އެހެންކަމުން، ދެމަފިރިން ވަރިވެފައި ވަނީ ގެވެށި އަނިޔާގެ ސަބަބުން ކަމަށް ބެލެވެ އެވެ. އަދި އޭނާ ޑީޕޯޓް ކުރަން ނިންމީ ވެސް މިކަމާ ގުޅިގެން ކަމަށް ވެސް ބެލެވެ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓް ކޮށްލި ސްރީލަންކާގެ ރައްޔިތަކު އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ވަގުތީ އަމުރެއް ހޯދަން ސިވިލް ކޯޓަށް ދިއުމުން އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް އެ ކޯޓުން ހުކުމް ކޮށްފި އެވެ.
ލަންކާ އަށް ނިސްބަތްވާ އެންތޮނީ ވަރެން ކިޔާ އެމީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއެއް ލިބިފައިވާ މީހެކެވެ. ދަރީގެ ރަޖިސްޓްރީ އޮންނަނީ ރާއްޖޭގަ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެ ދެމަފިރިން ވަނީ ވަރިވެފަ އެވެ. ވަރިވުމުން މެރިއޭޖް ވިސާ ކެންސަލް ވާނެ އެވެ. އޭގެ ދެ ދުވަސް ފަހުން ފެމެލީ ކޯޓުން ވަނީ އެންތޮނީގެ މައްޗަށް ރައްކާތެރިކަމުގެ އަވަސް އަމުރެއް ނެރެފަ އެވެ.
އެހެންކަމުން، ދެމަފިރިން ވަރިވެފައި ވަނީ ގެވެށި އަނިޔާގެ ސަބަބުން ކަމަށް ބެލެވެ އެވެ. އަދި އޭނާ ޑީޕޯޓް ކުރަން ނިންމީ ވެސް މިކަމާ ގުޅިގެން ކަމަށް ވެސް ބެލެވެ އެވެ.
ކޯޓުގައި އޭނާ އެދިފައި ވަނީ އޭނާއަށް ލޯޔަރަކު ހަމަޖެއްސޭނެ ކަމަށާއި، ޓޫރިސްޓް ވިސާގައި އޭނާއަށް ރާއްޖޭ އާދެވޭނެ ކަމާއި، އިތުރު އުނދަގުލަކާ ނުލައި އެންޓްރެންސް ސްޓޭމްޕް ޖަހައިދީ ރާއްޖެއަށް އައުމުގެ ހުއްދަ ދިނުމަށް އިމިގްރޭޝަންގެ މައްޗަށް ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމަށެވެ.
އޭނާ ކޯޓުގައި ބުނެފައި ވަނީ އިމިގްރޭޝަނުން އޭނާގެ ވިސާ ބާތިލުކޮށްފައި ވަނީ އޭނާ ޑީޕޯޓް ކޮށްލިކަން ނުވަތަ ބްލެކްލިސްޓު ކުރިކަން އޭނާއަށް ނާންގާ ކަމަށެވެ.
ޓޫރިސްޓް ވިސާގައި އޭނާ ރާއްޖެ އެތެރެވާން ހުއްދަ ދިނުމަށް އެދިފައި ވަނީ ދަރިފުޅާ ބައްދަލުކުރުމަށް ކަމަށާއި، އެ ހުއްދަ ނުދީފިނަމަ ބައްޕައަކު ދަރިޔަކާ ބައްދަލުކުރުމުގެ ހައްގު ނިގުޅިގެންދާނެ ކަމަށް ވެސް ބުންޏެވެ. އަދި އޭނާގެ ދަރީގެ މަސްލަހަތު ހިނގާ މައްސަލައެއް ކޯޓުގައި ހިނގަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
އިމިގްރޭޝަނުން މިފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް ދެކޮޅު ހަދާފައިވެ އެވެ. އެގޮތުން، ވަގުތީ އަމުރެއް ނެރެދެންވާނީ އަވަހަށް ފަރުވާ ހޯދަން ޖެހޭ މައްސަލަތަކުގައްޔާއި އިންސާފު ގާއިމް ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ވާނަމަ ކަމަށް ބުނެފައިވެ އެވެ.
އޭނާ ވަގުތީ އަމުރަށް އެދިފައި ވަނީ ސިވިލް ކޯޓަށް ދައުވާ ހުށަހެޅުމުގެ ވެސް ކުރިންނެވެ. މައުލޫއީ މައްސަލަ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރަކަށް ނޭދެވޭނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.