ރައީސްގެ މޭޔަރުކަމުގައި ކައުންސިލަށް ކޮންސަލްޓެންޓުން ނެގީ ރަނގަޅަށް: އާޒިމް

"ކުރީގައިވެސް [ކޮންސަލްޓެންޓުން ނެގުމުގެ މަސައްކަތް] ކޮށްފައި ހުރީ އިއުލާނުކޮށްގެން. ހަމަ އިއުލާނުކޮށްގެން އިންޓަވިއުކުރުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސްގެން ކޮށްފައި ހުރީ،"

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ފޮޓޯ:މިރާ

ރައީސުލްޖުުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމުގައި ހުންނެވިއިރު ސިޓީ ކައުންސިލަށް ކޮންސަލްޓެންޓުން ނަންގަވާފައިވަނީ ރަނގަޅަށް އުސޫލުތަކުގެ ތެރެއިންކަމަށް މާލެ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

މިހާރު ސިޓީ ކައުންސިލުން ކުރިއަށްގެންދާ އާސަހަރާ މިސްކިތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިރާ"އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ ރައީސްގެ މޭޔަރު ކަމުގައި ސިޓީ ކައުންސިލަށް ކޮންސަލްޓެންޓުން ނަގާފައިވަނީ އިއުލާނުކޮށްގެން، ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތައް ކަމަށެވެ. 

"ކުރީގައިވެސް [ކޮންސަލްޓެންޓުން ނެގުމުގެ މަސައްކަތް] ކޮށްފައި ހުރީ އިއުލާނުކޮށްގެން. ހަމަ އިއުލާނުކޮށްގެން އިންޓަވިއުކުރުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސްގެން ކޮށްފައި ހުރީ، އިއުލާނުތައް ފެނިވަޑައިގަންނަވާނެ،" އާޒިމް ވިދާޅުވިއެވެ. 

އާޒިމް މިފަދައިން ވިދާޅުވިއިރު މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމުގެ ގޮނޑި ހުސްވުމާ ގުޅިގެން ބޭއްވި ބައި-އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީން ރައީސްގެ މޭޔަރުކަމަށް އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ސިޓީ ކައުންސިލަށް ގިނަ އަދަދެއްގެ ކޮންސަލްޓެންޓުން ނަންގަވާފައިވާތީ އެވެ. އަދި ކޮންސަލްޓެންޓުން ނަގާފައިވަނީ އުސޫލުން ބޭރުން ވަކި ބަޔަކަށް ފައިސާތަކެއް ދިނުމުގެ ބޭނުމަށް ކަމުގައި އެއިރު ތުހުމަތުކޮށްފައިވެ އެވެ. 

އާޒިމްގެ މޭޔަރުކަމުގައިވެސް ސިޓީ ކައުންސިލަށް އަންނަނީ ކޮންސަލްޓެންޓުން ނަގަމުންނެވެ. ކޮންސަލްޓެންޓުންގެ ގޮތުގައި މީހުން ނަގަމުންދަނީ އިއުލާނުކޮށްގެން ވަކި ޝަރުތުތަކެއް ފުރިހަމަވެގެން ކަމަށް އާޒިމު ވިދާޅުވި އެވެ. އެގޮތުން ޑިގުރީއާއި މާސްޓާސް އަދި ޕީއެޗްޑީ ހައްދަވާފައި ތިއްބެވި ބޭފުޅުން ކޮންސަލްޓެންޓުންގެ ގޮތުގައި ސިޓީ ކައުންސިލުގެ ވަޒީފާއަށް ނެގުމަށް އިއުލާނުކުރައްވަމުންދާކަން މޭޔަރު ފާހަގަކުރެއްވި އެވެ. 

ސިޓީ ކައުންސިލަށް ކޮންސަލްޓެންޓު ބޭނުންވާ ސަބަބު ތަފުސީލުކޮށްދެއްވަމުން އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުގެ މެންޑޭޓު މިހާރު ކުރިއަށްވުރެ ފުޅާވެފައިވާ ކަމަށެވެ. އަދި ކައުންސިލުގައި ގިނައިން ތިބީ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންކަމަށްވީ ނަމަވެސް މިހާރު ކައުންސިލުގެ މަސައްކަތުގެ ދާއިރާގައި މުނިސިޕަލް ހިދުމަތްތައް ނޫން ގިނަ ކަންތައްތަކެއް ހިމެނޭކަން މޭޔަރު ފާހަގަކުރެއްވިއެވެ. 

"މިއަދު [ކައުންސިލަކީ] މުނިސިޕަލް މަސައްކަތްތައް އެކަނި ކުރާ ތަނަކަށްވުރެ މެންޑޭޓު ފުޅާވެފައި އޮތީ. އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ފުޅާވެފައި ހުރީ. މިސާލަކަށް ބުނާނަމަ ފެނާއި ނަރުދަމާއާއި ކަރަންޓާއި ވޭސްޓް މެނޭޖުމެންޓު، އަޅުގަނޑުމެން ކުންފުނިތަކާ ހަވާލުކޮށްގެން [މަސައްކަތް] ކުރިއަސް، އެތެރޭގައި އެބަޖެހޭ ކުރިއަށް އޮތް ދިހަ އަހަރަށް އަސްލު ފެން ބޭނުންވަނީ، އަސްލު ކަރަންޓު ބޭނުންވަނީ ކިހާ ވަރަކަށްތޯ، މިހިރަ ކަންކަން އެސެސްކޮށް ދިރާސާކޮށް އެކުންފުނިތަކާ ވާހަކަދައްކައިގެން އަޅުގަނޑުމެން ޕްރޮއެކްޓިވްކޮށް [އިސްނައިގެން] ވޯކްކުރަންޖެހޭ.،" އާޒިމް ވިދާޅުވިއެވެ. 

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ކުރަންހުރި މިބާވަތުގެ މަސައްކަތްތައް އެ ކައުންސިލަށް ކުރެވޭނީ އެ މަސައްކަތްތަކަށް ބޭނުންވާ ރަނގަޅު މީހުން ކަައުންސިލުގައި ތިބެގެން ކަމަށެވެ. އަދި އޭނަގެ ވިސްނުންފުޅަކީ ސިވިލް ސާވިސް އޮނިގަނޑުގެ ތެރެއިން އެފަދަ މުވައްޒަފުން ކައުންސިލަށް ހޯދުން ކަމަށެވެ. 

ކައުންސިލުގެ ހިންގުމަށް ރަނގަޅު ބަދަލުތަކެއް ގެނެސް މީހުން ތަނުން ވަކިވެގެން ދިޔަސް ތަނުގެ ހިދުމަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް އިންސްޓިޓޫޝަނަލައިޒް ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.