އިތުރަށް މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުގެ ހުރިހާ މާލީ ހިސާބުތަކާއި ރެކޯޑުތައް އެކްސެލް ޝީޓެއްގައި ބަލަހައްޓަމުން އައިސްފައިވާތީ އެ ޑާޓާގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން އެކި ފަރާތްތަކާއެކު ހަދާފައިވާ ގިނަ އަދަދެއްގެ ކޮންޓްރެކްޓުތައް ކައުންސިލު އިދާރާގައި ނެތްކަމަށާއި، އެ އިދާރާގެ ޑާޓާތައް ބަލަހައްޓަމުން އަންނަނީ އެކްސެލް ޝީޓުތަކެއްގައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ކައުންސިލުގެ މާލީ ހިސާބުތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ އޭނާ މޭޔަރުކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ކައުންސިލުގައި މުވައްޒަފުން ތިބި އަދަދެއްވެސް ފެންނަން ނެތް ކަމަށެވެ. އަދި ކައުންސިލުގެ މުވައްޒަފުންގެ އަދަދު ދެނެގަތުމަށްވެސް ދެ މަހެއްހައި ދުވަސް ހޭދަވިކަމަށެވެ.
އިތުރަށް މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުގެ ހުރިހާ މާލީ ހިސާބުތަކާއި ރެކޯޑުތައް ބަލަހައްޓަމުންދަނީ އެކްސެލް ޝީޓެއްގައި ކަމށެވެ. އެހެންކަމުން ސިޓީ ކައުންސިލުގައި ހުރި ޑާޓާއަކީ ސައްހަ ޑާޓާކަން ކަށަވަރުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ ފައިނޭންޝަލް ކޮންސަލްޓެންޓުން މިހާރު ފަށާފައިވާ ކަމަށެވެ.
"ތިހުރިހާ ރެކޯޑެއް ބަލަހައްޓަނީ އެކްސެލް ޝީޓުގައި. ތީގެ ވެލިޑިޓީ ކަށަވަރުކުރުމަށްޓަކައި އަޅުގަނޑުމެންގެ ފައިނޭންޝަލް ކޮންސަލްޓެންޓުން މިހާރު މަސައްކަތް އެބަކުރޭ. މިހާރުވެސް ކުރަމުން އެބަދޭ. އެކަހަލަ ޑާޓާގެ ވެލިޑިޓީގެ މައްސަލަތައް ފުދޭވަރަށް ބޮޑުކޮށް މިދަނީ،" މޭޔަރު ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ހަދާފައިވާ ކޮންޓްރެކްޓުތައްވެސް އެތަނުގައި ނެތް ކަމަށެވެ. އެހެންކަމުން ބައެއް ފަހަރު މީހުން ލިޔުންތަކެއް ހިފައިގެން އައިސް އެއީ ސިޓީ ކައުންސިލާއެކު ހަދާފައިވާ ކޮންޓްރެކްޓުތައް ކަމަށް ބުނާއިރު، އެ ކޮންޓްރެކްޓުތަކުގެ އަސްލުތައް ސިޓީ ކައުންސިލުގައި ނެތުމުން އެ އެއްބަސްވުންތަކުގެ ސައްހަކަން ކަށަވަރުނުކުރެވޭ ކަމަށެވެ.
"ކޮންޓްރެކްޓުތައްވެސް ހަމައަށް ނެތް. އޮރިޖިނަލް ނުފެނުނު ނުލިބުނު. އަޅުގަނޑުމެން މަސައްކަތްކުރަނީ ހުރިހާ އެއްޗެއް ހޯދައި އެއްކޮށްގެން ޑާޓާ ހަމަކޮށްގެން މަސައްކަތް ކޮށްދެވޭތޯ. ރައްޔިތުންނަށް އެނގެންޖެހޭ ރައްޔިތުންގެ ތަނެއްގައި ހުރި ކޮންޓްރެކްޓްސް ނެތްކަން. ނެތް،" އާޒިމް ވިދާޅުވިއެވެ.
އެ މައްސަލަ ހައްލުކުރުމަށްޓަކައި ވަކި މުއްދަތެއްގެ ތެރޭގައި ކޮންޓްރެކްޓުގެ އަސްލު ނުގެނެވޭނަމަ އެ ކޮންޓްރެކްޓަކީ ބާތިލު ކޮންޓްރެކްޓުތަކުގެ ގޮތުގައި ކަނޑައެޅިދާނެކަމަށް މިހާރު ގާނޫނީ ލަފާ ލިބިފައިވާކަމަށާއި، ކުރިއަށް އޮތް ތަނުގައި ކައުންސިލުން އަމަލުކުރާނީ އެގޮތަށް ކަމުގައި އޭނާ ވިދާޅުވި އެވެ.