ކުލަ ކުޅެން ދިއުމުގެ ކުރިން ހަންގަނޑު ރަނގަޅަށް މޮއިސްޗަރައިޒްކޮށް ސަންސްކްރީން ހޭކުމަކީ މުހިއްމު ކަމެކެވެ.
އީދުގައި ރާއްޖޭގޭ އެކި ކަންކޮޅުތަކުގައި ފެންޖެހުމާއި ކުލަ ޖެހުން ފަދަ ގިނަ މަޖާ ކުޅިވަރުތައް ކުރިއަށް ދެއެވެ. އެގޮތުން ބައެއް ފަހަރު ބޭނުން ކުރެވޭ ކުލަ މޫނާއި ހަށިގަނޑުން ފިލުވުމަށް އުނދަގޫތަކާއި ކުރިމަތިވެއެވެ. ގިނަފަހަރު މިހެން ދިމާވަނީ އެކި ފެންވަރުގެ އެކި ކުލަތަކުގައި ހުންނަ ތަފާތު ތަކުންނެވެ. މިގޮތުން ކުލަ ފަސޭހައިން ހަންގަނޑުން ފިލުވާލުމަށް ތިރީގައި މިވާ ކަންކަން ކުރެވިދާނެ އެވެ.
ބޮޑީ އޮއިލް
ކުލަ ކުޅެން ދިއުމުގެ ކުރިން ބޮޑީ އޮއިލް ނުވަތަ ހަށިގަނޑުގައި އުނގުޅާލާ ކަހަލަ ކޮންމެވެސް ތެލެއް އުނގުޅައިގެން ނުކުތުމުން ކުލަ ފިލުވަން ވަރަށް ފަސޭހަވާނެއެވެ. ސަބަބަކީ ތެލުގެ ސަބަބުން ހަންގަނޑުގައި ކުލަ ހަރުނުލުމެވެ. ނާޒުކު ހަންގަނޑެއް ހުންނަ މީހުނަށް މީ ވަރަށް ރަނގަޅު ގޮތެކެވެ. މިފަދަ ހަންގަނޑެއް ހުންނަ ނަމަ ކުލަ ޖަހާއިރު އެއީ ހަންގަނޑަށް ގެއްލުމެއް ނުވާނެ ކުލަތޯ ޔަގީން ކުރުމަކީ މުހިއްމު ކަމެކެވެ. ނޫންނަމަ ނާޒުކު ހަންގަނޑެއް ހުންނަ މީހުންގެ ގައިގައި ބިހިނެގުންފަދަ މައްސަލަތައް ދިމާވާ ފަހަރުވެސް އާދެއެވެ.
ޔޯގަޓާއި މާމުއި މާސްކް
ކުލަ ކުޅުމަށްފަހު ޔޯގަޓާއި މާމުއި އެއްކޮށްގެން މާސްކެއް ހަދައި ގައިގައި އުނގުޅާށެވެ. މީ ހަންގަނޑުން ކުލަ ފިލުވުމަށް ފަސޭހަ ގޮތެކެވެ. އަދި މީ ހަންގަނޑު މޮއިސްޗަރައިޒް ކޮށް އުޖާލާކަން ގެނެސްދޭ މާސްކެކެވެ. ކުޑަ ކުޑަ ޔޯގަޓް ކޮޅަކަށް މާމުއި 2 ނުވަތަ 3 ސަމުސާ އަޅާފައި ރަނގަޅަށް އެއްކުރުމަށް ފަހު ހަންގަނޑުގައި އުނގުޅާނީއެވެ. އަދި ހިކެންދެން ބަހައްޓާފައި ދޮވެލާށެވެ.
ބޭސަން މާސްކް
ބޭސަން ނުވަތަ ގްރާމް ފްލާ އަކީވެސް ހަންގަނޑުން ކުލަ ފިލުވަން އެހީވެދޭނެ އެއްޗެކެވެ. ބޭސަން ފުއްކޮޅަކަށް ފެނާއި ކިރުކޮޅެއް އަޅާ އެއްކޮށް ޕޭސްޓެއް ހެދުމަށްފަހު ހަންގަނޑުގައި އުނގުޅާށެވެ. އަދި 5 ނުވަތަ 10 މެނެޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ. ބޭސަން އަކީ ހަށިގަނޑު ސްކްރަބް ކުރުމަށް ވަރަށް ރަނގަޅު އެއްޗެކެވެ.
އެލޯ ވެރާ ޖެލް
އެލޯ ވެރާ ޖެލްއަކީ ވެސް ހަންގަނޑުން ކުލަ ފިލުވުމަށް ފަސޭހަ އެއްޗެކެވެ. ފެންވެރުމުގެ ކުރި އެލޯ ވެރާ ޖެލް ކުލަ ފިލުވަން ބޭނުންވާ ސަރަހައްދުގައި އުނގުޅާފައި ހިކުމުން ދޮވެލައި ފެންވަރާލާށެވެ. ހޫނުގަދަ ދުވަސްވަރު އިރުގެ އަވިން ހަންގަނޑު އެނދުމުން އެލޯ ވެރާ ޖެލް ބޭނުންކުރުމުން ހަންގަނޑަށް ލުއިކަން ގެނެސްދީ ފަރުވާއަކަށް ވާނެއެވެ.