ބިމުގެ ފެނާއި ސްޓެލްކޯ ފެން މަސްހުނި ނުކުރުމަށް އެދިއްޖެ

ސްޓެލްކޯއިން ބުނީ ބައެއް ފަރާތްތަކުން ބިމުގެ ފެނާއި، އެކުންފުނިން ދޫކުރާ ސާފުކުރި ފެނާއި މަސްހުނިކޮށް ގޭގެއަށް ފެން ގުޅާކަން ފާހަކުރެވޭ ކަމަށާއި، އެކަން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ސްޓެލްކޯއިން ރަސްދޫގައި ބެހެއްޓި 100 ޓަނުގެ އާރްއޯ ޕްލާންޓް

ސްޓެލްކޯއިން ފެނުގެ ހިދުމަތް ދޭ ރަށްރަށުގައި ގޭގެއަށް ފެން ވަޔަރުކުރުމުގައި ބިމުގެ ފެނާއި، ކުންފުނީގެ ސާފުކުރި ފެން މަސްހުނިވާ ގޮތަށް، ވަޔަރު ނުކުރުމަށް އެދިއްޖެ އެވެ. 

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ފެނުގެ ހިދުމަތް ފޯރުކޮށްދެމުންގެންދާ ރަށްރަށުގެ ފެނުގެ ނިޒާމަށް ހައުސް ކަނެކްޝަން ގުޅާއިރު، ބިމުގެ ފެނާއި އެކުންފުނިން ފޯރުކޮށްދޭ ފެން އެކުވާގޮތަށް ކަނެކްޝަން ހަދަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެއީ ފެނާއި ނަރުދަމާ ގާނޫނު މަނާކުރާ ކަމެއް ކަމަށެވެ. 

ސްޓެލްކޯއިން ބުނީ އެކުންފުނިން ދޭ ފެނުގެ ހިދުމަތަކީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޓެސްޓް ކުރެވިގެން ފޯރުކޮށްދެވޭ ހިދުމަތެއް ކަމަށެވެ. 

"...މި ނިޒާމުގެ ތެރެއަށް އިތުރު އެއްވެސް ފެނެއް އެއްކުރެވޭ ނަމަ، އެކަމުގެ ސަބަބުން ފެން ތަގައްޔަރުވެ، ފެނުގެ ހިދުމަތް ބޭނުންކުރާ ހުރިހާ ރައްޔިތުން ސިއްހީ ނުރައްކާތެރި ކަމެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު ވާނެ،" ސްޓެލްކޯއިން މިއަދު ކުރި އިއުލާނުގައި ބުނެ އެވެ. 

އަދި މިގޮތަށް ކަނެކްޝަން ހަދާފައިވާ ތަންތަނުން މިއަދުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި މިކަން ރަނގަޅު ކުރުމަށް ސްޓެލްކޯއިން އަންގާފައި އެވެ. 

މި މުއްދަތުގައި މިކަން ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.