ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ބައްސާމް ސަސްޕެންޑް ކޮށްފި

ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ބަޔާނެއް ނެރެ މިރޭ ބުނެފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ 86 ވަނަ މާއްދާގެ ދަށުން ކުރިއަށް އޮތް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފި އެވެ.

ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ބަޔާނެއް ނެރެ މިރޭ ބުނެފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ 86 ވަނަ މާއްދާގެ ދަށުން ކުރިއަށް އޮތް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

ފީފާގެ މިނިވަން އެތިކްސް ކޮމިޓީގެ މި ނިންމުމަކީ މަނީ ލޯންޑާ ކުރުމާއި ކޮރަޕްޝަނާއި އަދި ޖިނާއީ އިތުރު ކުށްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ނެރުނު އަމުރެއްގެ ދަށުން އެފްއޭއެމް ހައުސް ބަލާ ފާސްކުރުމާއި ފުލުހުން ހިންގާ ތަހުގީގުގެ މައްޗަށް ބެލުމަށްފަހުގައި ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ބުންޏެވެ.

އެ ނިންމުން މިހާރު ބައްސާމަށް އަންގާފައިވާ ކަމަށް ފީފާ އިން ބުންޏެވެ.

ފީފާއިން މި ނިންމުން ނިންމިއިރު ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޖަމާކުރި 10،000 ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާ ގައި ބައްސާމަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

ބައްސާމްގެ މައްޗަށް ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވެ އެވެ. އެއީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަންގެ އެކި ކަންކަމަށް ފީފާ އިން ފޮނުވާ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުން 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ފޮނުވާފައިވާ ކަމަށެވެ. އެއީ 2018 ވަނަ އަހަރު ޖުލައި މަހާއި އޮގަސްޓް މަހު ފީފާއިން ޖަމާ ކޮށްފައިވާ ފައިސާ ކަމަށް ވެސް ބުންޏެވެ.

އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާ ކުރަން ބޭންކަށް ހުށަހެޅި ލިޔުންތަކުގައި ޑޮލަރު މާރުކުރަން ކަމަށް ލިޔެފައިވީ ނަމަވެސް، އެއްވެސް އިރަކު އެ ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 1910 ޑޮލަރު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެޓްމަންޓްސްގެ ކަންކަމަށް ބޭނުން ކޮށްފައި ވާތީ އެވެ. އަދި ހިޔާނާތްތެރިވި ފައިސާގެ ތެރެއިން 2000 ޑޮލަރު އޭނާ ކުއްޔަށް ނަގާފައިވާ ރެހެންދި ފްލެޓަށް ކުލި ދައްކަން ބޭނުންކޮށް، އިތުރު ފައިސާ އަމިއްލަ ކަންކަމަށް ބޭނުން ކޮށްފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ ދައުވާގައި ދައުލަތުން ވަނީ އެ 10،000 ޑޮލަރު ދައުލަތަށް ނަގައި ދިނުމަށް ވެސް އެދިފަ އެވެ.

ހިޔާނާތުގެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީލޯންޑަރިންގެ ކުށް ސާބިތު ވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މިއީ ޕީޖީ އޮފީހުން އަންގައިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އެކެވެ. ޕީޖީ އޮފީހުން ބުނީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. ތަހުގީގު ކުރިއަށްދާ ވަރަކުން މައްސަލައިގައި އިތުރު ދައުވާތައް ކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.