ޑެންގޫގެ ކޭސްތައް އެންމެ ގިނައީ ނ. ރ. އަދި މ. އަތޮޅުގައެވެ.
މިހާރު އެންމެ ގިނައިން ޑެންގޫ ހުންޖެހިގެން މާލެ ފޮނުވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުން ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
މިދުވަސްވަރު ހުމާއި ރޯގާ ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޑެންގޫގެ ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރުވެސް އިތުރެވެ. ޑރ. ފައިސަލް މިއަދު ވިދާޅުވި ގޮތުގައި ޑެންގޫގެ ކޭސްތައް އެންމެ ގިނައީ ނ އަތޮޅާއި ރ އަދި މ. އަތޮޅުގައެވެ. މާލެއިން ވެސް ޑެންގޫ ކޭސްތައް ފެންނަމުން އަންނަ ކަމަށެވެ.
ހުން އަންނަ ނަމަ ޑޮކްޓަރަށް ދައްކަން ޖެހޭ ހާލަތްތައް ވެސް ފައިސަލް ތަފްސީލުކޮށް ދެއްވިއެވެ. އިތުރު އަލާމާތެއް ނެތަސް، ހުން އަންނަތާ ތިން ދުވަސް ވެއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އޭނާ އިރުޝާދު ދެއްވައެވެ. އަދި ހޮޑުލައި، ވަރުބަލިވެ އިތުރު އަލާމާތްތައް ފެންނަ ނަމަ ތިން ދުވަސް ނުވިޔަސް ޑޮކްޓަރަށް ދައްކަން އެދިފައިވެއެވެ.
އެޗްޕީއޭ އިން ފަހުން ތަފާސްހިސާބެއް ނެރެފައި ވަނީ މިދިޔަ މަހުގެ ކުރީ ކޮޅު އެވެ. އޭރު އެޗްޕީއޭ އިން ވަނީ ހުމާއި ރޯގާގެ އިތުރުން ގައިން ގަޔަށް އަރާ ބަލިތަކެއް ހަލުވި ކަމާއެކު ފެތުރޭތީ ސަމާލުވާން އަންގައިފަ އެވެ.
އެޗްޕީއޭއިން އޭރި ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ސެޕްޓެމްބަރާ ހަމައށް އަރިދަފުސް ރޯގާ ފެތުރުން އިތުރުވެ ކްލިނިކްތަކަށް ވެސް ބާރު ބޮޑުވެފައިވާ ކަމަށެވެ. އޭރު ހަ ބައްޔެއް ފެތުރެމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިދުވަސްވަރު އަރިދަފުސް ރޯގާ އާއި ޑެންގޫ ޖެހުން އިތުރުވެފައިވާތީ އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދުމުން އެޗްޕީއޭ އިން "މި" ނޫހަށް ބުނެފައި ވަނީ އެކަމާ ގުޅުންހުރި ރިޕޯޓް މާދަމާ އާންމު ކުރާނެ ކަމަށެވެ.