ވާހަކަ

ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 3

"އާނ.. ރޭގަ.. ނޭނގެ ބުނާކަށް ވެސް.. ކިޔާދޭނެ ގޮތެއް ވެސް.." ލައިލާ ހާސްކަމާއި އެކުގައި މީކާލްއަށް ބަލާލިއެވެ.

-އެޕިސޯޑް 3 –

"މިތާގަ އިށީނަމާ!"

އުނދޯޏަށް އިޝަރާތް ކޮށްލަމުން މީކާލް ބުނެލިއެވެ. ލައިލާ ބޯޖަހައިލަމުން މީކާލްއާ އެކުގައި އުނދޯލީގައި އިށީންނެވެ.

"އާނ! ދެން ކިޔާާ! ކިހިނެއްވީ ލައިލާ؟" މީކާލް ފުރަތަމަ ބޭނުންވީ ލައިލާއަށް ވީގޮތް ސާފު ކުރާށެވެ. ކަންތައް ވެގެން ދިޔަގޮތް ސީދާ ތެދަށް ކިޔާ ދިނުމުގެ ނިޔަތުގައި ލައިލާ ކަރުކެހިލަމުން ވާހަކަދައްކަން ފެށިއެވެ. ނަމަވެސް ލައިލާ ހުއްޓުނީއެވެ. 

ކިޔާ ދެވެން މި އުޅެނީ ބައްޕައާ އެކު ހުވަފެނުގައި ހިނގާ ދިޔަ ހަޑި ވާހަކަތަކެއްކަން އެނގުމުން ލައިލާ އޭނާގެ ދޫ ބަންދުކޮށްލިއެވެ. ނަމަވެސް ދެން އެއްވެސް އެއްޗެއް ނުބުނެ ހުރެފިނަމަ، މީކާލް ދެކޭނީ ނުބައިކޮށްކަން ލައިލާއަށް އެނގުނެވެ. މީކާލް ހިތުގައި އެހެންކަންތައްގަނޑެއް އާލާވެގެން ދިޔުމުގެ ކުރިން ލައިލާ މުޅި އެތި ހަމަޖައްސާލިއެވެ.

ބިރުވެރި ހުވަފެނެއް ފެނުނީ ކަމުގައި ބުނެލިއެވެ. އެ ހުވަފެނުގައި ލައިލާއަށް ވީ އެއްވެސް އުދަނގުލެއް އޭނާ ކިޔައެއް ނުދެއެވެ. ހުވަފެން ވަކި ހިސާބަކުން މަޖާގޮތަކަށް ބަދަލުކޮށްލަމުން ލައިލާ ހަމަޖެހިލާކަން ދައްކާލިއެވެ.

"މީކާލްއަށް ކިހިނެއްވީ؟" 

ލައިލާ ބަލައިލީ މީކާލްގެ މޫނަށެވެ.

"ރޭގަ... ލައިލާ ފެންވަރަން ދިޔައީ ދައްތަ ރޫމަކަށްނު ދޯ؟ ދެން ފެންވަރައިގެން އައިސް އިސްތަށިގަނޑު ފުނާ އަޅާ ރެޑީވީ އަހަރެންގެ ރޫމްގައެއްނު؟ ރަނގަޅަށްތަ މިބުނެވުނީ؟" މީކާލް އިތުރަށް ޔަޤީން ކޮށްލުމަށް އަހާލިއެވެ.

"އާނ! ދެމީހުން ލޯބިކޮށް ނިންމާލާފަ އަހަރެން ފުރަތަމަ ވަނީ މީކާލް ރޫމަށް.. ފާޚާނާގަ ހުއްޓާ ޕީރެޑް ވީ... ދެން ފެންމާގަނޑުން ރަނގަޅަށް ފެން ވެސް ނާދޭ.. އެހެންވެ ދިޔައީ މީކާލްގެ ދައްތަ ރޫމަށް.. އެ ކޮޓަރިން ފެންވަރައިގެން، ދައްތަގެ ޕެޑެއް ނަގައިގެން އަހަރެން އައީ އަނބުރާ މީކާލް ރޫމަށް.. އައިސް ރެޑީވީ.. ކިހިނެއްތަ ވީ؟" ލައިލާ ހާސްކަމާ އެކުގައި މީކާލްއަށް ބަލައިލިއެވެ.

"ދެން ފަހުން އެ ކޮޓަރިއަށް ނުދަންތަ؟" 

މީކާލް ފަހަރަކު ސުވާލެއް ލައިލާއަށް ކުރިމަތި ކުރުވަމުން ދިޔައެވެ.

"ނޫން! ދިޔައިން.. ކިހިނެއްވީ؟" 

ލައިލާ ބަލަހައްޓައިގެން ހުރީ މީކާލްގެ ސީދާ މޫނަށެވެ.

"ކީއްކުރަން ދިޔައީ؟" 

މީކާލްގެ ސުވާލުތަކުން އަރައިގަނެވޭނެ ވަގުތަކަށް ލައިލާ އިންތިޒާރު ކުރަމުންދާ ކަހަލައެވެ. މިވެގެން އުޅޭ ގޮތް ލައިލާ ބަލަން ބޭނުން ވީއެވެ.

"ފާޚާނާގަ ރެޑީވާން ހުއްޓާ ވަރަށް ބޮޑަށް ބްލީޑްވީ... އެހެންވެ ޕެޑް ބަދަލުކޮށްލަން ދިޔައީ.. އެހެން ނޫނަސް އެވަގުތު ފިހާރަތައް ވެސް ބަންދު ވާނެއްނު؟ އެހެންވެ. ގޭގެ ވެސް ޕެޑް އެއް ނެތީމަ.. އެހާ ބޮޑަށް ބްލީޑް ވީމަ އަލުން ދައްތަ ރޫމަށް ވަނީ.. އަދިވެސް ތި ވެގެން އުޅޭ ގޮތެއް ނުބުނަމެއްނު؟" ލައިލާ ވަރަށް ތަފުސީލްކޮށް ހުރިހާ އެއްޗެއް ކިޔާލިއެވެ.

"ލައިލާ! ރޭގަ އަހަރެމެންގެ ގެއަށް މީހަކު ވަނީ.. ފިރިހެނެއް.. ދައްތަ ބުނީ ފާޚާނާގަ މީހެއް އުޅުންކަން އެނގުނޭ ދެބަ ނިދީގަ ވެސް... ދެން އެހެން އޮވެފަ ދެލޯ ހުޅުވާލި އިރު، ފިރިހެނެއް ނުކުންނަނީ އޯ.. ދައްތަގެ ހަޅޭކުގެ އަޑަށް އަހަންނަށް ވެސް ހޭލެވުނީ.. ހޭލެވުން އިރު އަހަރެންގެ ކޮޓަރިއަށް ވެސް އެމީހެއް ވަދެފަ އޮތީ.." މީކާލްގެ ވާހަކަތަކުން ލައިލާ ޖެހިލުންވިއެވެ.

"އަޅެ އަސްލުތަ؟ ކާކުތަ؟ ކާކުކަން އެނގެއްޖެތަ؟" ލައިލާ ހާސްކަމާއި އެކު އަހާލިއެވެ.

"ނޭނގެ! އަހަންނަށް އެއީ ކާކުކަން އެނގުން ނަމަ، އެމީހެއް ސަލާމަތް ނުވާނެކަން ލައިލާއަށް އެނގެއެއްނު؟ އެމީހެއްގެ ނަސީބު.. އަހަރެން ވެސް މާ ނިދި ގަދައީ.. މާ ލަހުން އަހަންނަށް ވެސް ދެވުުނީ ދައްތަ ރޫމަށް.." މީކާލް ބުނެލިއެވެ. ލައިލާ ހާސް ކަމާއި އެކުގައި މީކާލް ދެއްކި ވާހަކަތަކާ މެދުގައި ވިސްނާލެވުނެވެ.

"ދެން އަނބުރާ އަހަރެން ރޫމަށް ވަދެފަ ބަލާލީމަ އެނގުނީ އަހަރެން ކޮޓަރިއަށް ވެސް ވަދެފަކަން ހުރީ.. ފާޚާނާ ދޮރު ވެސް ހުޅުވާފަ. ދުވަހަކުވެސް ނުވާ ކަހަލަ ކަމެއް މިވީ.." މީކާލްގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފެންނަމުން ދިޔައެވެ.

"އެއްވެސް އެއްޗެއް ގެންދިޔަތަ؟" 

ލައިލާގެ ހިތުގައި ބިރުވެރިކަން އާލާވަމުން ދިޔައެވެ.

"ނޫން! ތީ ދެން އަނެއް ކަންތައް ލައިލާ.. އެއްވެސް އެއްޗެއް ނުގެންދޭ! ހިތަށް އަރާ ކީއްކުރަން ވަތް މީހެއް ބާއޭ!" މީކާލްގެ ވާހަކަތަކުން ލައިލާ ވަރަށް ބޮޑަށް މޭޖެހޭ ގޮތްވިއެވެ. ބިރުގަންނަ ގޮތްވިއެވެ. ރޭގަ ލައިލާއަށް ފެނުން ހުވަފެނާ މިކަމާ އެއްވެސް ގުޅުމެއް އޮންނާނެ ބައޭ ލައިލާ ހިތާހިތާ ސުވާލު ކުރެވެން ފެށުނެވެ. ފުން ޚިޔާލެއްގެ ތެރެއަށް ލައިލާ ޤަރަޤު ވެގެން ދިޔައެވެ.

"ލައިލާ.." 

މީކާލްގެ އަޑަށް ލައިލާ ދިޔައީ ސިއްސައިގެންނެވެ.

"ހާދަ ބޮޑު ވިސްނުމަކަށް ތިދިޔައީ؟" މީކާލް ލައިލާގެ އަތުގައި ހިފާލިއެވެ.

"އެހެންނެއް ނޫން.. އެކަމު ވިސްނާލެވުނީ.." ލައިލާ ހިނިތުންވެލިއެވެ.

"ބައްޕަ ނެތް ދޯ؟ މަންމަ އަދިވެސް ވަރަށް ނައްޓާފަ ދޯ އަހަރެން ދެކެ؟" މީކާލް ސަމާސާ ރާގެއްގައި ބުނެލިއެވެ. ލައިލާ ހީނލަމުން ބޯޖަހާލިއެވެ.

"އެ އޯކޭ ވާނެ. ފަހުން ރަނގަޅު ވާނެ!" ލައިލާ ވަރަށް ލޯބިން މީކާލްގެ މޫނަށް ބަލާލިއެވެ.

"ރޫމް ހުސްތަ؟" 

ލައިލާގެ ކަންފަތްދަށުގައި ވައި އަޑަކުން މީކާލް ބުނެލިއެވެ.

"އާނ! އެކަމު ބައްްޕަ އަތުވެދާނެ! މަންމައަށް ވެސް ފެނިދާނެ.." އުޒުރު ދެއްކި ނަމަވެސް، ލައިލާ ވެސް ހުރީ މީކާލްއާ ވަރަށް ގާތްވެލަން ބޭނުން ވެފައެވެ.

"ނުފެންނާނެ! ހިނގާ.." 

މީކާލް ކޮޅަށް ތެދުވުމުން ލައިލާ ވެސް ކޮޅަށް ތެދުވިއެވެ. އަދި ވަރަށް ސިއްރުން ދެމީހުން އެއްކޮށް ލައިލާގެ ކޮޓަރިއަށް ވަނެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.