ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ނަވާރަވަނަ މަޖިލީހުން ރުހުންނުދިން ތިން ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ކޮމިޓީ މަރުހަލާއިން ފާސްވެފައިވެ އެވެ. އެހެންކަމުން މާދަމާ އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދޭނެކަމަށް ބެލެވެ އެވެ.

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ރުހުންނުދިން ތިން ވަޒީރުންގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. 

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމައިގެން އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ރުހުންނުދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު އަލީ ހައިދަރުއާއި ބަންޑާރަނައިބު އަހުމަދު އުޝާމެވެ. 

އެ ބޭފުޅުން ރުހުން ނުދިނުމަށް އެއިރުގެ މަޖިލީހުން ނިންމުމުން ރައީސްވަނީ އެ ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަންކުރައްވާފަ އެވެ. އަދި އެއަށްފަހު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ރައީސް ފޮނުއްވި ނަމަވެސް 19 ވަނަ މަޖިލިސް ނިމިގެން ދިޔައީ އެ ބޭފުޅުންގެ ނަންފުޅުތަކާމެދު އަލުން ގޮތެއް ނުނިންމައެވެ.

ވިހިވަނަ މަޖިލިސް ހުވައިކުރެއްވުމާއެކު ދެވަނަ ޖަލްސާއަށް އެޖެންޑާކުރި އެއް މައްސަލައަކީ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެވެ. ސަރުކާރު ޒިންމާ އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެ މައްސަލަ ފޮނުވުމުން އެ ކޮމިޓީން އެ ވަޒީރުންގެ ނަންތައް ދިރާސާކޮށް ރުހުން ދިނުމަށް ފެންނަ ކަމަށްވަނީ ނިންމާފައެވެ. 

މިއަދު އާންމުކުރި މާދަމާ ބާއްވާ މަޖިލިސް ޖަލްސާގެ އެޖެންޑާގައި ބުނެފައިވާ ގޮތުން މާދަމާ މަޖިލީހުގެ ކޮމިޓީތަކުން ތަޅުމަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމެނޭނެ ކަމަށެވެ. 

ވިހިވަނަ މަޖިލީހުގައި ވެރިކަންކުރާ ޕީއެންސީގެ 75 މެންބަރުން ތިއްބަވާއިރު ސަރުކާރަށް ތާއީދުކުރައްވާ އެހެނިހެން ޕާޓީތަކުގެ މެންބަރުންނާއެކު، ސަރުކާރުން އެދޭ ގޮތަށް މަޖިލީހުގައި ވޯޓު ދެއްވާނެ 79 މެންބަރުން ތިއްބަވާނެއެވެ. އެހެންކަމުން މާދަމާ ތިން ވަޒީރުންނަށް މަޖިލީހުގެ ރުހުން ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.