އެންމެ ބޮޑަށް ބޭނުންވާ ރަށްތަކަށް އިސްކަންދީގެ ކައުންސިލު އިމާރާތް އެޅުމުގެ މަޝްރޫއެއް ހިންގަވާނެކަން ރައީސް ޑރ.މުއިއްޒު އިއުލާނުކުރެއްވީ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދީގެން ކައުންސިލު އިމާރާތްތައް އެޅުމަށް ސަރުކާރުން ހިންގަން ނިންމާފަައިވާ މަޝްރޫއުގެ ދަށުން ކައުންސިލު އިމާރާތް އަޅައިދޭނެ 50 ރަށް ސަރުކާރުން އިއުލާނުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކައުންސިލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، އިމާރާތް ބާވެ ވީރާނާވުމުގެ މައްސަލަތައް ހައްލު ކުރެއްވުމަށް 50 ރަށެއްގެ ކައުންސިލު އިމާރާތް އެޅުމުގެ މަޝްރޫއެއް އެމަނިކުފާނު އިއުލާނުކުރެއްވި އެވެ.
އެ މަޝްރޫއުގެ ދަށުން ކައުންސިލު އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައެޅުމަށް ކްރައިޓީރިއާތަކެއް ކަނޑައަޅައި އެ މަސައްކަތްކުރީ ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކްރައިޓީރިއާތަކާއެކު އެ އިމާރާތް އެޅުމަށް އިހުތިޔާރުކުރި ރަށްރަށުގެ ލިސްޓު ހާމަކޮށްފައިވެ އެވެ.
މިނިސްޓްރީން ރަށްތައް ކަނޑައެޅުމުގައި ބެލި މިންގަނޑަކީ ކައުންސިލުތަކުގެ އިމާރާތް މިހާރު ހުރި ހާލަތަށް ބެލުމާއެކު، އެ ތަނުގެ ޖާގައާއި ކައުންސިލުތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މިންވަރު ކަމަަށް މިނިސްޓަރީން ބުންޏެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މި ރަށްތައް އިހުތިޔާރުކުރުމުގައި 2023 އަދި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން ކައުންސިލު އިމާރާތް އެޅުމަށް ހިމަނާފައިވާ ރަށްތައް ނުހިމަނާ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ މި އަހަރު އަޅަން ނިންމާފައިވާ 50 އިމާރާތް އަޅާނެ ރަށްތައް ކަނޑައެޅުމުގައި އިމާރާތުގެ ހާލު އެންމެ ދެރަ ރަށްރަށް ދެނެގަނެ އެ ރަށްރަށަށް އިސްކަން ދީފައިވާނެ ކަމަށެވެ. އެގޮތުން ބެލި ކަންކަމުގެ ތެރޭގައި އެ އިމާރާތެއް މަރާމާތު ކުރަންޖެހޭ މިންވަރާއި، ޖާގައާއި ސްޓޯ ރޫމާއި، ނަމާދު ކޮޓަރިއާއި އެހެނިހެން ޖާގަތައް ހުރި މިންވަރު ހިމެނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި 50 ރަށުގައި ކައުންސިލު އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން އަޅާ އިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ކައުންސިލުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ލުއިފަސޭހަ ކަމާއެކު ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކޮށްފައި ހުންނަ އިމާރާތްތަކަކަށް ވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
މި ރަށްތަކުގެ އިތުރަށް ނިމުނު އަހަރާއި މި އަހަރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ޕީއެސްއައިޕީގެ ދަށުން 55 ރަށެއްގައި ކައުންސިލު އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުން ގަސްތުކުރަނީ މި ދައުރު ނިމުމުގެ ކުރިން މިހާރު ކައުންސިލު އިމާރާތްތައް ވީރާނާވެފައި ހުރި 102 ރަށެއްގައި ކައުންސިލު އާ އިމާރާތް އެޅުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.