އިންޑިއާގައި ސިކުންނަށް ވަކި ދައުލަތެއް ގާއިމު ކުރުމަށް މަސައްކަތް ކުރާ ލީޑަރެއް ގަަތުލުކުރަން ރޭވި ކަމަށް ތުހުމަތުވާ އިންޑިއާ މީހަކު ޗެކް ރިޕަބްލިކުން އެމެރިކާއަށް ފޮނުވައިފި އެވެ.
ޗެކް ރިޕަބްލިކްގެ ޖަސްޓިސް މިނިސްޓަރު ޕަވެލް ބްލަޒެކް ހޯމަދުވަހު ވިދާޅުވެފައިވަނީ އެމެރިކާގެ އިދާރާތަަކާ ނިކިލް ގުޕްތާ ނަމަކަށް ކިޔާ އިންޑިއާ މީހަކު ހަވާލުކުރީ ފާއިތުވި ހަފުތާގައި ކަމަށެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ގުޕްތާއަކީ އިންޑިއާ ސަރުކާރުން ރާވައިގެން ހިންގި ޖަރީމާއެއްގައި ބައިވެރިވި މީހެކެވެ.
އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން ތުހަމަތުކުރާ ގޮތުގައި ގުޕްތާވަނީ އިންޑިއާގެ ޖާސޫސީ އަދި ސަލާމަތީ އޮފިޝަލުންނާ ބައިވެރިވެގެން ގުރްޕަތުވަންތު ސިންހު ޕަންނުމް މަރައިލުމަށް ރާވާފައެވެ. ޕަންނުމްއަކީ އުތުރު އިންޑިއާގައި ސިކުންނަށް ވަކި ދައުލަތެއް ގާއިމުކުރަން ގޮވައިލާ އެމެރިކާ އަދި ކެނަޑާގެ ރައްޔިތުކަން އޮންނަ އިންޑިއާ ނަސްލުގެ މީހެކެވެ.
ޗެކް އިދާރާތަކުން ގުޕްތާ ހައްޔަރުކުރީ ނިމުނު އަހަރުގެ ޖޫން މަހުގައި އިންޑިއާއިން އެ ގައުމަށް އޭނާ ދަަތުރުކުރުމުންނެވެ. އުމުރުން 52 އަހަރުގެ ގުޕްތާގެ ފަރާތުން ޗެކް ކޯޓުގައި އޭނާ އެމެރިކާއަށް ފޮނުވުން ހުއްޓުވަން އެދުނު ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނެރެދިނުމަށް އިންކާރުކުރުމާ ގުޅިގެން، އޭނާ އެމެރިކާއާ ހަވާލުކުރަން ޖަސްޓިސް މިނިސްޓަރަށް ހުއްދަ ލިބުނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބްލަޒެކް ވިދާޅުވެފައިވަނީ ގުޕްތާ އެމެރިކާއާ ހަވާލުކުރަން އޭނާ ހުއްދަ ދެއްވީ މީގެ ދެ ހަފުތާ ކުރިން ކަމަށެވެ.
ގުޕްތާގެ ގާނޫނީ ވަކީލު ޕީޓާ ސްލެޕިކާ އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެ ގައުމުގެ އެންމެ މަތީ ގާނޫނީ އިދާރާއަށް ގުޕްތާ އެމެރިކާއާ ހަވާލުކުރުން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާނެ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ގުޕްތާއާ ދެކޮޅަށް އެމެރިކާއިން ކުރާ ތުހުމަތުތަކަކީ ސިޔަސީ މައްސަލައެކެވެ.
ނޮވެންބަރު މަހުގައި އެމެރިކާގެ ޕްރޮސެކިއުޓަރުން ވިދާޅުވެފައިވަނީ ޕަންނުމް މަރައިލުމަށް ރާވައިގެން ހިންގަން އުޅުނު ޖަރީމާއެއް އެމެރިކާގެ ޑްރަގަން އެންފޯސްމެންޓު އެޑްމިނިސްޓްރޭޝަނުން ހިންގި "ސްޓިންގު އޮޕަރޭޝަނެއްގެ" ތެރެއިން ހުއްޓުވާފައިވާ ކަމަށެވެ.
ޕްރޭގުގައި ގުޕްތާ ހައްޔަރު ކުރީ އެމެރިކާއާއި ޗެކް ރިޕަބްލިކުގެ މެދުގައި ހަދާފައިވާ އެކްސްޓްރެޑިކްޝަން އެއްބަސްވުމެއްގެ ދަށުންނެވެ. ގުޕްތާއަށް އަމާޒުވާ ހުރިހާ ތުހުމަތެއް އޭނާ ދޮގުކުރެ އެވެ. އެ ތުހުމަތުތައް ސާބިތުވެއްޖެނަމަ 20 އަހަރު ޖަލުގައި ހޭދަކުރަން ޖެހޭނެ އެވެ.
އިންޑިއާއިން ބޭރުގައި ސިކް ވަކި ދައުލަތެއް އެ ގައުމުގައި ގާއިމުކުރަން ތާއީދުކޮށް ހިންގާ ހަރަކާތްތައް ހުއްޓުވަން އަބަދުވެސް އިންޑިއާއިން ބޭނުންވެ އެވެ. އެ ގައުމުން ދެކޭ ގޮތުގައި އެ ހަރަކާތްތަކަކީ ސަލާމަތީ ނުރައްކަލެކެވެ.
އެ ގުރޫޕުތަކަށް އަމާޒުކޮށް އިންޑިއާއިން ރާވައިގެން ހަމަލާތަކެއް ދެމުންދާކަމަށް ތުހުމަތުވުމާ ގުޅިގެން އިންޑިއާއާއި ކެނަޑާ އަދި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވެ އެވެ. ސިކް ވަކި ދައުލަތެއް ގާއިމުކުރަން މަސައްކަތްކުރާ ލީޑަރެއްކަމަށްވާ ހަރްދީޕް ސިންހު ނީޖާރް މަރައިލުމުގައި އިންޑިއާ ސަރުކާރުން ބައިވެރިވިކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާކަމަށް ކެނަޑާއިން ބުނެފައިވެ އެވެ.
އިންޑިއާއިންވަނީ އެ ތުހުމަތުތަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. އަދި މީހުން ގަތުލު ކުރަން ރޭވުމަކީ އިންޑިއާ ސަރުކާރުގެ ސިޔާސަތާ ފުށުއަރާ ކަންކަން ކަމަށް އިންޑިއާއިން ބުނެފައިވެ އެވެ.