ރާއްޖެއަށް އިސްރާއީލު ފަތުރުވެރިން އެތެރެވުން މަނާ ކުރަން ރައީސް މުއިއްޒު ނިންމެވުމާ ގުޅިގެން އިސްލާމީ އަދި އަރަބި ގައުމުތަކުގެ އާންމުން އަންނަނީ އެމަނިކުފާނަށާއި ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ތާރީފުކުރަމުންނެވެ.
ރާއްޖެއަށް އިސްރާއީލު ޕާސްޕޯޓްގައި ވަނުން މަނާ ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް އެހީތެރިވުން ހުއްޓުވުމަށް އެ ގައުމުގެ ކޮންގްރެސްއަށް ބިލެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް އެކްސިއޯސް ނޫހުން ރިޕޯޓު ކޮށްފި އެވެ.
އެކްސިއޯސްއިން ރިޕޯޓްކުރި ގޮތުގައި މި ބިލު ހުށަހަޅުއްވަން މަސައްކަތް ކުރައްވަނީ އެމެރިކާގެ ކޮންގްރެސްގެ ތިރިގޭގެ މެންބަރު ޖޯޝް ގޮތެއިމާ އެވެ. އެ ބިލު ފަރުމާ ކުރަނީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްދަ ނުކުރާހާ ހިނދަކު އެމެރިކާއިން ރާއްޖެއަށް އެއްވެސް އެހީއެއް ނުދެވޭ ގޮތަށެވެ.
މި ބިލުގެ މަސައްކަތް ގޮތެއިމާ ކުރައްވަނީ އެމެރިކާގެ މައި ދެ ޕާޓީގެ އެހެން ބައެއް މެންބަރުންނާއެކު ކަމަށާއި، އެ ބިލަށް ދީފައިވާ ނަމަކީ "ދަ ޕްރޮޓެކްޓިން އެލައިޑް ޓްރެވެލް ހިއާ" ކަމަށްވެސް އެކްސޯސް ނޫހުން ނަން ހާމަނުކުރާ ގޮތަށް މައުލޫމާތު ދިން މަސްދަރަކާ ހަވާލާދީ ރިޕޯޓުކުރިއެވެ.
ކޮންގުރެސްގައި އެންމެ ފާޅުކަން ބޮޑުކޮށް އިސްރާއީލު ދިފާއުކުރައްވާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގޮތެއިމާވަނީ މި މައްސަލައާ ގުޅިގެން ބަޔާނެއްވެސް ނެރުއްވާފައެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވީ އިސްރާއީލު ރައްޔިތުން އެ ގައުމަކަށް އެތެރެވުން މަނާކުރާ އެއްވެސް ގައުމަކަށް އެމެރިކާއިން އެހީގެ ގޮތުގައި އެންމެ ފައިސާ ފޮއްޗެއްވެސް ދީގެން ނުވާނެ ކަމަށެވެ.
"އިސްރާއީލަކީ އަހަރުމެންގެ އެންމެ މުހިއްމު ޑިމޮކްރެޓިކް އެއް ބައިވެރިޔާ. ރާއްޖެއިން އިސްރާއީލު މީހުން ދަތުރުކުރުން މަނާކުރުމަކީ ޔަހޫދީންނާމެދު ނަފުރަތުކުރުމުގެ އަމަލެއް. އެ އަމަލު ބަދަލުނުކުރަނީސް ރާއްޖެއަށް އެމެރިކާގެ އެންމެ ސެންޓެއްވެސް ލިބިގެންނުވާނެ،" ގޮތެއިމާ ވިދާޅުވިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެމެރިކާއިން ރާއްޖެއަށް ދީފައިވަނީ 36 މިލިއަން ޑޮލަރު ނުވަތަ 555 މިލިއަން ރުފިޔާއެވެ.
އެމެރިކާއިން ދިން ފައިސާގެ ބޮޑު ބަޔަކީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، މަަދަނީ ޖަމްއިއްޔާތަކުގެ ހިންގުން ރަނގަޅުކޮށް، ކަނޑުގެ ސަލާމަަތް ބެލެހެއްޓުމަށާއި، ޓެރަރިޒަމާ ދެކޮޅު ހަރަކާތްތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެހީވުމަށް ދިން ފައިސާކަމަށް އެ ގައުމުގެ ސްޓޭޓް ޑިޕާޓުމެންޓުން ބުނެއެވެ.
ރާއްޖެއަށް އިސްރާއީލު ފަތުރުވެރިން އެތެރެވުން މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އިސްލާމީ އަދި އަރަބި ގައުމުތަކުގެ އާންމުން އަންނަނީ އެމަނިކުފާނަށާއި ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ތާރީފުކުރަމުންނެވެ.
އަދި ހުޅަނގުގައި މިހާރު ބޮޑުވެ ފުޅާވަމުންދާ އިސްރާއީލާ ދެކޮޅު ހަރަކާތްތަކުގައި ޝާމިލުވާ އެކްޓިވިސްޓުންވެސް އަންނަނީ އެ ނިންމުމަށް ތާރީފުކޮށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.