މި ފައިސާ ހަދިޔާ ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ދައުލަތުގެ މީޑިއާއިން ކުރިއަށްގެންދާ ޓެލެތޯންގަ އެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ފަލަސްތީނަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސް ނެންގެވުމުގެ ދަށުން ޕީއެސްއެމްއިން ކުރިއަށް ގެންދާ ޓެލެތޯންގައި ޕީއެންސީ ޕީޖީގެ ފަރާތުން މި ފައިސާ ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ފައިސާ ހަވާލުކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ، މިއަދުގެ ހަރަކާތް ފެށުމާ އެކު މުޅި ޕާލަމެންޓްރީ ގްރޫޕުން ނިންމީ މިކަމުގައި އެންމެ ފުރަތަމަ އިޖާބަދޭ ބަޔަކަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް ވާން ޖެހޭނެ ކަމަށް ކަމަށެވެ.
"އެހެން މި ދެންނެވީ އަޅުގަނޑުމެންނަކީ ރައްޔިތުން ތަމްސީލްކުރާ ބައެއް. ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން މިކަމުގައި މިހާ އަވަހަށް ބައިވެރި މިވީ. އަޅުގަނޑުމެން މި ހަވާލުކުރީ ވަރަށް ކުޑަ ވަގުތުކޮޅެއް ތެރޭގައި އަޅުގަނޑުމެންގެ ދީލަތި މެންބަރުން ހަދިޔާކުރި އެހީއެއް" އަބްދުއްރަހީމް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގައި ފަލަސްތީނުގެ މައްސަލައަށް މިހާބޮޑު ސަމާލުކަމެއް ދީފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒު އަށް ޝުކުރު ދަންނަވާފަ އެވެ.
ފަލަސްތީނުގެ މައްސަލައަކީ އެކަމަކާ މެދު ދިވެހިންގެ ހިތުގައި އެންމެ ގަދައަށް ވިންދުޖަހާ މައްސަލަކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ސިޔާސީ ވިސްނުމާ ފިކުރުން ދުރުހެލިވެ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް މި ޓެލެތޯންގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.
"ވަރަށް ހާލުގައި އަޅުގަނޑުމެން އަހުންނާއި އުހުތުން އެ ދިރިއުޅެމުން ގެންދަނީ. މިކަމުގައި އަޅުގަނޑުމެންގެ ފަރާތުން ދެވެން އޮތް ލުޔެއް ދިނުމުގެ މަސައްކަތް ދިވެހި ރައްޔިތުން ކޮށްދެއްވުމަކީ އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމެއް" އަބްދުއްރަހީމް ވިދާޅުވި އެވެ.