފުން ބަންދުކޮށްގެން ގެންގުޅުމާއި، ސްވިސް ގާނޫނުތަކުން އެމީހުންނަށް ލިބެންޖެހޭ މުސާރައިގެ ދިހަ ބައިކުޅަ އެއް ބައަށްވުރެ ކުޑަ މުސާރައެއް ދިނުމާއި، އެމީހުން ދިރިއުޅެން ދީފައި ހުރި ތަންތަނުގެ ހާލަތު ގޯސްވުން ފަދަ ކަންކަން ހިމެނެ އެވެ. 

އެ މައްސަލާގައި ޕްރަކާޝްއާއި ކަމާލުގެ މައްޗަށް ހަތަރު އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވިއިރު އަޖޭއާއި އޭނާގެ އަނބިމީހާގެ މައްޗަށް އިއްވީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. 

ހިންދުއާޖާ އާއިލާގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ އެ މައްސަލާގައި ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ. ނަމަވެސް ސްވިޒްލޭންޑުގެ ޝަރުއީ ނިޒާމުގެ ތެރެއިން އިސްތިއުނާފު މަރުހަލާ ފުރިހަމަކުރުމަށް އެތައް އަހަރެއް ނަގާނެ އެވެ. 

ޕްރަކާޝަކީ ހިންދުއާޖާ ގުރޫޕު ބިނާކުރި ތިން ބެއިންގެ ތެރެއިން އެކެކެވެ. އެ ގުރޫޕަކީ ކާރާއި، ޕެޓްރޯކެމިކަލްއާއި ބޭންކިން އަދި ހަތިޔާރުގެ ވިޔަފާރި ފަދަ އެތައް ސިނާއަތެއްގައި ހަރަކާތްތެރިވާ ބޮޑު ވިޔަފާރި ގުރޫޕެކެވެ.

1980 ވަނަ އަހަރު ޕްރަކާޝް ސްވިޒްލޭންޑަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، ހިންދުއާޖާ ގުރޫޕުގެ ބޭންކިން ވިޔަފާރިތައް ހިންގަމުން އަންނަނީ އޭނާ އެވެ. 2000 ވަނަ އަހަރު ސްވިޒްލޭންޑުން އެ ގައުމުގެ ރައްޔިތުކަން ލިބުނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.