އިންޑިއާއާއެކު ހެދި އެއްބަސްވުންތަކުގެ މައްސަލަ ބަލަން 241 ކޮމެޓީގެ ސަބް ކޮމެޓީއެއް

އޭރު ދިފާއީ ބާރުން އެ އެއްބަސްވުމާ ދެކޮޅު ހެދުމަށްފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިފާއީ ބާރުގެ ވިސްނުން ބަދަލުވި ގޮތެއް ބަލަން އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން --

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ހުރަސް އެޅޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކުގެ މައްސަލަތައް ބަލަން 241 ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވުމަށް މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ 241 ކޮމެޓީގެ ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެވެ. ސަބް ކޮމެޓީގައި ބަލަން އޭނާ ހުށަހެޅުއްވީ ތިން މައްސަލައެއް ބެލުމަށެވެ.

އެގޮތުން، ފުރަތަމަ މައްސަލައެއްގެ ގޮތުގައި އަޒާން ފާހަގަ ކުރެއްވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުމެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުމަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއިން ހުށަހެޅި ނަމަވެސް ސޮއި ކޮށްފައި ނުވާ އެއްބަސްވުމެއް ކަމަށެވެ. އޭރު ދިފާއީ ބާރުން އެ އެއްބަސްވުމާ ދެކޮޅު ހެދުމަށް ފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިފާއީ ބާރުގެ ވިސްނުން ބަދަލުވި ގޮތެއް ބަލަން އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.

"މި އެއްބަސްވުން ގޯސްކަން އަޅުގަނޑުމެންނަށް އެނގޭ ކަމަކީ، ސަރުކާރުން ވަނީ މި އެއްބަސްވުން އާ ނުކުރަން ނިންމާފައި،" އަޒާން ފާހަގަ ކުރެއްވި އެވެ.

ދެވަނަ މައްސަލައަކަށް އަޒާން ހުށަހެޅުއްވީ އުތުރުތިލަފަޅުގައި ޑޮކްޔާޑް ހަދަން އިންޑިއާއާއެކު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ މައްސަލަ އެވެ. މި އެއްބަސްވުމަށް ވާސިލްވިއިރު ހިނގާފައިވާ ޕްރޮސެސް ބަލަން ބޭނުންވާ ކަމަށާއި، މިއީ ބަންޑާރަ ނައިބްގެ ލަފަޔަކާއެކު ހަދަން ޖެހޭ ފަދަ އެއްބަސްވުމެއް ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

"އަޅުގަނޑަށް މިހާރު މައުލޫމާތު ލިބެނީ އެ އެއްބަސްވުމުގައި ސޮއި ކުރެވުނުއިރު އޭރު ގައުމީ ދިފާއީ ބާރުގަ ތިއްބެވި އިސްވެރިންނަށް ވެސް އެއްބަސްވުން ފެނިފައި ނުވޭ. އަދި މިހާރު ތިއްބެވި ވެރިންނަށް ވެސް އެއްބަސްވުން ފެނިފަ ނުވާ ކަމަށް މައުލޫމާތު ލިބޭ،" އަޒާން ވިދާޅުވި އެވެ.

ސަބް ކޮމެޓީގައި ބަލަން އަޒާން ހުށަހެޅުއްވި ތިންވަނަ މައްސަލައަކީ ރާއްޖޭގެ ޑޯނިއާ އޮޕަރޭޓް ކުރަން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުމެވެ. ކުރިން މި އެއްބަސްވުން ކުރިއަށް ނުގެންދަން ނިންމުމަށް ފަހު ފަހުން ކުރިއަށް ގެންދަން ނިންމި ސަބަބު ބަލަން އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.

"މީގެ ބޭނުމަކީ ކުރިން ތިބި ބައެއްގެ މައްސަލަ ބަލައި އެ މީހުން ފަލީހަތް ކުރުން ކަހަލަ ކަމެއް ކުރުމެއް ނޫން. އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާއަކީ ފަހުން ވެސް މިފަދަ އެއްބަސްވުންތައް ހެދިގެން އަންނައިރު ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ކުރާ ކަމެއްކަން ކަށަވަރު ކުރެވުން," އަޒާން ވިދާޅުވި އެވެ.

މީގެ އިތުރުން، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ޗާގޯސް މައްސަލައިގައި ރާއްޖޭން އަމަލު ކޮށްފައިވާ ގޮތް ބަލަން ވެސް ހުށަހަޅުއްވާފަ އެވެ.

ދެ މެންބަރުން ހުށަހެޅުއްވި ކަންކަން ބެލުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އަދި، ހަތަރު މެންބަރުން ހިމެނޭހެން ސަބް ކޮމެޓީއެއް އެކުލަވާލަން ވަނީ ނިންމައިފަ އެވެ. އެ މެންބަރުންނަކީ؛

  •  ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން
  •  ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
  •  ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
  •  ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު

މި މައްސަލަތައް ބަލަން 241 ކޮމެޓީގެ ސަބް ކޮމެޓީއެއް ހަދަން ނިންމާފައިވާއިރު، އެމްޑީޕީ ވެރިކަމުގައި އޮތްއިރު އޭރުގެ އިދިކޮޅުގައި ތިބެ ޕީޕީއެމް / ޕީއެންސީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މި އެއްބަސްވުންތައް ހާމަކުރަން ގޮވާލި ނަމަވެސް އޭރު ސަރުކާރުން ބުނެފައި ވަނީ އެއްބަސްވުންތައް ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.