ރާއްޖޭގައި ލޭ ބޭނުންވާ މިންވަރު އެހެން ގައުމުތަކަށްވުރެ އިތުރު

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމުކުރުމެވެ. މި އަހަރު ހދ.ކުޅުދުއްފުށި އަދި ރ.އުނގޫފާރުގައި ބްލަޑް ބޭންކު ގާއިމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް ބޭނުންވާ ލޭ ލިބެނީ ރާއްޖޭގެ އާބާދީގެ 3 އިންސައްތަ ގަވައިދު ލޭ ހަދިޔާކުރުމުން، ފޮޓޯ ގޫގުލް

އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ލޭ ބޭނުންވާ ނިސްބަތް މަތިކަމަށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ބްލަޑް ސާވިސަސްއިން ބުނެފި އެވެ. 

ބައިނަލްއަގުވާމީ ލޭ ހަދިޔާ ކުރާ ދުވަހުގެ މުނާސަބަތުގައި އެ ސާވިސަސްއިން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު ލޭ ހަދިޔާ ކުރާ ދުވަހުގެ ޝިއާރަކީ "ދިރުން ހިއްސާކުރޭ، ލޭ ހަދިޔާ ކުރޭ" ކަމަށެވެ. 

އެ ސާވިސަސްއިން ބުނީ ދިވެހިރާއްޖެއަކީ ނިސްބަތުން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުން ގިނަ ގައުމެއް ކަމަށެވެ. އަދި އެއާއެކު ރާއްޖޭގައި ލޭ ބޭނުންވާ މިންވަރުވެސް އެހެން ގައުމުތަކަށްވުރެ އިތުރު ކަމަށެވެ.

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާކުރާ ގޮތުން އާންމު ގޮތެއްގައި ގައުމެއްގެ އެއް އިންސައްތަ މީހުން ގަވައިދުން ލޭ ހަދިޔާކުރާނަމަ އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެ އެވެ. 

ނަމަވެސް ޑަބްލިއުއެޗްއޯއިން ލަފާކުރާ ގޮތުގައި ރާއްޖެއަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނީ ދިވެހިރާއްޖޭގެ އާބާދީގެ ތިނެއް އިންސައްތަ މީހުން ލޭ ގަވައިދުން ލޭ ހަދިޔާކުރުމުންނެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ލޭގެ 70 އިންސައްތައަކީ ތެލަސީމިއާ ބަލިމީހުންނަށް ބޭނުންވާ ލޭކަން ބްލަޑް ސާވިސަސްއިން ފާހަގަކުރެ އެވެ. 

ރާއްޖޭގައި އެހެން ގައުމުތަކަށްވުރެ އިތުރަށް ލޭ ބޭނުންވާއިރު ތިން ބާވަތެއްގެ މީހުން ލޭ ހަދިޔާކުރާކަމަށް ބްލަޑް ސާވިސަސްއިން ބުނެފައިވެ އެވެ. 

ލޭ ހަދިޔާކުރާ މީހުން ބެހޭ ބައިތައް

  • 1.ހިލޭސާބަހަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރާ މީހުން
  • 2.ވަކިމީހަކަށް ދިނުމުގެ ގޮތުން ލޭ ހަދިޔާ ކުރާ މީހުން
  • 3.އެކި މުއައްސަސާތަކުން ހިންގާ ލޭ ހަދިޔާކުރުމުގެ ކެމްޕެއިންތަކުގައި ލޭ ހަދިޔާ ކުރާ މީހުން

ބްލަޑް ސާވިސަސްއިން ބުނި ގޮތުގައި 2022 ވަނަ އަހަރު 53 ބްލަޑް ކޭމްޕު ބޭއްވުނުއިރު 2023ބގައި އެ އަދަދު 17 އިންސައްތަ އިތުރުވި އެވެ. އެގޮތުން ފާއިތުވި އަހަރު 62 ބްލަޑް ކޭމްޕު ބާއްވާފައިވެ އެވެ. 

މި އަހަރު ބްލަޑް ސާވިސަސްގައި ނެގޭ ލޭ އިތުރުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، ހޭލުންތެރިކަން އިތުރުކޮށް ލޭ ހަދިޔާކުރަން ހިންގާ ހަރަކާތްތައް އިތުރުކުރުމަށް ކެބިނެޓުން ނިންމާފައިވާކަމަށް އެ ސާވިސަސްއިން ބުންޏެވެ. 

އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި 27 ބްލަޑް ކޭމްޕެއް ބާއްވާފައިވެ އެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ބާއްވާފައިވަނީ 22 ބްލަޑް ކޭމްޕެވެ. 

އޭގެ އިތުރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމުކުރުމަށް ކަން ފާހަގަކޮށް އެ ސާވިސަސްއިން ބުނީ މި އަހަރު ކުޅުދުއްފުށި ސިޓީއާއި ރ.އުނގޫފާރުގައި ބްލަޑް ބޭންކު ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.