ހަތް ރަށު-ޕިކަޕުގެ އަގަށް ފުވައްމުލަކު ކައުންސިލުން ޕިކަޕެއް ގަނެފި

ރިޕޯޓުގައި ބުނެފައިވާ ގޮތުން ކައުންސިލަށް ބޭނުންވާ 1.5 ޓަނުގެ ރަށު ޕިކަޕެއް 33،000 ރުފިޔާއަށް ލިބޭއިރު ކައުންސިލުން ގަތް ޕިކަޕު ގަތުމަށް 227،900 (ދެލައްކަ ހަތާވީސް ހާސް ނުވަ ސަތޭކަ) ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރަށެއްގައި ބަޔަކު ރަށު ޕިކަޕެއްގައި ދަތުރުކުރަނީ، ފޮޓޯ: މިހާރު

ހަތް ރަށު ޕިކަޕު ގަނެވޭ އަގަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެންމެ ޕިކަޕެއް ގަތް މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

މި މައްސަލަ ފެންމަތިވީ ފުވައްމުލަކު ސިޓީ ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުންނެވެ. އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ރަށު ޕިކަޕެއް ހޯދުމަށް އެ ކައުންސިލުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުން ހަދާފައިވަނީ 16 ޖޫން 2022 ވަނަ ދުވަހު އެވެ. 

ކައުންސިލުން ހޯދަން އިއުލާނުކުރީ 1.5 ޓަނުގެ ރަށު ޕިކަޕެކެވެ. އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 1.5 ޓަނުގެ ރަށު ޕިކަޕަކީ ރާއްޖޭގެ މާކެޓުންވެސް ލިބޭ އެއްޗެކެވެ. ނަމަވެސް މައުލޫމާތު ޝީޓުގައި ޕިކަޕުގެ ސްޕެސިފިކޭޝަންތަކުގެ ގޮތުގައި ކައުންސިލުން ހިމެނި ހުރިހާ ކަމެއް ފުރިހަމަވާ ޕިކަޕު ރާއްޖޭގެ ބާޒާރުން ނުލިބޭކަން އެ ރިޕޯޓުގައި ފާހަގަކުރިއެވެ. 

ސިޓީ ކައުންސިލުގެ ސްޕެސިފިކޭޝަންތަކުގެ ތެރޭގައި، ހަތަރު މީހުންގެ ޖާގައެއް އޮތުމާއި، އެއާ ކޮންޑިޝަން ކޮށްފައި ހުރުމާއި، ފަހަތުގައި ކެމެރާއާއި، އޯޑިއޯ ޕްލެޔަރަކާއި، ޔޫއެސްބީ އަދި ރޭޑިއޯ ސަޕޫ ހިމަނާފައިވެ އެވެ. އޮޑިޓު އޮފީހުން ފާހަގަކުރު ގޮތުގައި މި ސްޕެސިފިކޭޝަންތަކަކީ އާންމުކޮށް ރަށު ޕިކަޕުގައި ހުންނަ ކަންކަމެއް ނޫނެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އެ އިއުލާނާ ގުޅިގެން ބީލަން ހުށަހަޅާފައި އޮތީ އެންމެ ކުންފުންޏަކުން ކަމަށެވެ. އަދި އެ ކުންފުނިންވެސް ހުށަހެޅީ އެއްހާސް ކިލޯގެ ރަށު ޕިކަޕެއް ނުވަތަ ބެޓަރީ ޕިކަޕް ޓްރަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. 

އަދި އިއުލާނުގައި ބޭންކު ރިފަރެންސް ލެޓާއާއި ފާއިތުވި ތިން މަހުގެ ބޭންކު އެކައުންޓު ސްޓޭޓުމެންޓު ހުށަނާޅައިފިނަމަ ބީލަން ބާތިލުވާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބީލަން ހުށަހެޅި ކުންފުނިން ހުށަހަޅާފައި އޮތީ އެންމެ މަހެއްގެ ބޭންކު ސްޓޭޓުމެންޓުކަން އޮޑިޓު އޮފީހުން ފާހަގަކުރި އެވެ. 

އިތުރަށް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ބީލަން ހުށަަހެޅި ފަރާތުން ކައުންސިލަށް ފޯރުކޮށްދިން ރަށު-ޕިކަޕުގައި ކައުންސިލުން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތައް ފުރިހަމަނުވާ ކަމަށެވެ. އެގޮތުން 1.5 ޓަނުގެ ރަށު ޕިކަޕެއް ފޯރުކޮށްދޭން އިއުލާނުކުރި ނަމަވެސް ހުށަހަޅާފައިވަނީ އެއް ޓާނުގެ ރަށު ޕިކަޕެއް ކަމަށެވެ. ނަމަވެސް ކައުންސިލުންވަނީ އެ ޕިކަޕާ ހަވާލުވެފައެވެ.  

އޮޑިޓުގައި ފާހަގަވެފައިވާ ކަންކަމުގެ ތެރޭގައި މި ރަށު ޕިކަޕު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ތައްޔާރުކުރަން ޖެހޭ ލިޔެކިޔުން ތައްޔާރުނުކޮށެވެ. އަދި ރަށު ޕިކަޕެއް ބޭނުންވެގެން ކުރި އިއުލާނާ ގުޅިގެން ގަނެފައިވަނީ ބެޓެރި ޕިކަޕް ޓްރަކެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. 

ރިޕޯޓުގައި ބުނެފައިވާ ގޮތުން ކައުންސިލަށް ބޭނުންވާ 1.5 ޓަނުގެ ރަށު ޕިކަޕެއް 33،000 ރުފިޔާއަށް ލިބޭއިރު ކައުންސިލުން ގަތް ޕިކަޕު ގަތުމަށް 227،900 (ދެލައްކަ ހަތާވީސް ހާސް ނުވަ ސަތޭކަ) ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެންކަމުން ކައުންސިލުން ބޭނުންވާ ކަންކަން ކުރެވޭ އުޅަނދެއް ގަތުމަށް ހަރަދުވާނެކަމަށް ބެލެވޭ އަގަށްވުރެ އިތުރަށް 194،900 (އެއްލައްކަ ނުވަދިހަ ހަތަރު ހާސް ނުވަ ސަތޭކަ) ރުފިޔާ ކަުއންސިލުން ހަރަދުކޮށްފައިވާކމަަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. 

އެހެންކަމުން ފުވައްމުލަކު ކައުންސިލުން ރަށު ޕިކަޕެއް ގަތުމަށް ކުރި އިއުލާނާ ގުޅިގެން ޕިކަޕު ގަނެފައިވަނީ އެ ކައުންސިލުގެ ބޭނުންތަކަށް ބޭނުންވާ ބާވަތުގެ ހަތް ރަށު ޕިކަޕު ގަނެވޭނެ އަގަށެވެ. 

އިތުރަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފުވައްމުލަކު ކައުންސިލުން ރަށު ޕިކަޕު ބޮޑު އަގުގައި ގަނެފައިވާއިރު، 2 އޮކްޓޯބަރު 2022 ގައި އެ ކައުންސިލާ އުޅަނދު ހަވާލުކުރި ނަމަވެސް 17 ޖުލައި 2023 ވަނަ ދުވަހާ ހަމައަށްވެސް ކައުންސިލުގެ ނަމުގައި އެ އުޅަނދު ރަޖިސްޓަރީ ކޮށްފައި ނުވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.