ނިމުނު ނަވާރަވަނަ މަޖިލީހުން ބޭރުކޮށްލި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގެ ބިލު އަލުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.
ފާއިތުވި 19 ވަނަ މަޖިލީހަށް ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި ބިލު ބަލައިނުގަތުމަށް ދެ މެންބަރަކާއި އެއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ކުރީގެ ރައީސްގެ ވޯޓުން ފާސްކޮށް ބިލު ބޭރުކޮށްލި އެވެ.
އެ ބިލު ބޭރުކޮށްލީ ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުންނަށް އެ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ފުރުސަތު ނުލިބޭ ގޮތަށް ކަމުގައި އެއިރު އެ ޕާޓީން ތުހުމަތުކުރި އެވެ. އަދި އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް މަޖިލީހުން އެ ބިލު ބޭރުކޮށްލީ ސަރުކާރަށް ޖެއްސުންކުރަން ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.
ސަަރުކާރުގެ ފަރާތުން އަލުން އެބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލުގެ ފުރަތަަ ކިޔުންވަނީ އިއްވާފއެވެ.
ކުރިން ހުށަހެޅި ބިލަށް އިތުރު ބަދަލެއް ނުގެނެސް އަލުން ހުށަހެޅި ބިލު ހުށަހަޅާފައިވަނީ އެސްޑީއެފް ހިންގއި ބެލެހެއްޓުމާއި ފަންޑުގައި ހުރި ފައިސާ ބޭނުންކުރުމާ ގުޅޭ އުސޫލުތަކާއި އެނޫންވެސް އެކަމާ ގުޅޭ އެހެނިހެން އުސޫލުތައް ގާނޫނެއްގައި ބަޔާންކޮށް އެ ފަންޑަށް ގާނޫނީ ބާރު ދިނުމަށެވެ.
އެ ބިލު ގާނޫނަކަށް ވުމުން 'ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީސް'ގެ ނަމުގައި އެ ފަންޑު ބަލަަހައްޓައި، އެފަންޑާ ގުޅޭ ކަންކަން ހިންގުމަށް މިނިވަންކޮށް ހިނގާނެ އޮފީހެއް ގާއިމުކުރެވޭނެ އެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ހިންގުމަށް ވަކި ގަވަނިން ކައުންސިލެއް އެކުލަަވައިލެވޭނެ އެވެ.
ފަންޑުގެ ކަންކަން ހިންގުމަށް އެކަށައަޅާ އޮފީހުގެ ސީއީއޯ ހަމަޖައްސާނީ ގަވަނިން ކައުންސިލުންނެވެ. ގަވަނިން ކައުންސިލަށް މެންބަރުން އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އަދި ބިލުގެ ދަށުން ކޮންމެ ތިން މަހުން އެ ފަންޑަށް ޖަމާވި ފައިސާއާއި ހިނގި ހަރަދުތަކާއި އިންވެސްޓުމެންޓުތަކާއި ފަންޑުގައި ބާކީ ހުރި ފައިސާގެ އަދަދު ބަޔާންކުރާ ރިޕޯޓެއް އެ އޮފީހުގެ ފަރާތުން ތައްޔާރުކޮށް ގަވަނިން ކައުންސިލަށް ހުށަހަޅަންޖެހޭނެ އެވެ.
ފަންޑަށް ފައިސާ ޖަމާކުރެވޭނެ މިންވަރު ގަވަނިން ކައުންސިލުގެ ލަފައާއެކު ރައީސް ކަނޑައަޅުއްވާއިރު، އެ ފައިސާގެ މިންވަރު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާނެ އެވެ. އެ ޖަމާކުރަން ކަނޑައަޅާ މިންވަރު ފަންޑަށް ޖަމާވުމުން އިތުރުވާ ފައިސާ ޖަމާކުރާނީ އާމްދަނީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށެވެ.
އަދި ފަންޑު އިތުރަށް ފުޅާކުރުމަށް އެކަމަށް ގަވަނިން ކައުންސިލުން ނަގާ އިންވެސްޓުމެންޓު ކޮމިޓއަކުން އެކުލަވއިލާ އިންވެސްޓުމެންޓު ޕޮލިސީއަކާ އެއްގޮތަށް ފައިސާ އިންވެސްޓުކުރެވޭނެ އެވެ.
ފަންޑުގެ ކަސްޓޯޑިއަނުގެ ހައިސިއްޔަތުން ފަންޑަށް ވަންނަ ފައިސާއާއި ބޭރުވާ ފައިސާގެ އަދަދުތައް ހިމެނޭ އިންފްލޯ އަދި އައުޓްފްލޯ ރިޕޯޓު ތައްޔާރުކޮށް ހިއްސާކުރުމަކީ މަރުކަޒީ ބޭންކުން ކުރަންޖެހޭ ކަމެކެވެ.