ޣައްޒާއަށް އެހީގެ ތަކެތި ލިބޭނެ މަގުފަހިކުރުމަށް އިސްރާއީލުން ހަމަލާ މެދުކަނޑާލުމާ ނަތަންޔާހޫ ދެކޮޅު

ވަކި ގަޑިއަކަށް ހަމަލާ މެދުކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަސްކަރީ ސެކްރެޓަރީއަށް ނަތަންޔާހޫ ވަނީ އަންގާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ

އިސްރާއީލު އަސްކަރިއްޔާއިން ޣައްޒާއަށް ހަމަލާދެމުން ގެންދާއިރު ކޮންމެ ދުވަހަކު ހަމަލާ މެދުކަނޑާލުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިސްރާއީލުގެ އޮފިޝަލަކު ބޮޑުވަޒީރާ ހަވާލާދީ ވިދާޅުވެއްޖެ އެވެ. 

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ވަށާލާފައިވާ އަދި ބޮން އަޅަމުންދާ ޣައްޒާގެ މައި އެއް މަގުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ކޮންމެ ދުވަހަކު ޓެކްޓިކަލް ހުއްޓުމެއް ބޭއްވުމަށް އަސްކަރިއްޔާއިން އިއުލާނުކުރުމާ ދެކޮޅު ހައްދަވާފައެވެ.

އަސްކަރިއްޔާއިން ވަނީ ކަރެމް އަބޫ ސަލީމް (ކެރެމް ޝަލޯމް) ހުރަސްކުރާ ސަރަހައްދުން ފެށިގެން ސަލާހުއްދީން މަގާއި ދެމެދު ކޮންމެ ދުވަހަކު ވެސް ޖީއެމްޓީ ގަޑިން 05:00 އިން ފެށިގެން 16:00 އާ ހަމައަށް ހަމަލާތައް މެދުކަނޑާލުމަށް ނިންމައިފަ އެވެ.

އިސްރާއީލުގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ ހެނދުނު 11 ގަޑިއިރަށް ހަނގުރާމަ މެދުކަނޑާލި ކަމުގެ ޚަބަރު ބޮޑުވަޒީރަށް ލިބިވަޑައިގަތުމުން، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަސްކަރީ ސެކްރެޓަރީއަށް އަންގަވާފައިވާ ކަމަށެވެ.

ޣައްޒާގެ ދެކުނުގައި އިސްރާއީލުގެ މައިގަނޑު އަމާޒު ކަމުގައިވާ ރަފަހުގައި އާންމު އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ރަފަހުގައި ވަނީ އިސްރާއީލު 8 ސިފައިން މަރާލާފައެވެ. އަޟްހާ އީދުގެ ފުރަތަމަ ދުވަހުވެސް އިސްރާއީލު ސިފައިން އެ ސަރަހައްދުގެ ގެތައް ސުންނާފަތިކޮށް، އެ ސަރަހައްދުގައި ހަމަލާތައް ދެމުން ދިޔައެވެ.

ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ދެ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަ ކުޑަކުދިންނާ އެކު ނުވަ މީހަކު ޝަހީދުކޮށްލާފައި ވާކަމަށް ފަލަސްތީނުގެ ދައުލަތުގެ ނިއުސް އެޖެންސީ ވަފާ އިން ރިޕޯޓްކޮށްފައި ވެއެވެ.

ރަފަހްގެ ހުޅަނގު ތަލް އައްސުލްތާން އަވަށުގައި ފަލަސްތީނުގެ ދެ މީހަކު އިސްރާއީލުގެ އިތުރު ހަމަލާއެއްގައި ޝަހީދުވެފައިވާ އިރު، އޭގެ ފަހުން އިސްރާއީލު ސިފައިންވަނީ ޝަހީދުވި މީހުންނާ ހަމައަށް ދާން އުޅުނު އެމްބިއުލާންސަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.

ނަތަންޔާހޫ ހަމަލާތަށް މެދުކަނޑާލުމާ ދެކޮޅު ހެދުމުގެ ސަބަބުން ޣައްޒާއަށް އެހީ ގެނައުމުގެ މައްސަލާގައި ސިޔާސީ ނުތަނަވަސްކަން އުފެދިފައި ވާއިރު ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަނީ ޣައްޒާގައި އިންސާނީ ކާރިސާއެއް އުފެދި، ބަނޑުހައިހޫނުކަން ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ނަތަންޔާހޫގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހަރުކަށި އެއް ނޭޝަނަލިސްޓް ދީނީ ޕާޓީގައި އިސްކޮށް ހުންނެވި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓާމާރް ބެން-ގްވީރު ޓެކްޓިކަލް ހުއްޓުމެއް ގެނައުމުގެ ވިސްނުން ކުށްވެރިކުރައްވައި ވިދާޅުވީ، އެކަން ނިންމި ކޮންމެ މީހަކީ ވަޒީފާ ގެއްލޭނެ "މޮޔައެއް" ކަމަށެވެ.

ޣައްޒާއަށް އަންނަ އެހީތައް އިތުރަށް ކުޑަކުރަން ހަރުކަށި ފިކުރުގެ ސަރުކާރުގެ ވަޒީރުން ބޭނުންވާއިރު، އިސްރާއީލުން ރަފަހު ބޯޑަރު ހުރަސްކުރާ މުހިއްމު ސަރަހައްދު ހިފުމަށްފަހު، ޣައްޒާއަށް ދޭ އެހީ އަށް ވަނީ ވަރަށް ބޮޑަށް ހުރަސްއަޅާފައެވެ. އަދި ޣައްޒާއަށް އެހީގެ ޝިޕްމަންޓްތައް ނުފޯރާގޮތަށް ކަނާތު ފިޔައިގެ އިސްރާއީލުން ދަނީ މުޒާހަރާކޮށް މަގުތައް ބަންދުކުރަމުން ނެވެ.

ވަކި ގަޑިއަކަށް ހަނގުރާމަ މެދުކަނޑާލުމަށް ނިންމި މައްސަލައަކީ އިސްރާއީލުގެ ގުޅިފައިވާ ޕާޓީތަކުގެ މެންބަރުންނާއި އަސްކަރިއްޔާއާ ދެމެދު ހިޔާލުތަފާތުވުން ތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ނިންމާފައިވާ ނިންމުމެކެވެ. އަދި ޣައްޒާގައި ކުރާ ހަނގުރާމައިގައި ނަތަންޔާހޫގެ ހަރުދަނާ ސްޓްރެޓެޖީއެއް ނެތް ކަމަށް ބުނެ ސެންޓްރިސްޓް ކުރީގެ ޖެނެރަލް ބެނީ ގަންޓްޒް ސަރުކާރު ދޫކޮށްލިތާ ހަފްތާއެއް ފަހުން އަސްކަރިއްޔާއިން ނިންމި ނިންމުމެކެވެ.

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުރިއަށްދާއިރު، އިސްރާއީލާއި ލުބްނާން ބޯޑަރު ހުރަސްކޮށް ހިނގަމުންދާ ހަމަނުޖެހުންތައް މިހާރު ވަނީ ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު ހީވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.