މި ހުރިހާ ހަރަކާތަކާ އެކު މިފަހަރުގެ އީދު ވެފައިވަނީ ކުނަހަންދޫއަށް ފޯރިގަދަ އީދަކަށެވެ. މުޅި ރަށް އެއްބައިވަންތަކަމާ އެކު ނިކުމެ އީދު ފާހަގަ ކުރަމުން ދަނީ ނަމޫނާ ދައްކަމުންނެވެ.
އަލްހާ އީދު ފާހަގަ ކުރުމުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށްދާއިރު އީދުގެ ހަރަކާތްތައް އެންމެ ފޯރިގަދަ އެއް ރަށަކީ ލ. ކުނަހަންދޫ އެވެ. ކުނަހަންދޫ އަކީ ކޮންމެ އަހަރަކު ވެސް ބޮޑު އީދު ވަރަށް ކުލަގަދަ ކޮށް ފާހަގަ ކުރަމުންދާ ރަށެވެ.
އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވާ ކަމެވެ. ރަށުގެ ރައްޔިތުންގެ ފަރާތުން ފެންނަ އެއްބައިވަންތަ ކަމެވެ.
އަނެއް ކަމަކީ އީދުގެ ހުރިހާ ހަރަކާތްތަކެއް ގައި ވެސް ސީދާ ރަށުގެ ރައްޔިތުން ބައިވެރިވުމެވެ. އެހެން ރަށްރަށާއި މާލެ އިން ގުރޫޕްތަކާއި ބޭންޑުތައް ނުގެނެސް ރައްޔިތުންގެ ބައިވެރިވުމާ އެކު ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމެވެ.
މި އަހަރުގެ އީދުގެ ހަރަކާތްތައް ފެށިގެން ދިޔައީ އީދު ނަމާދު ކުރުމުންނެވެ. އޭގެ ފަހުން އީދު ސައި އޮތެވެ. އަދި ފިރިހެނުންނާއި އަންހެނުންގެ ހާއްސަ ވޮލީ މެޗެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ކުނަހަންދޫގައި އީދު ފޯރި އެންމެ ގަދަ ހަރަކާތަކީ ކޯޑި ޖެހުމާއި ކޯޑި ކެނޑުމުގެ ހަރަކާތެވެ. އީދު ދުވަހުގެ ހަވީރު ވަނީ ކޯޑި ރަށުގެތެރޭގައި ހިނގުން ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ ރޭ ކޯޑި ޖެހުމާއި ބޮޑުބެރުގެ ހަރަކާތްތައް އޮތެވެ.
އީދުގެ ދެވަނަ ދުވަހު އޮތީ މާލި ހެދުމެވެ. މާލި ހެދުމާއި މާލިތައްް ރަށުތެރޭގައި ހިންގުމާއި މާލިތައް މޫދަށް ލުމަކީ ފޯރިގަދަ ހަރަކާތެވެ. މީގެ އިތުރުން މާލިތައް ބަލައި ދިނުމާއި ގަސް ނެގުމުގެ ހަރަކާތް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
ކުޑަކުދީންގެ ހާއްސަ ހަވީރަކާއި ސްޓޭޖް ޝޯ އެއް ވެސް އިއްޔެ ހަވީރާއި ރޭ އޮތެވެ.
މިއަދު އޮތީ ވޮލީ މެޗަކާއި ފެތުމުގެ ރޭހަކާއި އަންހެނުންގެ ބަނޑިޔާ ޖެހުމާއި ދަނޑިޖެހުމެވެ. މިރޭ ވެސް ހާއްސަ ޝޯއެއް އޮންނާނެ އެވެ.
މީގެ އިތުރުން އަންހެނުންގެ ފުޓްބޯޅަ މުބާރާތެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފައިގަތަޅާ ކުޅުމާއި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ މަސްރޭހެއް ވެސް މާދަމާ ކުނަހަންދޫގައި އޮންނާނެ އެވެ.
އީދުގެ ފަސްވަނަ ދުވަހު ކުޑަކުދީންގެ ފުޓްބޯޅަ މެޗަކާއި މަސް ފިހެ ކެއުމުގެ ހަރަކާތެއް އޮންނާނެ އެވެ. މިއީ މުޅި ރައްޔިތުން އެކުގައި ބައިވެރިވާނެ ހަރަކާތެކެވެ.
މި ހުރިހާ ހަރަކާތަކާ އެކު މިފަހަރުގެ އީދު ވެފައިވަނީ ކުނަހަންދޫއަށް ފޯރިގަދަ އީދަކަށެވެ. މުޅި ރަށް އެއްބައިވަންތަކަމާ އެކު ނިކުމެ އީދު ފާހަގަ ކުރަމުން ދަނީ ނަމޫނާ ދައްކަމުންނެވެ.