އުޝާމު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ އެކަމާ ގުޅޭ ގޮތުން އެކަށީގެންވާ މިންވަރަށް މަޝްވަރާނުކޮށެވެ. މި ސަރުކާރުން ބިލު ފަރުމާކުރާނީ މަޝްވަރާ ހޯދައިގެންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ނިމުނު ސަރުކާރުގެ ފަހުކޮޅުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ އެކަށީގެންވާ މިންވަރަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ހުށަހެޅި ބިލެއް ނޫންކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ލެޖެސްލޭޓިވް އެޖެންޑާއާ ގުޅޭ މައުލޫމާތު ދިނުމަށް ބަންޑާރަނައިބުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނުއަސާސީއަށް ގެންނަން ސަރުކާރުން ހުށަހަޅާ އިސްލާހުތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފަހެއްޓުމާއި، ޖޭއެސްސީ އިސްލާހުކުރުމަކީ ގާނޫނުއަސާސީއަށް ހުށަހަޅަން ސަރުކާރުން ގަސްތުކުރާ އިސްލާހުތަކެއް ކަމަށެވެ.
އިތުރަށް އުޝާމު ވިދާޅުވީ އެނޫނަސް ދައުލަތުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް އެބަހުރި ކަމަށެވެ. އަދި އެ އިސްލާހުތައް ދެނެގަތުމަށްޓަކައި ދައުލަތުގެ އިދާރާތަކާއެކު މަޝްވަރާ ކުރައްވައި އެ އިދާރާތަކުގެ ހިޔާލު ހޯއްދަވާނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހަޅާ ހުރިހާ އިސްލާހެއް ހުށަހަޅާނީ އެއް ޕެކޭޖުގެ ގޮތުގަ އެވެ.
ޖޭއެސްސީ އިސްލާހުކުރުމަށް ކުރީ ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ އެ ބިލުގައި ޖޭއެސްސީ އެކުލަވައިލަން ހުށަހަޅާފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މިދިޔަ ސަރުކާރު ނިމެން ގާތްވެފައި އޮއްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށްޓަކައި ބިލެއް. އެހެންނަމަވެސް އެއީކީވެސް އަޅުގަނޑަށް ގަބޫލުނުކުރެވޭ އެންމެ ރަނގަޅު ކޮމްޕޮޒިޝަނެއް ކަމުގައެއް،" އުޝާމު ވިދާޅުވި އެވެ.
"އެ ޝަކުވާ އަޅުގަނޑު މި މަގާމާ ހަވާލުވި ހިސާބުން އޮތީ ލިބިފައި، އެންމެ ރަނގަޅަށް މަޝްވަރާނުކޮށޭ އެ ބިލު ހުށަހަޅާފައި އޮތީ. އެހެންވީމާ އަޅުގަނޑު ބޭނުންވަނީ މަޝްވަރާ ކުރުމަށްފަހު އެންމެ ރަނގަޅު ހައްލެއް މިކަމަށް ގެނެވޭނެ ގޮތަކަށް ބިލު އެކުލަވައިލުމަށްފަހު މަޖިލީހަށް ހުށަހަޅަން،"
ބަންޑާރަނައިބު އަޙްމަދު އުޝާމް
އެ ބިލުގައި އޮތް ގޮތް ކަމުނުދާތީ އެ މައްސަލަ ބަންޑާރަނައިބުގެ އޮފީހުން އިތުރަށް ދިރާސާކުރަމުންދާކަމަށް އުޝާމު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން މީގެ ކުރިން އެކި ފަރާތްތައް މެދުވެރިކޮށް ހެދި ބައިވަރު ދިރާސާތައް އެ އޮފީހުގައި އެބަހުއްޓެވެ. ފަހު ގޮތެއް ނިންމާނީ އެ ދިރާސާތަކަށް ބެލުމާއެކު ޖުޑީޝަރީއާ ކަމާ ގުޅުންހުރި ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވި އެވެ.
އުޝާމު ވިދާޅުވީ އޭނާ ބަންޑާރަނައިބުގެ މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު ކުރީ ސަރުކާރުން ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން ހުށަހެޅި ބިލާމެދު އެކަށީގެންވާ މިންވަރަށް މަޝްވަރާކޮށްފައި ނެތްކަަމުގެ ޝަކުވާތައް އޭނާއާ ހަމައަށް އައި ކަމަށެވެ. އަދި އެއިރުގެ ސަރުކާރުން އެ މައްސަލަ ހުުށަހެޅީ އެކަށީގެންވާ ގޮތެއްގައި މަޝްވަރާކުރުމަށްފަހު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އެ ޝަކުވާ އަޅުގަނޑު މި މަގާމާ ހަވާލުވި ހިސާބުން އޮތީ ލިބިފައި، އެންމެ ރަނގަޅަށް މަޝްވަރާނުކޮށޭ އެ ބިލު ހުށަހަޅާފައި އޮތީ. އެހެންވީމާ އަޅުގަނޑު ބޭނުންވަނީ މަޝްވަރާ ކުރުމަށްފަހު އެންމެ ރަނގަޅު ހައްލެއް މިކަމަށް ގެނެވޭނެ ގޮތަކަށް ބިލު އެކުލަވައިލުމަށްފަހު މަޖިލީހަށް ހުށަހަޅަން،" އުޝާމު ވިދާޅުވި އެވެ.