ތިލަފަތް ހަމަ ކޮށްލައި ދިވެހި-އިންޑިއާގެ ގުޅުން އާ މިސްރާބަކަށް

ރައީސް އިންޑިއާއަށް ސާފު މެސެޖުތަކެއް ދެއްވި އެވެ. ރާއްޖެ ކުޑަވެފައި ވަސީލަތް މަދުވެފައި ނިކަމެތިކަމަށް ފެނުނަސް ބުލީކޮށް ސައިޒު ކޮށްގެން ރާއްޖެ ގެންގުޅެން ފުރުސަތެއް ނެތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ދެ ބޭފުޅުންނާއި ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވެފައި

އިންޑިއާއަކީ ދިވެހިރާއްޖެއާ އެންމެ ގާތް އެންމެ ޒަމާންވީ އަވައްޓެރިޔާ ކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވާ ބަސްފުޅަކީ ވަރަށް ދުވަސްވީ ބަސްފުޅެކެވެ. ކޮންމެވެސް ޒަމާނެއްގައި އެފަދައިން ވިދާޅު ނުވާ ސިޔާސީ ލީޑަރެއް ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނާކަށް ނެތެވެ. އެ ބަސްފުޅަކީ އިއްޔެ ވެސް މިއަދުވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ކަމުގެ ހަގީގަތެވެ. އަވައްޓެރިކަމުގެ ގޮތުންނާއި، ޖިއޮގްރަފީގެ ގޮތުން ގާތްވުމާއި، ސަގާފަތާއި ތާރީހުގެ ގޮތުން ލާމެހިފައި އޮތް އޮތުމަށް ބަލާއިރު، އިންޑިއާއާއި ދިވެހިރާއްޖެއަކީ ދުރު ނުކުރެވޭނެ، އަބަދަށް ގުޅިފައިވާ ދެ ގައުމެވެ. 

މި ހަގީގަތް މިހެން އޮތް ނަމަވެސް ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮންނަ ގުޅުމުގެ ތަބީއަތާއި، ދެ ގައުމުގެ އެކުވެރިކަމުގެ އަސާސްތަކަކީ އެކި ދުވަސްވަރު އެކި ގޮތަށް އޮންނަ ކަންކަމެވެ. ބައެއް ފަހަރު ކުޑަކޮށް ދުރު ވެއެވެ. ބައެއް ފަހަރު ގާތްވެފައި ދެ ގައުމުގެ ގުޅުމުގެ ތިލަފަތް ހަމަކަން ގެއްލެ އެވެ. ބައެއް ފަހަރު ދެން ދެ ގައުމުގެ މެދުގައި އަވައްޓެރިކަމުގެ ރޫހެއް، އެކުވެރިކަމެއް ނޯންނާނެހެންވެސް ހީވެއެވެ. ނަމަވެސް އާހިރުގައި އިންޑިއާ-ރާއްޖެ ގުޅުން އޭގެ ތަބީއީ އަސްލަށް ރުޖޫއަވެ އެވެ. އެއީ އެކުވެރިކަމާއި އެއްބާރުލުން ދިނުމެވެ.

ފަސް އަހަރު ތިލަފަތް އޮތީ އެއްފަޅިއަށް ބަރުވެފައި

ބައިނަލްއަގުވާމީ ގުޅުންތަކުގެ އަސާސަކީ ސިޔާދަތީ ހަމަހަމަ ކަމެވެ. ކުޑަ ގައުމުތަކާއި ބޮޑު ގައުމުތަކުގެ ސިޔާދަތު ހަމަހަމަ ވުމެވެ. ބަލިކަށި ގައުމުތަކާއި ބާރުގަދަ ގައުމުތަކުގެ ސިޔާދަތީ ބާރުގައި ފަރަގެއް ނެތުމެވެ. މިއީ ބައިނަލްއަގުވާމީ ނިޒާމު އެ މައްޗަށް ބިނާވެފައިވާ ހުރިހާ ލިޔެކިޔުންތަކާއި މުއާހަދާތަކުގައި ސާފުކޮށް ބުނެފައި އޮތް ގޮތެވެ. ނަމަވެސް އަމަލީ ގޮތުން ކަންކަން ހިނގާ ގޮތް ކުޑަކޮށް ތަފާތެވެ. 

އެ ތަފާތު އަންނަނީ ގައުމުތަކުގެ ވެރިން ގެންގުޅުއްވާ ހާރިޖީ ސިޔާސަތެއްގެ ސަބަބުންނެވެ. ގައުމު މާބޮޑަށް ނިކަމެތިކޮށްލައި، އެހެނިހެން ގައުމުތަކަށް ކުރުނީސް ކުރުން ނޫން ގޮތެއް ނެތްކަމަށްވެ އެ އީމާނުގައި ނިކަމެތިކަމުގެ އިސްޖެހުމުން އިސްޖަހާ ވެރިންތަކެއް ގައުމަކަށް ލިބިއްޖެނަމަ، އެ ގައުމަކާ އެހެން ގައުމުތަކާ އޮންނަ ގުޅުން އޮންނާނީ ވަރަށް ބޮޑަށް އެހެން ގައުމުތަކުގެ ކޮޅަށް ބަރުވެފަ އެވެ،. ފާއިތުވި ފަސް އަހަރަކީ ރާއްޖެއަށް ވެސް މި ބާވަތުގެ އަމިއްލަ ނަފުސަށް އިތުބާރު ނެތް، އަމިއްލަ ގައުމާމެދު ފަހުރުވެރި ކަމެއް، ނެތް ބައެއްގެ ވެރިކަން ތަޖުރިބާކުރަން ޖެހުނު ފަސް އަހަރެވެ. 

ގައުމުގެ ދިފާއީ އިސްތިރާޖިއްޔާ ތަންފީޒު ކުރުމުގެ ޒިންމާއާ ހަވާލުވެ ވަޑައިގެން އެއިރު ހުންނެވި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ ޓީވީ ޗެނަލެއްގައި ވިދާޅުވީ އިންޑިއާއިން ރާއްޖެ ހިފަންޖެހިއްޖެނަމަ އެކަން އެއްވެސް ހުރަހެއް އުނދަގުލެއް ނެތި ކުރެވޭނެ ކަމަށެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ފާއިތުވެދިޔަ 70 ވަރަކަށް އަހަރު ތެރޭ ގާއިމުކުރި ގުޅުންތަކާއި، ހޯދާފައިވާ އެކުވެރިންގެ ފުށުން ރާއްޖެއަށް ރައްކާތެރިކަމެއް ލިބޭނެ ކަމަށް ވެސް އޭނާ ދެކެވަޑައިނުގަންނަވަ އެވެ. ރާއްޖެއާއި އިންޑިއާ ގުޅުމުގައި ތިލަފަތް ހަމަކަން ބާއްވަން މަސައްކަތް ނުކުރައްވައި، ރާއްޖެއަކީ "ސަބޯޓިނޭޓް" ނުވަތަ ދަށުވެފައިވާ ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރައްވައި އެގޮތަށް ސިފަ ކުރެއްވީ އެވެ. 

އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަ ކޮށްފިނަމަ، އަލުއި ބިސް ފިޔައި ނުލިބި ދިވެހި ދައުލަތް ބަނޑަށް ޖެހި ހައިހޫނުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމުގައި މާރިޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގަ އެވެ. އިންޑިއާ ނޫނީ ރާއްޖެއަށް އެހީތެރި ވެވޭނެ އެހީތެރި ވާނެ އަވައްޓެރިއެއް، މިތުރެއް ނެތްކަމަށް ދެކެވަޑައިގެން އެ މަންޒަރު ދިވެހިންނަށް ވިއްކެވީ މާރިޔާ އެވެ. 

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ހާރިޖީވަޒީރު އަބްދުﷲ ޝާހިދާއި، ދިފާއީ ވަޒީރު މާރިޔާގެ ވާހަކަފުޅުތަކަށް ބަލައިލުމުން އަބަދުވެސް ފެނުނީ އިންޑިއާގެ ބިޔަ ބޮޑުކަމުގެ ކުރިމަތީގައި ރާއްޖޭގެ ކުޑަކަމާއި ނިކަމެތިކަމާއި ބަލިކަށިކަން ގަބޫލު ކުރައްވައި، އިންޑިއާއިން ބޭނުންވި ކޮންމެ ކަމެއްގައި، ބޭނުންވި މިންވަރަކަށް، ބޭނުންވި ގޮތަކަށް ދޫދެއްވަމުން ގެންދެވި މަންޒަރެވެ. 

އެ ސަބަބުތަކާހުރެ ރާއްޖޭގެ ސިޔާދަތުގެ "ރަތް ރޮނގު" ހަނިވެ، އަމިއްލަ ކަންކަން ނިންމުމުގައި ދިވެހިންނަށް އޮތް އިހުތިޔާރު ހީނަރުވެ، ރާއްޖެ އިންޑިއާ ގުޅުމުގެ ތިލަފަތުގެ ހަމަހަމަކަން ގެއްލުނެވެ. އެއީ އެއިރުގެ ހާލަތެވެ. އެކަމުގެ ސަބަބުން އިންޑިއާއާމެދު ދިވެހިންގެ ގިނަ ބައެއްގެ ހިތްތަކުގައި ނުރުހުމާއި ނުތަނަވަސްކަން އުފެދުނެވެ. އެ ނުތަނަވަސްކަން ބަދަލުވީ ބިޔަ ސިޔާސީ ހަރަކާތަކަށެވެ. "އިންޑިއާ އައުޓް" ހަރަކާތަށެވެ. 

ތިލަފަތް ހަމަކުރެއްވުން: ބަހާއި އަމަލުން

ކުރީ ސަރުކާރުން ގެންގުޅުނު ހާރިޖީ ސިޔާސަތުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ތިލަފަތް ވަކި އަތަކަށް ބަރުވެ، ދިވެހިން ނުރުހުންވި ނުރުހުމުގައި އެ ސަރުކާރު ބަދަލުކުރި އެވެ. އެ ބަދަލުގެ އެއް މަގުސަދަކީ ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލައި، ދެ ގައުމުގެ ގުޅުމުގެ ތިލަފަތް ހަމަ ކުރުމެވެ. އެ މަގުސަދަށް ވާސިލު ކޮށްދެއްވުމުގެ ބޮޑު ޒިންމާ ދިވެހިން މަތިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ އެވެ. 

ދެ ގައުމެއްގެ ގުޅުމުގެ ތިލަފަތް ހަމަކަން ގެއްލި، އެއް ގައުމުގެ ފަޅިއަށް މާ ބޮޑަށް ބަރު ވެއްޖެނަމަ، އެއް ގައުމުން އަނެއް ގައުމާމެދު ގެންގުޅޭ ތަސައްވުރު ވެސް ބަދަލުވެ އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖެ-އިންޑިއާ ގުޅުން އޮތީ އެ ފައްތަރުގަ އެވެ. އިންޑިއާއިން ދުށް ގޮތުގައި ރާއްޖޭގެ ހުރިހާ ކަމެއްގައި އެ ގައުމަށް ބަސް ބުނެވޭނެ އެވެ. ވެރިކަން ހިނގާންޖެހެނީ އެ ގައުމުގެ ސަފީރުގެ އިރުޝާދުގެ ދަށުންނެވެ. ހާރިޖީ ކަންކަމުގައި ރާއްޖޭގެ ސްޓޭންޑު ކަނޑައަޅަނީ ނިއުދިއްލީގަ އެވެ. 

އެއީ އިންޑިއާގެ މައްސަލައެއް ނޫނެވެ. އެ ފުރުސަތު ލިބުނު ނަމަ އެހެން ގައުމުތަކުން ވެސް އަމަލު ކުރީހީ އެގޮތަށެވެ. މައްސަލައަކީ އެ މިންވަރަށް ދިވެހިރާއްޖެ ނިކަމެތި ކޮށްލެއްވި އެއިރުގެ ވެރިންގެ މައްސަލަ އެވެ. ދެ ގައުމުގެ ގުޅުމުގެ ތަރާދުގައި ރާއްޖޭގެ ބުރަދަން އެކީހެން ނެތިކޮށްލެއްވި ބޭފުޅުންގެ މައްސަލަ އެވެ. 

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރިން ރާއްޖެއަށް ނުކުރެވި އޮތް ދެ ކަމެއް ކުރެއްވިއެވެ. އެއީ އެއާ އެމްބިއުލާންސްގެ ހިދުމަތާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ބިޔަ ބޮޑު މަސައްކަތެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރައްވައި އެ ދެ ހިދުމަތް ފެއްޓެވުމުން، އިހުގައި އިންޑިއާއަށް ބަރޯސާވަމުން އައި ދެ ކަމެއް އަމިއްލައަށް ކުރަން ފެށުނީ އެވެ. އިންޑިއާއަށް އަމަލީ ގޮތުން ދެއްވި މެސަޖީ އަމިއްލައަށް އަމިއްލަ ކަންކަން ބެލެހެއްޓޭނެ ގާބިލުކަަން ކުޑަކުޑަ ރާއްޖޭގައި އެބަހުރި ކަމުގެ މެސެޖެވެ. 

އެއަށްފަހު ރައީސްގެ ހިތާބެއްގައި އިންޑިއާއަށް ސާފު މެސެޖުތަކެއް ދެއްވި އެވެ. ރާއްޖެ ކުޑަވެފައި ވަސީލަތް މަދުވެފައި ނިކަމެތިކަމަށް ފެނުނަސް ބުލީކޮށް ސައިޒުކޮށްގެން ރާއްޖެ ގެންގުޅެން ފުރުސަތެއް ނެތް ކަމެވެ. ރާއްޖެއާމެދު އިހުތިރާމުގެ ނަޒަރަކުން ބަލައި، އެކުވެރިކަމުގެ ގުޅުން ބާއްވާނަމަ، ރާއްޖެއިން ވެސް އެ ގުޅުން އެގޮތުގައި ބާއްވާނެ ކަމެވެ. "ރާއްޖެ ކުޑަވުމަކީ ބުލީކުރަން އޮތް ލައިސެންސެއް ނޫން" ކަމަށް ރައީސް ވިދާޅުވި ބަސްފުޅާއެކު ރާއްޖެ ހިފަހައްޓާނެ ހަމަ ބަޔާންކޮށްދެއްވި އެވެ. 

ނިމުނު މަޖިލިސް އިންތިހާބުގައި ދެވަނަ ނުކުތާ ބަޔާން ކުރެއްވި އެވެ. ބޭރު ގައުމެއްގެ ސަފީރަކު އަންގަވާ ގޮތަށް ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ކަންކަން ނިންމަމުން އައި އައުން ނިމުމަކަށް ގެންނެވި ކަމެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދަވާނީ ދިވެހިން ބޭނުންވާ ގޮތަށް، ދިވެހިރާއްޖެއަށް ފައިދާހުރި، ދިވެހީންގެ މުސްތަގުބަލަށް އެންމެ މަންފާ ކުރާނޭ ގޮތަކަށް ކަމުގައިކަން އިއުލާނު ކުރެއްވި އެވެ. 

މި ސިޔާސަތުތަކާއެކު ރާއްޖެ އިންޑިއާ ގުޅުން ދެން ބައްޓަންވާންވީ ގޮތް ސާފުކޮށް ރައީސް ބަޔާން ކުރައްވައިފި އެވެ. ދެން ދެ ގައުމުގެ ގުޅުމުގެ ތަރާދު އޮންނާނީ ތިލަފަތް ހަމަކޮށް ވަޒަން ހަމަ ގުޅުމެއްގެ ގޮތުގައިކަން އިއުލާނު ކުރެއްވި އެވެ. އެއީ ދެ ގައުމުގެ ގުޅުން ހީނަރުވާންޖެހޭ ސަބަބެއް ނޫނެވެ. އެއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަކަށްވެސް ވުން އެކަށީގެންވެ އެވެ. 

އިންޑިއާ ގުޅުން މުހިއްމު، އެކަމުގެ އިންތަކެއް އޮންނާނެ

އިންޑިއާއަކީ ރާއްޖެއަށް ބައިވެރިއެކެވެ. ޒަމާންވީ އެކުވެރިއެކެވެ. އިންޑިއާ ރާއްޖެއަށް މުހިއްމުވަނީ މި ސަރަހައްދުގެ އެންމެ ބޮޑު ބާރަށްވާތީ އެކަންޏެއް ނޫނެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާތީ އެކަންޏެއްވެސް ނޫނެވެ. އެއީވެސް އިންޑިއާ-ރާއްޖެ ގުޅުން މުހިއްމުވާ ސަބަބުތަކެވެ. 

އިންޑިއާއަކީ ދުނިޔޭގައި މިހާރު އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ އިގުތިސާދެވެ. އިންޑިއާގެ އިގުތިސާދު ކުރިއަރާ ދުވެއްޔަށް ބަލާއިރު، ވަރަށް އަވަހަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގުތިސާދަކަށް އިންޑިއާ ވެގެންދާނެކަމަށް މާހިރުން ލަފާކުރައްވައެވެ. އެއްވެސް ސަރަހައްދެއްގައި ހަލުއިކޮށް ބޮޑު އިގުތިސާދެއް ކުރިއަރައިގެން ދާއިރު އެކަމުގެ މަންފާ އަވައްޓެރިންނަށް ނުފޯރައިނުދާނެ އެވެ. 

އިންޑިއާގެ އިގުތިސާދީ ކުރިއެރުމުން އުފެދޭ ތަނަވަސްކަމުގެ ތެރެއިން ރާއްޖެއަށް މަންފާކުރާނީ އިންޑިއާއާ އެކުވެރި ގުޅުމެއް ބޭއްވިގެންނެވެ. އިންޑިއާއަކީ އެންމެ ހަލުއިކޮށް މުއްސަނދިން އިތުރުވާ އެއް ގައުމެވެ. އިންޑިއާގެ މެދުފަންތި/މިޑްލް ކްލާސް އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. މިއީ ރާއްޖެއަށް އަދި މި ސަރަހައްދުގެ އެހެނިހެން ގައުމުތަކަށް ލިބޭ ރަނުގެ ފުރުސަތެވެ. 

އިންޑިއާގައި އުފެދޭ ވިޔަފާރިތައް ވަކި ވަރަކަށްވުރެ ބޮޑުވުމުން މިސްރާބު ހިފާނީ އެހެނިހެން ގައުމުތަކަށް އިންވެސްޓުކުރާށެވެ. އިންވެސްޓަރުން އެންމެ ބޮޑަށް ބޭނުންވާ އެއް ގައުމަކީ ރާއްޖެ އެވެ. ފުޅާވަމުންދާ އިންޑިއާގެ މެދުފަންތީގެ އާބާދީ ދުނިޔެ ތެރަށް ފިޔަފަޅައިގެން އުދުހިގަންނައިރު، އެ އާބާދީގެ މިސްރާބު ރާއްޖެއަށް އަނބުރައިލުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުން ކަމެކެވެ. މި ހުރިހާ ކަމެއް ހާސިލުވާނީ ދެ ގައުމުގެ މެދުގައި އެކުވެރިކަމުގެ ގުޅުމެއް ބޭއްވިގެންނެވެ. އިންޑިއާއާ ރަނގަޅު ގުޅުމެއް ބޭއްވުމަކީ އަޅުގަނޑުމެން ދިވެހިންގެ މަސްލަހަތު އެކަމުގައި އޮތް ކަމެކެވެ. 

ދެ ގައުމުގެ ގުޅުން ރަނގަޅުވުމުގައި އަޅުގަނޑުމެންގެ މަސްލަހަތު އޮތް މިންވަރަށްވުރެ ބޮޑު މަސްލަހަަތެއް އޮތީ އެ ގުޅުމުގެ ތިލަފަތް ހަމަވުމުގަ އެވެ. އިންޑިއާ-ރާއްޖެ ގުޅުމުން ލިބޭ ފައިދާއާއި މަންފާގެ އަގަކީ ރާއްޖޭގެ ސިޔާދަތުކަމަށް ވެގެންނުވާނެ އެވެ. އެ ގުޅުމުގެ ތަރާދު ހަމަނުވާނަމަ، ހާސިލުވާ މަސްލަހަތަށްވުރެ ލިބިދާނެ ގެއްލުމެއް ބޮޑުވާނެއެވެ. 

ރައީސްގެ ދަތުރުފުޅުން ލިބޭ މެސެޖް

އިންޑިއާ ރާއްޖެ ގުޅުން ދެން ބައްޓަންކުރައްވަން ރައީސް އެދިވަޑައިގަންނަވާ ގޮތް ސާފުކޮށް ބަޔާންކުރައްވައިފި އެވެ. އިނގިރޭސިން ބުނެ އުޅޭ ގޮތަށް ދަންނަވަނީމަ ބޯޅަ އޮތީ ދިވެހި ދައުލަތުގެ ފަޅިން އިންޑިއާ ސަރުކާރުގެ ފަޅިއަށް ރައްދުކޮށްފައެވެ. ދެން އޮތީ އިންޑިއާއިން އެ ބޯޅަ ކުޅެލާ ގޮތެވެ.

ރައީސް އިންޑިއާއަށް ފުރަތަމަ ފަހަރަށް ވަޑައިގަތީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރެއްގެ ހުވައިކުރެއްވި ތާރީހީ ރަސްމިއްޔާތަށެވެ. އެ ރަސްމިއްޔާތުން ފެނުނު މަންޒަރުތަކަށް ބަލާއިރު ދެ ކަމެއް ސާފުވެ އެވެ. އިންޑިއާ-ރާއްޖެ ގުޅުން އޮތީ ބަދަހިކޮށް ކަމެވެ. އަދި އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމެވެ. 

އިންޑިއާ-ރާއްޖެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ދެން ގާތް ނުވެވޭހާ ދުރުވާނެކަމަށް ބަޔަކު އުންމީދުކުރި ނަމަވެސް ރައީސްގެ މެސެޖުތަކާއި ސިޔާސަތުތަކާއެކު، އެމަނިކުފާނު ކުރަހައިލެއްވި ދިވެހިރާއްޖޭގެ ސިޔާދަތީ ރަތް ރޮނގަށް އެ ގައުމުން އިހުތިރާމުކުރާނެކަން ޔަގީންވެއްޖެ އެވެ. ކުރިންވެސް ސިޔާދަތީ ރަތް ރޮނގު ހަނިކުރީ ދިވެހިންނެވެ. ރަތް ރޮނގު ހަނިކޮށް އެތެރެވާން ބުނެ، ޖާގަ ދައްކައި، މަރުހަބާ ކިޔުމުން އެތެރެވެވެން އޮތް މިންވަރަށް އެތެރެވުމަކީ، އެ ރަތް ރޮނގު ވަރުގަދަކޮށް އިހުނަށްވުރެ ފަލަކޮށް ފުޅާކޮށް ކުރަހައިލުމުން އެއަށް އިހުތިރާމުނުކުރާނެ ކަމުގެ އަލާމާތެއް ނޫނެވެ. 

ރާއްޖޭގެ ޖިއޮގްރަފީއާއި، އިންޑިއާއާއި ރާއްޖޭގެ އަވައްޓެރިކަމުގެ ގުޅުމާއި، އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ސަރަހައްދުގެ ސަބަބުން މި ސަރަހައްދުގައި ހަންފަތުރާ ކޮންމެ ބަޔަކަށް ރާއްޖެ މުހިއްމުވެ އެވެ. އެހެން ބޮޑު ބާރެއްގެ ނުފޫޒު މި ސަރަހައްދުގައި ފެތުރުނަނުދީ ހިފަހެއްޓުމަކީ އިންޑިއާގެ މަސްލަހަތެވެ. އެހެންކަމުން އެ މަސްލަހަތު ހާސިލުކުރުމަށް ރާއްޖެއާއެކު އެކުވެރި ބަދަހި ގުޅުމެއް ބޭއްވުމަކީ އިންޑިއާއަށް މުހިއްމު ކަމެކެވެ. އެ ގުޅުން ބާއްވާނެ ގޮތެއް ކަނޑައަޅާނީ ދިވެހިންނެވެ. އެއިރެއްގައި ދިވެހިން ތަމްސީލުކުރަން ދިވެހިން އިންތިހާބުކޮށްފައި ތިބި ބައެކެވެ. 

މިވަގުތަށް އެ ޒިންމާ އަދާކުރައްވަނީ ރައީސް މުއިއްޒާއި ކޮންގުރެސް ޕާޓީ އެވެ. ސާފު ރޮނގު ކުރައްސަވައި ރައީސް ދެއްކެވީ ދެން ދެ ގައުމުގެ ގުޅުން އޮންނާނެ ގޮތެވެ. ރާއްޖެ އެކުވެރިއެއްގެ ދަރަޖައިން ހަތުރެއްގެ މަގާމަށް ބަދަލުވެ، އެހެން ބާރުތަކެއްގެ ނާރެހުގައި އެނބުރެން ފެށުމަށްވުރެ، ރައީސް ކުރައްސަވައިލެއްވި ރޮނގަށް އިހުތިރާމުކޮށް ދެ ގައުމުގެ ގުޅުން ބަދަހިވުން އިންޑިއާއަށްވެސް މޮޅުވެފައި ރަނގަޅުވާނެ އެވެ. 

ބޮޑުވަޒީރު މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ރައީސަށް ދައުވަތު އެރުވުމާއި، އެ ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގަތުމުން މޯދީ ބެހެއްޓެވި ގާތްކަމާއި، އިންޑިއާ ސަރުކާރުން އަދާކުރި މެހެމާންދާރީ ބުނެދެނީ ދެ ގައުމުގެ ގުޅުން އޭގެ އަސްލުކަމަށްވާ އެކުވެރިކަމާއި އަވައްޓެރިކަމުގެ އުލްފަތަށް ރުޖޫއަވިކަމެވެ. ވެރިކަމުގެ ފުރަތަމަ ހަ މަހުގައި ރައީސް ކުރައްސަވައިލެއްވި ފުޅާ ފަލަ ސިޔާދަތީ ރަތް ރޮނގާއެކު، ދެ ގައުމުގެ ގުޅުން ތިލަފަތް ހަމަވެ، ސިޔާދަތީ ބާރުގައި ހަމަހަމަ ދެ ގައުމުގެ ގޮތުގައި ކޮނޑާއި ކޮނޑު ޖެހޭހެން، އެކީ މަސައްކަތްކުރާން ފަށާނެ ކަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.