އާރްއޭސީއެލް މުޅީން ބަދަލުކޮށްލައި ފުރިހަމަ ކުންފުންޏަކާ ދިމާލަށް

ރީޖަނަލް އެއާޕޯޓްސް ކުންފުންޏެއްގެ ގޮތުގައި އެއާޕޯޓްތަކާ ހަވާލުވީއިރު ކުންފުނިތަކުގެ ހާލަތު އޮތީ ވަރަށް ގޯސް ކޮށެވެ. ގިނަ ކުންފުނިތަކުގެ ސޭފްޓީ މެނުއަލްތައް ހުރީ މުއްދަތު ހަމަވެފަ އެވެ. މުވައްޒަފުން ތަމްރީން ކުރަމަކުން ނުދެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ
  •  ބައިނަލް އަގުވާމީ 20 އިންސްޓްރަކްޓަރުން އުފައްދައިފި
  •  ފަޔާ ތަމްރީންނަށް ބޭރަށް ފޮނުވުން ނިމުމަކަށް
  •  އެއާޕޯޓުތަކުގެ ސަރަހައްދުން ގެސްޓްހައުސްއަށް ބިން ދެނީ
  •  އަންނަ އަހަރު އާމްދަނީ ޑަބަލް ކުރުމުގެ އަޒުމެއް

އެތެރޭގެ އެއާޕޯޓުތައް ކުރިން ބެލެހެއްޓީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި އޮތް ރީޖަނަލް އެއާޕޯޓްސް ބަލަހައްޓާ ޑިޕާޓްމަންޓަކުންނެވެ. ނަމަވެސް އޭރު ގިނަ އެއާޕޯޓުތަކުގެ މަސައްކަތްތައް ނުބެލެހެއްޓި ކަންކަން ދިޔައީ ބޮއްސުން ލަމުންނެވެ. ނަމަވެސް މި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް ހިންގަން ވަކި ކުންފުންޏެއް ހަދައި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޯލްޑިވިއަންގެ ކުރީގެ އެމްޑީ މުހައްމަދު ރިޒުވީ ހަމަޖެއްސި އެވެ. މިހާރު ރީޖަނަލް އެއާޕޯޓް ކުންފުނި (އާރުއޭސީއެލް) އަކީ ވަރު ގަދަ ކުންފުންޏަކަށް ބަދަލުވަމުން އަންނަ ކަމަށް އެމްޑީ ރިޒްވީ "މި" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"އަޅުގނޑުމެން ކުންފުންޏާ ހަވާލު ވެގެން އެންމެ ފުރަތަމަވެސް ކުރަން ފެށި މަސައްކަތަކީ ރެގިއުލޭޓްރީ ސްޓޭންޑަޑަށް ގެނައުން. ގިނަ އެއާޕޯޓުތަކުގެ މެނުއަލްތައް ވެސް އެކްސްޕަޔާވެފައި އޮތީ. އެއްވެސް ސްޓާފަކަށް ޓްރޭނިންއެއް ނުދީ އޮތީ. އެހެންވެ ފުރަތަމަ ވެސް ކުޑަ ބެޖެޓެއް އޮތަސް ބެލީ ސްޓާފުން ޑިވްލޮޕް ކުރަން. އެހެންވީމަ އިރާދަ ކުރެއްވިއްޔާ އެކަން ވަނީ ނިމިފައި،" ރިޒްވީ ވިދާޅުވި އެވެ.

ދުނިޔެ ގަބޫލުކުރާ އިންސްޓްރަކްޓަރުން ތަމްރީން ކޮށްފި

ރީޖަނަލް އެއާޕޯޓުން މިހާތަނަށް ކުރި މަސައްކަތުން އެ ކުންފުނީގެ ދަށުގައި އޮތް ހަ އެއާޕޯޓަށް ބޭނުންވާ މީހުން ތަމްރީން ކުރަން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާ ގަބޫލު ކުރާ ސްޓޭންޑަޑުގެ 20 އިންސްޓްރަކްޓަރުން ވަނީ ތަމްރީން ކޮށްފަ އެވެ.

"އެއްވެސް ހަމައެއް ލަމައެއް ނެތި ކުރިން އޮތް ތަނެއް މިއީ. އެކަމަކު މިހާރު ސިވިލް އޭވިއޭޝަނުން ބެލިއަސް އެދޭ ހުރިހާ ޑޮކިއުމެންޓޭޝަނެއް މިހާރު ހަމަވާނެ،" ރިޒްވީ ވިދާޅުވި އެވެ.

އެއްވެސް ހަމައެއް ލަމައެއް ނެތި ކުރިން އޮތް ތަނެއް މިއީ. އެކަމަކު މިހާރު ސިވިލް އޭވިއޭޝަނުން ބެލިއަސް އެދޭ ހުރިހާ ޑޮކިއުމެންޓޭޝަނެއް މިހާރު ހަމަވާނެ

މުހައްމަދު ރިޒުވީ | ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ

ރާއްޖޭގެ ހަ އެއާޕޯޓުތަކުގެ "މެނުއަލް" ތައް ފުރިހަމަކޮށް ލައިސަންސްތައް ހަމަ ކުރުމުގެ އިތުރުން އެއާޕޯޓުތަކުގެ އިންފްރާސްޓްރަކްޗާގެ ބައެއް މަސައްކަތްތައް ވެސް ރީޖަނަލް އެއާޕޯޓް ކުންފުނިން ދަނީ ކުރަމުންނެވެ.

އެމްޑީ ރިޒްވީ ވިދާޅުވި ގޮތުގައި ރައީސް އޮފީހުން ވެސް އިސްކަން ދީގެން ހިންގި މަސައްކަތްތަކަކުން ހަތަރު އެއާޕޯޓެއްގެ ސެކިއުރިޓީ ސްކްރީނިން މެޝިނަރީ ވެސް ހަރުކުރެވިފައިވެ އެވެ.

"އިކްއިޕްމަންޓްތައް ވެސް ހަމަ ކުރެވިއްޖެ. ފަޔަ ރިކުއާމަންޓަށް ބޭނުންވާ ސާމާނު ވެސް. މިހާރު ކުރަމުން މި ގެންދަނީ ފަޔާ ޓްރެކު ހޯދަން. މިކަންވެސް މަހެއްހާ ދުވަހުގެ ތެރޭގައި ހޯދޭނެކަން. ފަޔާ ޓްރެކަކީ އޯޑަރު ދޭތާ 14 މަސް ތެރޭގައި ލިބޭ އެއްޗެއް. އެކަން އެންމެ އަވަހަށް މި ކުރަނީ،" ރިޒްވީ ވިދާޅުވި އެވެ. "ޓާމިނަލް ބޮޑު ކުރުން ފަދަ ބައެއް މަސައްކަތް އަންނަ އަހަރު ކުރެވޭނެހެން. މިއީ ޕަބްލިކަށް ފެންނާނެ ކަމަކީ. ނަމަވެސް ލޮލަށް ނުފެންނަ ގިނަ މަސައްކަތް ތަކެއް ވަނީ ކުރެވިފަ،"

ބޭރަށް ފަޔާ ޓްރޭނިން ހަދަން ދިއުން ނިމުމަކަށް

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް މުހިންމު ހިދުމަތެއް ގާއިމްކޮށްފަ އެވެ. ކުރިން ރާއްޖޭން ބޭރަށް ފަޔާ ޓްރޭނިން އަށް މީހުން ފޮނުވަމުން ދިއުމުގެ މަސައްކަތް ވަނީ ހުއްޓުމަކަށް ގެނެވިފަ އެވެ.

ރީޖަނަލް އެއާޕޯޓް ކުންފުނީގެ އެމްޑީ ރިޒްވީ -- ހޮޓެލިއާ މޯލްޑިވްސްގެ ފޮޓޯއެއް

"ކުރީގެ އެމްއޭސީއެލްގެ ފަޔާ ޗީފް ފަޔާޒް މަސައްކަތުން،. އަޅުގަނޑުމެން ފަޔަރުގެ އެކަޑެމީ މި އިންނަނީ ހޯރަފުށީގައި. އެއީ ރަނގަޅު ސިމިއުލޭޓަރެއް. މިއީ ކުރިން 10،000 ޑޮލަރު ހަރަދު ކުރަން ޖެހޭ ކަމެއް. އެހެންވީމަ މިއީ އަޅުގަނޑުމެންގެ އިކޮނޮމީއަށް ސަލާމަތް ކޮށްދެވުނު އެއްޗެއް،" ރިޒްވީ ވިދާޅުވި އެވެ.

"މިހާރު މި ކުންފުނީގައި 400 މުވައްޒަފުން އެބަތިބި. އެކަމަކު އަދި ވެސް އިތުރު މުވައްޒަފުން ބޭނުންވޭ. ބަޖެޓުތަންދޭ ވަރަކުން މީހުން ހަމަ ކުރަމުން މި ގެންދަނީ،" ރިޒްވީ ވިދާޅުވި އެވެ.

އާމްދަނީ އިތުރުވުމާ ދިމާލަށް

ސަރުކާރު ގިނަ ކުންފުނި ތަކަކީ ބަޖެޓުން ޕަންޕުކޮށްގެން ހިންގާ ކުންފުނި ތަކެވެ. ރީޖަނަލް އެއާޕޯޓްސް ކުންފުންޏަވެސް ބަޖެޓުން ފައިސާ ޕަންޕު ކުރެ އެވެ. މި އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 20 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަންނަ އަހަރު މި އަދަދު ދެ ގުނަ އިތުރު ކުރަން އެ ކުންފުނިން ވަނީ މަސައްކަތް ފަށާފަ އެވެ.

އެމްޑި ރިޒްވީ ވިދާޅުވި ގޮތުގައި އެއާޕޯޓްރަކަށް ފައިސާ ވަންނަނީ ތެޔޮ އެޅުން ފަދަ "ނަން އެއާރޯ" ގެ ބައިންނެވެ. އެފަދަ ހިދުމަތްތަކެއް ގާއިމްކޮށްގެން އާމްދަނީ އިތުރު ކުރުމަކީ އުންމީދެކެވެ.

"އަޅުގަނޑުމެން މިހާރު ތައްޔާރު މިވަނީ އެއާޕޯޓްސްތަކުގެ ބައުންޑްރީގެ ތެރޭގައި އޮތް ސަރަހައްދުން ގެސްޓްހައުސް ހަދަން އާއްމު ރައްޔިތުންނަށް ހުޅުވާލަން. މުޅިތަން އެކީގައި ނުދީ ބަހާލައިގެން ކުޑަ ރެންޓެއްގައި އެކަން ކުރެވޭނެ ގޮތަށް އަންނަ މަހު ހިސާބު އިއުލާނު ކުރެވޭނެ. މި ވިސްނަނީ ލޭންޑް ޔޫޓިލައިޒް ކޮށްގެން އާމްދަނީ ހޯދަން،" ރިޒްވީ ވިދާޅުވި އެވެ.

"މި އަހަރުތެރޭގައި ގިނަ ކަން ތަކެއް ފައިނަލްކޮށްފައި. އަންނަ އަހަރު މަސައްކަތް ފެށޭނެ"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.