ހައްޖު އޮޕަރޭޝަން ކާމިޔާބު، އިންތިޒާމްތައް ވެސް ރަނގަޅު: ޑރ. ޝަހީމް

"އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނު. ވީލްޗެއާގައި ގިނަ އަދަދެއްގެ ހާޖީން އުޅުނު. އެންމެނަށް އެހީތެރިކަން ދެވުނު،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެއާޕޯޓްގައި ހައްޖުވެރީންނާ އެކު

ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ އޮޕަރޭޝަން ނިމުނީ ވަރަށް ކާމިޔާބު ކަމާއެކުގައި ކަމަށާއި ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ވަރަށް ބަލި މީހުން މިއަހަރު ރާއްޖޭން ހައްޖަށް ދިޔަ ކަމަށެވެ. އެގޮތުން، ޑައިލެސިސް ހަދާ މީހުންނާއި، ކެންސަރު ބަލީގެ މީހުންނާއި ހިތުގެ ބަލި ހުންނަ މީހުން ހައްޖުގެ އަޅުކަން ކުރުމަށް ދިޔަ ކަމަށާއި މި އެންމެންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގާތްގަނޑަކަށް ދިވެހި 100 އެއްހާ ހައްޖާޖީން މަގު އޮޅު ކަމަށާއި އެ އެންމެން ޑިވައިސް ބޭނުންކޮށްގެން ލޮކޭޓްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ފެންވަރު ރަގަޅު ދިވެހި ރަހަތަކުގެ ކާނާ ފޯރުކޮށްދީފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

"އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނު. ވީލްޗެއާގައި ގިނަ އަދަދެއްގެ ހާޖީން އުޅުނު. އެންމެނަށް އެހީތެރިކަން ދެވުނު،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހައްޖުގެ ކަންކަން ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ރަގަޅު ނަމަވެސް މިނާގެ ފޭލިގޭގައި ތާށިކަމެއް ހުރި ކަމަށެވެ. އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަގަޅު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފަ. އިންޝާ ﷲ އަންނަ އަހަރަށް އެކަންކަން ރަނގަޅުކުރާނެ. މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނެވުނު ދެވަނަ ފަހަރު. ﷲ ގެ ރަހުމަތުން ހައްޖު އޮޕަރޭޝަން ކާމިޔާބުކަމަށް އުފަލާއެކު ފާހަގަކުރަން. އަމިއްލަ ކޮންޓްރޯލުން ބޭރުން އެތަން މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތަންމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ގެންދިނުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފަ އެވެ. އޭގެ ތެރޭގައި ހައްޖު ކޯޕަރޭޝަނާއި ސައުދީ ސަރުކާރުގެ ނަން ވެސް ފާހަގަ ކުރެއްވި އެވެ.

މި އަހަރު ސައުދީން ރަސްމީކޮށް ރާއްޖެއަށް ދިނީ 1،000 ހައްޖު ކޯޓާއެވެ. އޭގެ އިތުރަށް 115 ކޯޓާ ފަހުން ސައުދީން ދިނެވެ. މި ހުރިހާ ކޯޓާއެއްގައި މީހުން ހައްޖަށް ގެންދިޔައީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. މިނިސްޓަރު ޝަހީމް ވެސް މިއަހަރު ވަނީ ހައްޖަށް ވަޑައިގެންފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.