ސަދާގެ މަރު: ސުލްހަވާން ދިން ފުރުސަތު ދައުލަތުން ދޫކޮށްލައިފި

ނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ ދައުލަތުން ބޭނުން ވަނީ ޝަރީއަތުގެ މަރުހަލާއިން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި ސަދާ: އެކުއްޖާގެ މަރުގައި ފަރުވާދިން ނަރުހުންނާއި ޑޮކްޓަރުންގެ އިހުމާލު އޮތްކަމަށް އާއިލާއިން ތުހުމަތުކުރޭ -- ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނަރުހުންނާއި ޑޮކްޓަރުންގެ އިހުމާލުން ސަދާ ސައުދުﷲ މަރުވި މައްސަލާގައި ކޯޓުން ބޭރުން މަދަނީ ބަދަލުގެ މިންވަރާ ގުޅޭ ގޮތުން ދައުލަތުން ގޮތެއް ނިންމަން އެދޭތޯ ބަލަން ސިވިލް ކޯޓުން ދިން ފުރުސަތު ދޫކޮށްލައިފި އެވެ.

އޮކްޓޯބަރު، 2021 ގައި މަރުވި ސަދާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބެލުމަށް ފަހު ނިންމީ، އެކަމުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށެވެ. އަދި އެކަމުގައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނެ ކަަމަށް އެ ކޮމިޝަނުން ނިންމި އެވެ.

މިކަމުގައި ހެލްތު މިނިސްޓްރީއާ ދެކޮޅަށް ސަދާގެ އާއިލާއިން ހުށަހެޅި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން ކޯޓުން ވަނީ ފުރުސަތު ދީފަ އެވެ.

އެ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ އޮފީހުގެ ވެރިންގެ މަޝްވަރާ ހޯދުމަށްފަހު ގޮތެއް ނިންމަން ފުރުސަތަކަށް އެދިފަ އެވެ. މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދާ ދައުލަތަށް ދެ ދުވަހުގެ ފުރުސަތެއް ދެއްވި އެވެ.

އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ސަދާގެ އާއިލާ ތަމްސީލުކުރައްވާ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވެފައި ވަނީ، އެކުއްޖާގެ މަރުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށް ދައުލަތުން ގަބޫލުކުރާ ނަމަ، ގެއްލުމުގެ ބަދަލަކާ ގުޅޭ ގޮތުން ކޯޓުން ބޭރުގައި މަޝްވަރާކުރުން އެންމެ ރަނގަޅު ކަމަށެވެ.

ނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ ދައުލަތުން ބޭނުން ވަނީ ޝަރީއަތުގެ މަރުހަލާއިން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށެވެ. ކޯޓުން ބޭރުން ސުލްހަވުމުގެ ފުރުސަތު ދޫކޮށްލާފައިވާތީ ދައުލަތުގެ ފަރާތުން ދައުވާގެ ދިފާއު ހުށަހަޅާފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންކަމުން އެންމެ ބޮޑެތި މައްސަލަތަކުގެ ޓްރެކްގައި މައްސަލަ ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.

އުމުރުން ހަ އަހަރުގައި ސަދާ މަރުވީ ގޯސް އިންޖެކްޝަނެއް ޖަހައިގެން ކަމަށް ތުހުމަތުކޮށް އާއިލާއިން މި މައްސަލަ ފުރަތަމަ ހުށަހެޅީ އެޗްއާރުސީއެމްއަށެވެ. މި މައްސަލަ ބެލުމަށް މެޑިކަލް ކައުންސިލުން ވަނީ ސަދާއަށް ފަރުވާދިން ދެ ޑޮކްޓަރުންގެ ލައިސަންސް ވެސް ބާތިލްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.