ވިޔަފާރި ބޭންކުތަކުން އަމިއްލަ ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އަދަދު އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން ޝާއިއުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓުގައި ބުނެފައިވަނީ ވިޔަފާރި ބޭންކުތަކުން، އަމިއްލަ ވިޔަފާރިތަކަށް ލޯނު ދޫކުރި މިންވަރު ނިމުނު އަހަރާ އަޅާބަލާއިރު ފާއިތުވި އޭޕްރީލު މަހުގެ ނިޔަލަށް 10 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި މޭ މަހުގައި އެ ނިސްބަތް 8 އިންސައްތައިން އިތުރުވެފައިވާ ކަމަށެވެ.
މަަރުކަަޒީ ބޭންކުން ފާހަގަކުރި ގޮތުގައި ރާއްޖޭގެ މައިގަނޑު ހުރިހާ ސިނާއަތަކަށް ބޭންކުތަކުން ލޯނު ދޫކުރި މިންވަރުވަނީ އިތުރުވެފައެވެ. އެގޮތުން ޓޫރިޒަމާއި އިމާރާތްކުރުމާއި، ވިޔަފާރިއާއި ރިއަލް އެސްޓޭޓު ދާއިރާއަށް ލޯނު ދޫކުރި މިންވަރު އިތުރުވިއެވެ.
ނަމަވެސް އެންމެ ބޮޑަށް ލޯނު ދޫކުރާ މިންވަރު އިތުރުވީ ޕާސަނަލް ލޯނު ނުވަތަ އަމިއްލަ ފަރުދުންނަށް އެމީހުންގެ އަމިއްލަ ބޭނުންތަކަށް ދޫކުރާ ލޯނުގެ މިންވަރެވެ. އެގޮތުން އަމިއްލަ ބޭނުމަށް ދޫކުރާ ލޯނު ދޫކުރި މިންވަރު ފާއިތުވި އަހަރަށްވުރެ 27 އިންސައްތަ އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.
ބޭންކުތަކުން އެންމެ ގިނައިން މިއަހަރުގެ މިހާތަނަށް ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އަހަރުން އަހަރަށް ބަލާއިރު މި އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް ދޫކުރި ލޯނުގެ އަދަދުވަނީ އެކެއް އިންސައްތައިން އިތުރުވެފައެވެ.
އަމިއްލަ ބޭނުމަށް ފަރުދުންނަށް ދޫކުރި ލޯނުތައް އިތުރުވެފައިވަނީ ކްރެޑިޓު ކާޑު އަދި މުދާ ގަތުމަށް ނަގާފައިވާ ލޯނުތައް އެ މުއްދަތުގައި އިތުރުވުމުގެ ސަބަބުންނެވެ. ނަމަވެސް ތައުލީމުގެ ބޭނުމަށް ނަގާފައިވާ ލޯނުގެ އަދަދު ކުޑަކޮށް މަދުވެފައިވާކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.
އަހަރުން އަހަރަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު އިތުރުވެފައިވަނީ ރިސޯޓުތައް މަރާމާތުކޮށް އާބާތުރަފިލުވުމަށް ނަގާފައިވާ ލޯނުތައް އިތުރުވުމުގެ ސަބަބުންނެވެ.