ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒެރްވޮސް ވިދާޅުވި ގޮތުގައި ރާއްޖޭގެ މާލީ ގޮތުން ކުރިއަށްދާނެ ދިގު މުއްދަތުގެ ޕްލޭންތަކެއް ހަދަން ޖެހެ އެވެ.
ދިވެހ ސަރުކާރުން އަޅަން ފަށާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކަކީ ރާއްޖެއަށް ހެވެއް ކަމަށާއި އަދިު އެ ކަމަކީ ހެޔޮފާލެއް ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު - ޒެރްވޮސް ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ވޯލްޑް ބޭންކުން ނެރުނު ރާއްޖޭގެ އިކޮނޮމިކް އަޕްޑޭޓްގެ މައްޗަށް ނެރުއްވި ވީޑިއޯއެއްގައި ފާރިސް ހަދާދު-ޒެރްވޮސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދު، ބާނި ބޮޑުކޮށް ދަތުރުކުރި ނަމަވެސް ސަރުކާރުން އިއުލާނު ކޮށްފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކަކީ ކުރިއަށް އޮތް އުންމީދެކެވެ.
"ސަރުކާރުން ވަނީ އެސްއޯއީތައް އިސްލާހު ކުރުމާއި ސަބްސިޑަރީ ރިފޯމް ކުރުން އަދި ސިއްހީ ނިޒާމުގެ ހޭދަ އިސްލާހު ކުރުން. މިކަންކަމާއެކު ވޯލްޑް ބޭންކުން މިވަނީ ރާއްޖެއާއެކު މަސައްކަތްކޮށް އެހީތެރި ވާން ތައްޔާރަށް،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސޯދަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށާ އެގޮތުން ރާއްޖޭގެ އިގްތިސޯދުގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމަށް ލިބޭ އާމްދަނީ ދަށްވުގެ ސަބަބުން ދަށް ވެގެން ދިޔަ ކަމަށެވެ. އަދި މިދިޔަ އަހަރު ސަބްސިޑަރީ ރިފޯމް ނުކުރުވުމާއެކު ދައުލަތުގެ ހަރަދުތައް މަތިވެގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިކަމަށް ވިސްނައި ސަރުކާރުން ދިގު މުއްދަތުގެ މާލީ އިސްލާހުތަކެއް ގެނެސް އެ ތަންފީޒް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިކަމުގެ ސަބަބުން ދަރަނީގެ ހާލަތު ގޯސްވެ، މީގެ ޕްރެޝަރު ދައުލަތުގެ އާމްދަނީއަށް ކުރި. ނަމަވެސް އުންމީދަކަށްވީ ޓޫރިޒަމްގެ ދުވެލި ކުރު މުއްދަތެއްގައި ވެސް ފަސް ޕަސެންޓުގައި ދުވެލީގައި ހުރުން،" ފާރިސް ވިދާޅުވި އެވެ.