އިލްމުވެރީން ވިދާޅުވާ ގޮތުގައި އީދު ނަމާދު ކުރުން މޮޅު އިތުރުވެގެން ވަނީ ހުސް މައިދާންތަކުގަ އެވެ. ނަބިއްޔާ އަމަލު ކުރެއްވީ އެގޮތަށެވެ. އެންމެ މާތް މިސްކިތްކޮޅު ދޫކުރައްވާ އެކަލޭގެފާނު އީދު ނަމާދަށް ނިކުންނެވީ ހުސް މައިދާންތަކަށެވެ.
އަލްހާ އީދު ނަމާދު ކުރުމަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އޮތް ބޮޑު ޖަމާއަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.
ރާއްޖޭގައި ހުސް މައިދާންތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ފެށީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ އަހަރު އޮތް ބޮޑު ޖަމާއަތަށް ރައީސް ވަހީދު ވަޑަައިގެން ހުސް މައިދާނުގައި ކުރެވުނު އީދު ނަމާދުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ދެ އީދަށް ހުސް މައިދާން ތައްޔާރު ކުރެ އެވެ.
ނަމަވެސް ގައުމުގެ އެންމެ އިސްވެރިޔާ -- ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަނީ އިސްލާމީ މަރުކަޒަށެވެ. ފަހުން އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި އޮންނަ ގޮތުގައި މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް އޮންނަނީ އީދުގެ ބޮޑު ޖަމާއަތެކެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް އީދު ނަމާދު ކުރެއްވީ އިސްލާމީ މަރުކަޒުގެ ޖަމާއަތުގަ އެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އީދުގައި އެމަނިކުފާނުވެސް އީދު ނަމާދު ކުރެއްވީ އިސްލާމީ މަރުކަޒުގަ އެވެ.
ނަމަވެސް އަހަރުތަކަކަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އޮތް ބޮޑު ޖަމާއަތުގައި ބައިވެރިވެވަޑައިގެން ހުސް މައިދާނުގައި ކުރެވުނު އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެމަނިކުފާނާ އެކު ދެ ދަރިކަލުން ވެސް ވަޑައިގެންނެވި އެވެ.
އިލްމުވެރީން ވިދާޅުވާ ގޮތުގައި އީދު ނަމާދު ކުރުން މޮޅު އިތުރުވެގެން ވަނީ ހުސް މައިދާންތަކުގަ އެވެ. ނަބިއްޔާ އަމަލު ކުރެއްވީ އެގޮތަށެވެ. އެންމެ މާތް މިސްކިތްކޮޅު ދޫކުރައްވާ އެކަލޭގެފާނު އީދު ނަމާދަށް ނިކުންނެވީ ހުސް މައިދާންތަކަށެވެ. އެއީ އެކަލޭގެފާނުގެ މަތިވެރި ސުންނަތެވެ. އެ ސުންނަތް ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ފެތުރިފައިވެ އެވެ.
ހުރިހާ ރަށެއްގައިހެން ހުސް މައިދާންތަކުގައި އީދު ނަމާދު ކުރެ އެވެ.