އިންސާނީ އެހީ ފޯރުކޮށްދޭ ގާފިލާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް އެ ގާފިލާތައް ހިމާޔަތްކުރުމަކީ އިސްރާއީލު ސަރުކާރުގެ ޒިންމާއެއް ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ.
ޣައްޒާ ހައިހޫނުކަމުގެ ހާލަތަކަށް ވެއްޓުމުގެ ނުރައްކާ ބޮޑުވެފައިވަނިކޮށް އެ ސަރަހައްދަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ގާފިލާއަކަށް ހަމަލާދީ ހުރަސްއަޅައި ގެއްލުންދިން އިސްރާއީލުގެ ހައްދު ފަހަނައެޅި ޖަމާއަތަކާމެދު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
އެމެރިކާ ސަރުކާރުން ހުކުރުދުވަހު އިއުލާނުކުރި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޣައްޒާއަށް އެއްވެސް އެހީއެއް ވާސިލުވިޔަ ނުދޭން މަސައްކަތްކުރާ ހަރުކަށި ޖަމާއަަތެއް ކަމަށްވާ "ޒާވް-9"އަށް އަމާޒުކޮށް އެޅި ފިޔަވަޅުތަކެކެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި މި ގުރޫޕުންވަނީ އިންސާނީ އެހީ އުފުލާ ޓްރަކުތަކުގައި ރޯކޮށް އެ ޓުރަކުތައް ލޫޓުވާފަ އެވެ.
"އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދިނުމަކީ އެ ސަރަހައްދަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވިޔަނުދީ، ހައިހޫނުކަމުގެ ތެރެއަށް ވެއްޓުނަނުދީ ހިފަހެއްޓުމަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއް،" އެމެރިކާގެ ޑިޕާޓުމެންޓު އޮފް ސްޓޭޓްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އިންސާނީ އެހީ ފޯރުކޮށްދޭ ގާފިލާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް އެ ގާފިލާތައް ހިމާޔަތްކުރުމަކީ އިސްރާއީލު ސަރުކާރުގެ ޒިންމާއެއް ކަމަށާއި، މި އަސާސީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއަޅައި އެ ގާފިލާތަކަށް ގެއްލުން ދިނުން ތަހައްމަލު ނުކުރާނެ ކަމަށްވެސް އެ ބަޔާނުގައި ސްޓޭޓް ޑިޕާޓުމެންޓުން ބުންޏެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ އިންސާނީ އެހީދޭ ގާފިލާތައް ހިމާޔަތްކުރުމަށް އިސްރާއީލުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރާ މަސައްކަތަށް އެ ގައުމުގެ ހަރުކަށި ހައްދު ހަފަނައެޅި ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމަރް ބެން-ގްވިރް ހުރަސްއެޅުއްވި ކަމަށް އިސްރާއީލުގެ ޕޮލިސް ކޮމިޝަނަރު ކޯބީ ޝަބްތައި ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.
ޣައްޒާއަށް އިންސާނީ އެހީ ވާސިލުވުމަށް ހުރަސްއަޅަން އިސްރާއީލުގެ ހައްދުފަނައެޅި ޖަމާއަތްތަކުން އިހުތިޖާޖުކުރާތާ މިހާރު އެތައް މަަހެއް ފާއިތުވެއްޖެ އެވެ. ޣައްޒާ އޮތީ އިސްރާއީލުން ހިސޯރުކޮށް ބަންދުކޮށްފައި ކަމުން އިސްރާއީލުގެ ހުއްދަ ނެތި އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ ކުރެވޭ ކަމެއް ނޫނެވެ.
ފާއިތުވި ހަފުތާތަކުގައި އެހީގެ ގާފިލާތަކަށް މުޒާހަރާވެރިން ހަމަލާދޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް ހުޅަނގު އައްސޭރި ހުރަސްކޮށް ދަތުރުކުރާ ގާފިލާތައް ހުއްޓުވުން އާންމުވެފައިވެ އެވެ. އެގޮތުން ހިބްރޫނުގެ އުސްބިންތައް ހުރަސްކޮށް ދަތުރުކުރި ގާފިލާއެއްގެ ދެ ޓުރަކެއްގައި ފާއިތުވި މަހު މުޒާހަރާވެރިން ރޯކޮށްލާފައިވެ އެވެ.
އެމެރިކާއިން އެޅި ފިޔަވަޅުތަކާއެކު ޒަވް-9 އާ ފައިސާގެ މުއާމަލާތްކުރުން އެމެރިކާ ރައްޔިތުންނަށް މަނާވާނެ އެވެ. އަދި އެޖަމާއަތުގެ އެއްވެސް އެސެޓެއް ނުވަތަ ފައިސާއެއް އެމެރިކާގައި ހުރިނަމަ އެތަކެތި ފްރީޒް ކުރެވޭނެ އެވެ. މި ފިޔަވަޅުތަކަކީ ހުޅަނގު އައްސޭރީގެ ސުލްހައާއި ހަމަޖެހުން ގެއްލުވައިލަން މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ބައިޑަންގެ ރިޔާސީ ގަރާރަކުން އެކުލަވާލާފައިވާ އޮނިގަނޑުގެ ތެރެއިން އެޅި ފިޔަވަޅުތަކެކެވެ.
ނަމަވެސް ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާމެދު ހިންގާ އަނިޔާވެރި އަމަލުތަކުގައި ޝާމިލުވާ އިސްރާއީލުގެ ވެރިންނާ މެދު ފިޔަވަޅުއެޅުމަށް ގިނަ ބަޔަކު ގޮވައިލި ނަމަވެސް މިހާތަނަށް އެމެރިކާއިން އިސްރާއީލުގެ އެއްވެސް މަސްއޫލުވެރިޔަކާމެދު މި ގަރާރުގެ ދަށުން ފިޔަަވަޅެއް އަޅާފައި ނެތެވެ.