"ދެ ގައުމުގެ ގުޅުމުން ދިވެހިންނަށް ހެވާ ލާބަ ލިބޭނެ ގޮތަށް ފަހި ވެގެން ދާނެ"

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެސްއެމަށް އިންޓަވިއުއެއް ދެއްވަނީ
  •  އިންޑިއާ ދަތުރަކީ ރާއްޖެއާ ސަރަހައްދަށް ވެސް ކާމިޔާބު ދަތުރެއް

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށާއި މި ސަރަހައްދަށް ވެސް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަ ކުރައްވައިފި އެވެ.

ބޮޑުވަޒީރުގެ ނަރެންދުރެ މޯދީގެ ދައުވަތަށް، އެ މަނިކުފާނުގެ ތިންވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިޔާތަށް ރައީސް މުއިއްޒު ކުރެއްވެވި އިންޑިއާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފަ އެވެ. 

އެ ދަތުރުފުޅުގެ ރަސްމީ ބަޔަށް ފަހު އިންޑިއާގައި ވެރިރަށް ދިއްލީގައި ހުންނަވައިގެން ދިވެހި ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި ކުރުކުރު އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ދަތުރުފުޅަކީ "ރާއްޖެ އާއި އަޅުގަނޑުމެންގެ ސަރަހައްދަށް ވެސް އިރާދަަ ކުރެއްވިއްޔާ ވަރަށް ރަނގަޅު ދަތުރުރެއް" ކަމަށެވެ.

"އަޅުގަނޑަށް [އިންޑިއާގެ ބޮޑުވަޒީރު މޯދީ] މި ދައުވަތު ދެއްވި ކަމަށްޓަކައި ވަރަށް އުފާ ކުރަން އިންޑިއާގެ ބޮޑުވަޒީރަށް" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އަދި ވިދާޅުވީ އެ މަނިކުފާނުގެ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެންނެވި ހުވާގެ ރަސްމިއްޔާތުތަކުގައި ބައިވެރި ވެވުމާއި އަދި އެހެން ބައްދަލުވުންތަކުގައި ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި އެކަމަށްޓަކައި ބޮޑުވަޒީރު މޯދީ އާއި އިންޑިއާގެ ރައީސާއި އަދި ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އެ ބޭފުޅުންނާ ބައްދަލު ކުރެއްވެވި ކަމަށެވެ.


"ރައްޖެއަށް އިރާދަ ކުރެއްވިއްޔާ ރަނގަޅު ކަންތައްތައް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިޔަށްވުރެ ރަނގަޅަށް ވެގެން ދާނެ ކަމަށް ޔަގީން ކުރަން... އިރާދަ ކުރެއްވިއްޔާ ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތް ދިވެހި ރައްޔިތުންނަށް އެންމެ ހެވާ ލާބަ ލިބޭނެ ގޮތަށް ދެ ގައުމުގެ ގުޅުމުގެ ތެރެއިން އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހި ވެގެން ދާނެ" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ބޮޑުވަޒީރު މޯދީ މަގާމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ޖާފަތުގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެ ޖާފަތުގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި އިންނެވި އެއްބޭފުޅަކީ ރައީސް މުއިއްޒެވެ. 

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.