މިހާތަނަށް ޓެކުހުގެ ގޮތުގައި 12 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިއަދަދު މިދިޔަ އަހަރު ހުރީ 11 ބިލިއަން ރުފިޔާގަ އެވެ.
ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ އެއް ބިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.
ފިނޭންސުގެ ހަފުތާ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 11,2 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރު މި އަދަދުހުރީ 12,4 ބިލިއަން ރުފިޔާގަ އެވެ. މިއީ ގާތްގަނޑަކަށް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުގައި ޖެނެރަލް ޖީއެސްޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 2.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރު މި ޓެކުހަށް ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު 4.5 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. މިއީ ޓެކުހުގެ ބައިން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ދާއިރާ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ޖުމްލަ 15,4 ބިލިއަން ރުފިޔާ އާމްދަނީ އަށް ލިބިފައިވެ އެވެ. ހިލޭ އެހީއާ އެއްކޮށް މި އަދަދު މިދިޔަ އަހަރު އުޅެނީ 15 ބިލިއަން ރުފިޔާގަ އެވެ. އާމްދަނީގެ ބައިން ޓެކްސް ނޫން ބައިތަކުން ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. މި އަހަރު ޓެކްސް ނޫން އާމްދަނީ 2.7 ބިލިއަން ރުފިޔާގައި ހުރިއިރު މިދިޔަ އަހަރު މި އަދަދު ހުރީ 3.1 ބިލިއަން ރުފިޔާގަ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު 156.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 79.4 މިލިއަން ރުފިޔާ އެވެ.