ކުޑަކުދިންނަށް އަނިޔާވެރިވާ ގައުމުތަކުގެ ލިސްޓުގައި އިސްރާއީލު ހިމަނަނީ

އިސްރާއީލުގެ ހަމަލާއެއްގައި އަނިޔާވި ކުއްޖަކު ފަރުވާގެ އިންތިޒާރުގައި، ފޮޓޯ: އޭއެފްޕީ

ހަނގުރާމައިގެ ތެރޭގައި ކުޑަކުދިންނަށް އަނިޔާވެރިވާ ގައުމުތަކުގެ "ބްލެކްލިސްޓު"ގައި އިސްރާއީލު ހިމެނުމަށް އދއިން ނިންމައިފިކަން އިސްރާއީލު ޑިޕްލޮމެޓެއް ކަށަވަރުކޮށްދީފިއެވެ. 

އދއަށް އިސްރާއީލުން ކަނޑައަޅާފައި ހުންނަ ސަފީރު ގިލާދު އެރްދާން މީސްމީޑިއާގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހަނގުރާމައިގެ ހާލަތުގައި ކުޑަކުދިންނަށް ގެއްލުންދޭ ގައުމުތަކުގެ ބްލެކްލިސްޓުގައި އިސްރާއީލު ހިމެނުމަށް ނިންމާފައިވާކަން އދ.އިން އޭނާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. 

އަދި އދގެ އަމީންއާންމުގެ އެ ނިންމެވުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ ނިންމުމެއްކަމަށް ބުނެ އެ ނިންމުމުގެ ފަހަތުގައިވަނީ އިސްރާއީލަށް ގުޓަރޭޒް ނަފުރަތުކުރެއްވުން ކަމަށްވެސް ގިލާދު ބުނެފައިވެއެވެ. އެ ނިންމުމަކީ ލަދުވެތި ނިންމުމެއް ކަމަށާއި، އިސްރާއީލު އަސްކަރިއްޔާއަކީ ދުނިޔޭގައި އޮތް އެންމެ އަހުލާގު ރަނގަޅު އަސްކަރިއްޔާކަމަށްވެސް ގިލާދު ބުންޏެވެ. 

ގިލާދުގެ ވާހަކަތަކާ ގުޅިގެން ގުޓަރޭސްގެ ތަރުޖަމަން ސެޓަފާން ޑުޖަރިޗް ބުނެފައިވަނީ އަހަރަކު އެއްފަހަރު ނެރޭ "ޗިލްރެން އިން އާމްޑް ކޮންފްލިކްޓްސް" ރިޕޯޓުގެ ޖަދުވަލުގައި އިސްރާއީލުގެ ނަން ހިމެނުމަށް ނިންމާފައިވާކަން އިސްރާއީލުން އދއަށް ކަނޑައަޅާފައި ތިބޭ މަންދޫބުންނަށް އެންގީ އެ ލިސްޓުގައި ގައުމުތައް ހިމެނުމުން އާންމުކޮށް އަމަލުކުރާ އުސޫލުން އިހުތިރާމުގެ ތެރެއިން ކަމަށެވެ. 

އަދި އިސްރާއީލު ސަފީރު މީސްމީޑިއާއަށް ދޫކޮށްލި ވީޑިއޯއަކީ އޭނާ އދގެ ހިދުމަތުގައި ހޭދަކުރެއްވި 24 އަހަރުގެ ތެރޭގައި ދެކެވަޑައިގެންފައި ނެތް ކަމެއް ކަމަށާއި، އެ ވީޑިއޯގައި އދގެ އޮފިޝަލުންނާއި ވާހަކަދައްކަވާ މަންޒަރު ރެކޯޑުކުރައްވައި އެ މަންޒަރު އާންމުކުރައްވާފައިވުމަކީ ސިހުން ލިބިވަޑައިގެންނެވި ކަމެއް ކަމަށް ޑުޖަރިޗް ވިދާޅުވިއެވެ. 

"ޗިލްރެން އިން އާމްޑް ކޮންފްލިކްޓްސް" ރިޕޯޓުގައި ކުޑަކުދިންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާ ގައުމުތަކުގެ ލިސްޓެއް ހިމެނޭއިރު، އެ ލިސްޓުގަައި ހިމެނޭ ގައުމުތަކަކީ ކުޑަކުދިން ގަތުލުކުރުމާއި، ޖިންސީ އަނިޔާ ދިނުމާއި، ސުކޫލުތަކާއި ހޮސްޕިޓާތަކަށް ހަމަލާދިނުން ފަދަ ޖަރީމާތައް ހިންގާ ގައުމުތައް ހިމެނޭ ލިސްޓެކެވެ. 

ރަޝިޔާއާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި ސޯމާލިއާ އަދި ސޫރިޔާ ފަދަ ގައުމުތައް ހިމެނޭ މި ލިސްޓުގައި އިސްރާއީލު ނުހިމަނުއްވަަތީ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ފާޑުކިޔުން ގުޓަރޭސްއަށް އަމާޒުވެފައިވެއެވެ. 

ނަމަވެސް އެ ލިސްޓުގައި އިސްރާއީލު ހިމަނެއްވުމަށް ނިންމެވުމާ ގުޅިގެން ފަލަސްތީނުންވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފއެވެ. އެގޮތުން ފަލަސްތީނުގެ އިސް އޮފިޝަލު ރިއާދު މާލިކީ ވިދާޅުވެފައިވަނީ އެ ލިސްޓުގައި އިސްރާއީލުގެ ނަން ހިމެނުމަކީ ޣައްޒާގައި އިސްރާއީލު އަސްކަރިއްޔާއިން ހިންގަމުންދާ ޖަރީމާތައް ދުނިޔޭގެ ލޯ ކުރިމަތީ ކަޝްފުވާނެ ކަމެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.