ޔަމަނުގައި ހޫޘީން އދ. ގެ މުވައްޒަފުންތަކެއް ހައްޔަރުކޮށްފި

އދ.އިން ބުނެފައިވަނީ އެ ޖަމްއިއްޔާގެ މުވައްޒަފުން ސަލާމަތްތެރިކަމާއެކު މިނިވަންކުރުމަށް ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން ޙޫޘީންގެ ބައެއް އަމާޒުތަކަށް ހަމަލާދިނުމަށްފަހު އެ ޖަމާއަތުގެ ހަނގުރާމަވެރިން އެއް ތަނަކަށް އެއްވެ ހަރަކާތްރިވަނީ، ފޮޓޯ: ރޮއިޓާސް

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން އދގެ 11 ވަރަކަށް މުވައްޒަފުން ބަންދުކޮށްފައިވާކަމަށް ވިދާޅުވެ އެމީހުން މިހާރުން މިހާރަށް މިނިވަންކުރުމަށ އދގެ ތަރުޖަމާން ސެޓަފާން ޑުޖަރިޗް ގޮވާލައްވައިފިއެވެ. 

ހުކުރުދުވަހު ޑުޖަރިޗް ވިދާޅުވެފައިވަނީ އދގެ މުވައްޒަފުން ޙޫޘީން ބަންދުކޮށްގެން އުޅޭ ސަބަބު ސާފުކޮށްދިނުމަށް އެ ޖަމްއިއްޔާއިން އެދިފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އދއިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ އެންވޯއީގެ އޮފީހާއި އެ ޖަމްއިއްޔާގެ ފަސް އިދާރާއެއްގައި މަސައްކަތްކުރާ ނުވަ ފިރިހެނުންނާއި ދެ އަންހެނުންނެވެ. 

"ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހައްޔަރުކޮށްފައިވާ މުވައްޒަފުން ރައްކާތެރިކަމާއެކު އެއްވެސް ޝަރުތަކާ ނުލައި ވީހާވެސް އަވަހަށް މިނިވަންވޭތޯ މިދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުން.،" ޑުޖަރިޗު ވިދާޅުވިއެވެ. އަދި އެމީހުންނާ ބައްދަލުކުރުމަށްވެސް އެ ޖަމްއިއްޔާއިން އެދިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

ޙޫޘީ ޖަމާއަތުގެ އިންޓެލިޖެންސް އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޔަމަނުގައި ޑިމޮކްރަސީ ގާއިމުކުރުމަށް މަސައްކަތްކުރާ ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓޫޓް (އެންޑީއައި)ގެ ތިން މުވައްޒަފަކާއި ޔަމަނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއްގެ ތިން މުވައްޒަފަކު ހައްޔަރުކޮށްފައިވެއެވެ. އެންޑީއައިއަކީ އެމެރިކާއިން ފަންޑުކޮށްގެން ހިންގާ ޖަމާއަތެކެވެ. 

މިމީހުން ހައްޔަރުކޮށް، އެމީހުން ބައިތިއްބާފައި ތިބި ތަނެއް ހާމަކުރަން ޙޫޘީން ދެކޮޅުހަދާތީ ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވަނީ އެކަމަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ގަދަކަމުން މީހުން ގެއްލުވައިލުމުގެ އަމަލެއްގެ ގޮތުގައި ބެލިދާނެ ކަމަށެވެ. 

އެ ޖަމްއިއްޔާގެ ފަރާތުން ބަހުރައިނާއި ޔަމަނުގެ ހާލަތު ދިރާސާކުރައްވާ ނިކޫ ޖަރާނިއާވަނީ އދގެ މުވައްޒަފުންނާއި އެހެނިހެން މިނިވަން ޖަމާއަތްތަކަށް ނިސްބަތްވާ މުވައްޒަފުން އިންސާނީ ހައްގުތަކަށް ކުރަމުންދާ މަސައްކަތާ ގުޅުވައިގެން ހައްޔަރުކޮށްގެން ގެންގުޅުން ޙޫޘީން ހުއްޓައިލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. 

އޭނާ ވިދާޅުވި ގޮތުގައި މިފަދައިން އެހީދޭ ޖަމްއިއްޔާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ހައްޔަރުކުރުމަކީ އެމީހުންގެ މިނިވަންކަމަށް އަރައިގަތުން އެކަންޏެއް ނޫނެވެ. އެއީ ޔަމަނަށް މިވަގުތު ކޮންމެހެން ބޭނުންވެފައިވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުރަސް އެޅުންކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ. 

މިމީހުން ހައްޔަރުކުރި ސަބަބެއް ސާފުނުވި ނަމަވެސް މި ދުވަސްވަރަކީ ޔަމަނުގައި އޮތް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވާ ސަރުކާރާއި ޙޫޘީންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑުވެފައިވާ ވަގުތެކެވެ، 

އެގޮތުން ފާއިތުވި އަހަރު ޔަމަނު ސަރުކާރުންވަނީ އެ ގައުމުގެ ހުރިހާ ބޭންކުތަކެއްގެ މައި މަރުކަޒު އެ ސަރުކާރުގެ ވެރިރަށް އަދަނަށް ބަދަލުކުރަން އަންގާފައެވެ. އެ ނިންމުމުގެ ސަބަބުން ޙޫޘީންނަށް އިތުރު އިގުތިސާދީ ދަތިތައް ކުރިމަތިވުމުގެ އިހުތިމާލު ބޮޑެވެ. 

ޔަމަނުގެ ޒަމާންވީ ވެރިރަށް ސަންއާގެ ހުރިހާ ކޮންޓުރޯލެއް ނަަގައި، އެ ގައުމުގެ ހަގީގީ ވެރިކަން އޮތީ ޙޫޘީންގެ އަތްމަތީގައި ކަމަށް އެ ޖަމާއަތުން ދައުވާކުރެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.