ވިލިނގިލީ އީދު ފޯރި؛ ސަގާފީ ހަރަކާތްތަކާއި އަވަށު ވާދަވެރިކަމާއެކު ކުޅިވަރުތައް

ވިލިނގިލީގައި އީދު ހަރަކާތްތައް ރާވާފައިވަނީ ރަށުގެ އަވަށްތަކުގެ ވާދަވެރިކަމުން ފޯރި އަންނާނެހެން ރަށަށް ޒިޔާރަތްކުރި މެހެމާނުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

އީދު ފާހަގަކުރުމަށް ވިލިނގިލީގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން

މި އަހަރު ސަރުކާރުގެ ފަރާތުން ގައުމީ ފެންވަރެއްގައި އަޟްޙާ އީދު ދުވަސް ފާހަގަކުރާ ތިން ރަށުގެ ތެރެއިން ގއ.ވިލިނގިލީގައި އީދުގެ މުނާސަބަތުގައި ފޯރިގަދަ ހަރަކާތްތައް އީދު ދުވަހުގެ ކުރީ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. 

އެ ރަށު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ވިލިނގިލީގައި އީދުގެ އިހުތިފާލުތައް ފެށުނީ 15 ވަނަ ދުވަހު އެވެ. އެ ދުވަހު އެންމެ ފުރަތަމަ އޮތީ އީދަށް އެ ރަށަށް ވަޑައިގެންނެވި މެހެމާނުންނަށް މަރުހަބާ ދެންނެވުމެވެ. އީދުގެ ހަރަކާތްތައް ފައްޓަވައިދެއްވުމަށް އެންވަޔަރަމަންޓު މިނިސްޓަރު އިބްރާހީމް ތޯރިގުވެސް އެ ރަށަށް ވަޑައިގަތެވެ. 

އީދު ފާހަގަކުރުމަށް ވިލިނގިލީގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން

އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އީދު ބަޑި ރޯކުރުމުގެ ހަރަކާތް އޮތީ އީދު ވިލޭރެ އެވެ. އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު ތޯރިގެވެ. އެއަށްފަހު ހަވާއަރުވާފައިވެ އެވެ. އަދި ބޮޑުބެރާއެކު މާލީގެ ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. 

އީދު ދުވަހު އީދު ނަމާދަށްފަހު ރަށު ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން އީދު ސައި ބާއްވާފައިވެ އެވެ. ރަށު ރައްޔިތުންނާއި އީދު ފާހަގަކުރުމަށް އެ ރަށަށް ޒިޔާރަތްކުރި މެހެމާނުން އީދު ސައިގައި ބައިވެރިވި އެވެ. 

އަޟްޙާ އީދުގައި އީދު ނަމާދަށްފަހު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮންނަ އެއް ކަމަކީ އުޟުޙިޔާ ކަތިލުންކަމަށްވާއިރު މި އަހަރު ވިލިނގިލީގައިވެސް އުޟުޙިޔާ ކަތިލި އެވެ. އީދު ސަޔަށްފަހު އުޟުޙިޔާ ކަތިލުން ކުރިއަށް ގެންދިޔައީ އެ ރަށު ބަނދަރު ސަރަހައްދުގަ އެވެ. ކައުންސިލު ބުނި ގޮތުގައި މި އުޟުޙިޔާ ކަތިލުމުގައިވެސް ގިނަ ބަޔަކު ބައިވެރިވި އެވެ. 

މެންދުރު ތަށިބަރީގެ ހަރަކާތެއް ބޭއްވިއެވެ. މިއީ ސަގާފީ ހަރަކާތެކެވެ. އެ ހަރަކާތުގައި އެންމެ އިސްކޮށް އުޅުނީ ރަށުގެ އަންހެންވެރިންނެވެ. އެ ހަރަކާތަށްފަހު ހަވީރު އޮތީ އީދު ޕެރޭޑެވެ. ރޭގަނޑު މިއުޒިކު ޝޯއެއް ބާއްވާފައިވެ އެވެ.

އީދު ފާހަގަކުރުމަށް ވިލިނގިލީގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން

މިއަދު މައިގަނޑު ގޮތެއްގައި ވިލިނގިލީގައި އޮތީ ރަށުގެ ހަތަރު އަވަށުގެ މެދުގައި ވާދަވެރިކަން އޮންނަ ގޮތަށް އިންތިޒާމުކޮށްފައިވާ އީދު ކުޅިވަރުތަކެވެ. ފައިގަތަޅާ އަދި ވާ ދެމުން ފަދަ ފޯރިގަދަ ކުޅިވަރުތައް އިތުރަށް ޖޯޝުން ފުރައިދެނީ އެ ކުޅިވަރުތަކުގައި އޮންނަ އަވަށު ވާދަ ކަމަށް ކައުންސިލުން ބުންޏެވެ. 

ހެނދުނާއި ހަވީރު ދެ ދަންފަޅިއަށް ބަހާލައިގެން ބާއްވާ ކުޅިވަރުތަކުގައި ރަށު ރައްޔިތުންގެ އިތުރަށް ރަށުގައި އީދު ފާހަގަކުރުމަށް އައިސް ތިބި މެހެމާނުންވެސް ބައިވެރިވާނެ އެވެ. ހަވީރު ކުޅިވަރުތަކުގެ އިތުރަށް މަސް ރޭހެއްވެސް އޮންނާނެ އެވެ. ހަވީރު މަސް ރޭހުގެ ބައިވެރިން ފުރާއިރު މަސް ރޭސް ނިންމާނީ މިރެ އެވެ. 

މިރޭވެސް އީދު ޝޯ ބާއްވާނެ އެވެ. އަދި މާދަމާ ފެންޖެހުމުގެ ހަރަކާތްތައް ހެނދުނު ބާއްވާނެ އެވެ. މާދަމާ ހަވީރު އާއިލީ ހަވީރެއް އޮންނާނެ އެވެ. އަދި އީދުގެ އިހުތިފާލުތައް ނިންމައިލާނީ މާދަން ރޭ ބާއްވާ ފަރިއްކޮޅަކުންނެވެ. ހުރިހާ ރައްޔިތުންނާއި މެހެމާނުން ބައިވެރިވާ މި ފަރިއްކޮޅާއެކު ވިލިނގިލީގައި އީދު ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތްތައް ނިމޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.