ފުރަތަމަ ކުއާޓާ؛ ބޭންކުތަކަށް ރަނގަޅު ފައިދާއެއް، ބޭރު ފައިސާ ޖަމާކުރި މިންވަރު އިތުރުވެއްޖެ

ބޭންކުތަކަށް ޖަމާކުރި ފައިސާގެ އަދަދު އިތުރުވެފައިވާއިރު ބޭރު ފައިސާއިން ޖަމާކުރި ފައިސާގެ އަދަދު 7 އިންސައްތަ އިތުރުވެފައިވާކަން އެމްއެމްއޭއިން ފާހަގަަކުރި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ

މި އަހަރުގެ ފުރަތަމަ ތިން މަހުގައި ބޭންކުތަކަށް 830 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނުކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ. 

ރާއްޖޭގެ ޖުމްލަ އިގުތިސާދީ ހާލަތާއި މައިގަނޑު ސިނާއަތްތަކުގެ ހާލަތާ ގުޅޭ ގޮތުން ކޮންމެ ތިން މަހަކުން އެއް ފަހަރު އެމްއެމްއޭއިން އާންމުކުރާ ކުއަޓާލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގައި ޓެކުސް އުނިނުކޮށް ބޭންކުތަކަށް ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނު ކަމަށެވެ. އަދި އެއީ ނިމުނުގެ އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ ހަތަރު މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ. 

އެމްއެމްއޭއިން ބުނީ އަހަރުގެ ފުރަތަމަ ތިން މަހު ބޭންކިން ދާއިރާގެ މާލީ ދުޅަހެޔޮކަން ރަނގަޅު ކަމަށެވެ. އެގޮތުން ބޭންކުތަކުގެ ގިނަ އެސްޓުތަކަކީ ޓްރެޝަރީ ބިލުތައް ފަދަ ރިސްކު ކުޑަ އެސެޓުތައްކަން މަރުކަޒީ ބޭންކުން ފާހަގކުރި އެވެ. 

ބޭންކުތަކުގައި ހުރި މާލީ އެސެޓުތައް 92.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއީ އެކެއް އިންސައިގެ އިތުރުވުމެއްކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބޭންކުތަކަށް ޖަމާކުރި ފައިސާގެ އަދަދު އިތުރުވެފައިވާއިރު ބޭރު ފައިސާއިން ޖަމާކުރި ފައިސާގެ އަދަދު 7 އިންސައްތަ އިތުރުވެފައިވާކަން އެމްއެމްއޭއިން ފާހަގަަކުރި އެވެ. ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ ޖަމާކުރި ބޭރު ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއިން އިތުރުވި އެވެ. 

ބޭންކުތަކަށް ބޭރު ފައިސާ ޖަމާކުރި މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބެއްކަމަށް މަރުކަޒީ ބޭންކުން ފާހަގަކުރީ ފަތުރުވެރިކަމުގެ ސިނާއަތަށް އައި ކުރިއެރުމެވެ. 

ބޭރު ފައިސާ ޖަމާކުރާ މިންވަރު އިތުރުވި ނަމަވެސް ދިވެހި ފައިސާ ޖަމާކުރި މިންވަރު 2 އިންސަތައިން ދަށްވި އެވެ. 

ބޭންކުތަކުން ދޫކުރި ލޯނުތަކުގެ އަދަދު ފާއިތުވި އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު އިތުރުނުވެ އެވެ. ލޯނު ޕޯޓުފޯލިއޯ ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި އަދި މި އަހަަރުގެ ފުރަތަމަ ކުއާޓާގައިވެސް ހުރީ 37 ބިލިއަން ރުފިޔާގަ އެވެ. ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯ އިތުރުނުވި މައިގަނޑު ސަބަބަކީ ބޭންކަކުން ދޫކޮށްފައި އޮތް ބޮޑު ލޯނެއް މައާފުކުރުމެވެ. 

ފައިސާ ނުދައްކާ ލޯނުތައް ނުވަތަ ނަން-ޕާފޯމިން ލޯންސްގެ އަދަދު 24 އިންސައްތައިންވަނީ މަދުވެފަ އެވެ. އެއީ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ލޯނު މައާފުކޮށްދިނުމުގެ ސަބަބުންނެވެ.

ޓެކްސް ދެއްކުމުގެ ކުރިން ބޭންކުތަކަށް 1.1 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ނަމަވެސް، ޓެކުސް ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކުތަކަށް ލިބުނީ 830 މިލިއަން ރުފިޔާ އެވެ. އެއީ އެއް އިންސައްތައިގެ ދަށްވުމެކެވެ. 

ބޭންކުތަކަށް އިންޓަރެސްޓުގެ ގޮތުގައި ލިބުނު އާމްދަނީ 16 އިންސައްތަ އިތުރުވިއެވެ. ނަމަވެސް އިންޓަރެސްޓު ނޫން ހަރަދުތައް ބޮޑުވުމާއި، ލޯނު އިންޓަރެސްޓު ނޫން ގޮތްގޮތުން ބޭންކުތަކަށް ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން އިންޓަރެސްޓު އާމްދަނީ އިތުރުވުމުގެ ހެޔޮ އަސަރު ބޭންކުތަކުގެ ސާފު ފައިދާއަށް ނުކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.