ޣައްޒާގައި ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ފަރުވާ ބޭނުންވާ 50،000 ކުދިން

ޔުނިސެފުގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވި ގޮތުގައި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ދަތިއިރު، އެތެރެ ކުރެވޭ އެހީ އާއިލާތަކާ ހަމައަށް ވާސިލު ކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.

ގެދޮރުން މަހުރޫމުވެފައިވާ ޣައްޒާގެ ކުޑަކުދިންތަކެއް ސުންނާފަތިކޮށްފައިވާ ސުކޫލެއްގައި، ފޮޓޯ: އީޕީއޭ

ޣައްޒާގައި ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން އަނަރޫފަވެފައިވާ 50،000 އަށްވުރެ ގިނަ ކުދިން ފަރުވާއަށް ބޭނުންވެފައި އެބަތިބި ކަމަށް އދ.އިން ބުނެފި އެވެ. 

ހޮނިހިރުދުވަހު ނެރުނު ބަޔާނެއްގައި އދ.އިން ބުނީ ޣައްޒައަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރިމަތިކުރަމުންދާ ހުރަސްތަކާއި ހިފަހެއްޓުންތަކުގެ ސަބަބުން ޣައްޒާގައި ދިރިއުޅޭ މީހުންނަށް ހައިހޫނުކަން ތަހައްމަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރި ނަމަވެސް  ހާލަތު އޮތީ ކާރިސީ ދަރަޖައެއްގައި ކަމަށެވެ. 

ޔުނިސެފުގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވި ގޮތުގައި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ދަތިއިރު، އެތެރެ ކުރެވޭ އެހީ އާއިލާތަކާ ހަމައަށް ވާސިލު ކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. އެގޮތުން އދ އުފެއްދި ފަހުން ހިނގި އެއްވެސް ހަނގުރާމައެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ މީހުން މަރުނުވާ މިންވަރަށް ޣައްޒާގައި ހިނގާ ހަނގުރާމައިގައި އިންސާނީ އެހީތެރިން މަރުވެފައިވާކަމަށް އޭނާ ބުންޏެވެ. 

އިތުރަށް އެލްޑާ ވިދާޅުވީ ބުދަދުވަހު ޔުނިސެފުން  10،000 ކުދިންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ސިއްހީ ސާމާނު އުފުލާ ގާފިލާއެއް ޣައްޒާއަށް އެތެރެކޮށްފައިވާ ކަމަށެވެ. އިސްރާއީލުން ކުރިއާލާ ހުއްދަ ހޯދައިގެން ދަތުރުކުރި ގާފިލާއަށް 40 ކިލޯމީޓަރު ދިގު ދަތުރެއް ކުރަންޖެހުނެވެ. 

ނަމަވެސް ގާފިލާ ދަތުރުކޮށް އެ ޓުރަކު ޣައްޒާއަށް އެތެރެވާން މަސައްކަތްކުރަނިކޮށް އެކަމަށް އިސްރާއީލުން ހުރަސްއަޅާފައިވާތީ އެލްޑާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އިސްތިއުމާރީ ބާރުގެ ހައިސިއްޔަތުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ޒިންމާ އޮންނާނީ އިސްރާއީލަށް ކަމުގައި އެލްޑާ ވިދާޅުވި އެވެ. 

އެއްގަމު މަގުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ރަފަޙުގެ އެއް މަގު އިސްރާއީލުންވަނީ ބަންދުކޮށްފަ އެވެ. މި ފިޔަވަޅާއެކު ޣައްޒާގެ ދެކުނާއި މެދުތެރޭގެ ސަރަހައްދުތަކުގައި ހައިހޫނުކަމުގެ ހާލަތު އިހުނަށްވުރެ ގޯސްވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓުކުރެ އެވެ. 

ދުނިޔޭގެ ކާނާގެ ޕްރޮގުރާމުގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓާ ކާލް ސްކާއޫ ވިދާޅުވީ ފަލަސްތީނު ރައްޔިތުން ތަހައްމަލު ކުރާ ނިކަމެތި ހާލަތަކީ އޭނާ ދުވަހަކުވެސް ދެކެފައިނުވާހާ ނިކަމެތި ހާލަތެއް ކަމަށެވެ. 

ޣައްޒާގައި މިލިއަނަކަށްވުރެ ގިނަ މީހުން ސާފު ބޯފެނާއި ފާހާނާ ކުރެވޭނެ ގޮތެއް ނެތި ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ސަރަހައްދުގައި ނަރުދަމާ ހަލާކުވެ ލީކުވެ މަގުތައް ތަޣައްޔަރުވެފައިވާކަމަށްވެސް ސްކާއޫ ވިދާޅުވި އެވެ. 

ފާއިތުވި މަސްތަކުގައި އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔައިގެ ޖަމާއަތްތަކުން އަންނަނީ އިންސާނީ އެހީ ފޯރުކޮށްދޭ ގާފިލާތަކަށް ހުރަސްއަޅައި އެހީ ޣައްޒާއަށް ވާސިލުވިޔަނުދީ ހުއްޓުވަމުންނެވެ. އެކަމުގެ ސަބަބުން އެއިން ބައެއް ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.