މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި އާއި، ގޭންގު ކުށްތައް މަދުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަންވީ އެފަދަ ކުށްތައް މުޅިން ނައްތާލުމަށް ކަމަށެވެ.
ޑްރަގުގެ ވިޔަފާރިއާއި ގޭންގު ކުށްތައް ފަދަ ބޮޑެތި ކުށްތައް މަދުކުރުމުގެ ބަދަލުގައި އަމާޒަކީ، ކުށްތައް މުޅިން ނައްތާލުން ކަމަށް ހޯމް ލޭންޑް މިނިސްޓަރު ޑރ. އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މިއަދު އޮތީ 10 ގޭންގު ކަމަށް ވާނަމަ، އޭގެ އަދަދު ތިނަކަށް މަދުކުރުމަކީ މި ސަރުކާރުން ގެންގުޅޭ އަމާޒު ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގެންގުޅެންވީ އެފަދަ ކުށްތައް އެއްވެސް މިންވަރަކަށް މި މުޖްތަމައުގެ ތެރޭގައި ނުކުރެވޭނެ ފަދަ އަޒުމަކާއި އުސޫލުތަކެއްކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓްތަކަކީ އެއްވެސް ހާލެއްގައި، އެކްސެޕްޓެބަލް ލެވެލް އޮފް ކްރައިމް އެއް ނޫން. އަޅުގަނޑުމެންގެ ޓާގެޓަކީ މިކަހަލަ ކުށްތަކުގައި ޒީރޯ ޓޮލަރެންސް، ނަން އެކްސެޕްޓެންސް" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ "ހަކުރުގެ މައްސަލަ" ދެން ހައްލު ނުވާނެ ކަމަށް ބުނާތީ ވަރަށް ގިނައިން އިވޭ ކަމަށެވެ. އެ މައްސަލަ ހައްލު ނުވާނެ ކަމަށް ސިކުނޑީގައި ގެންގުޅޭ ނަމަ އެކަން ނުވާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ނުލިބި، ފުލުހުން ބޭނުންވާ ގޮތަށް ކަންކަން ހާސިލު ނުވެ އޮތް ސަބަބަކީ ސަރުކާރުގެ އެއްބާރުލުން ނެތުން ކަަމަށް ވެދާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން މި އަރުވަނީ ތިބޭފުޅުންނަށް އަދުގެ ސަރުކާރުގެ ޕޮލިޓިކަލް ވިލް އެބަ އޮތް. އެހެންވެގެން އަޅުގަނޑުމެން [ސްޓްރެޓެޖިކް ޕްލޭން]ގެ ދެވަނަ ކަމަކަށް ކަނޑައަޅާފައޮ ވާނެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުން." މިނިސްޓަރު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރުގެ ސީރިއަސްކަމަށް އަލި އަޅުވާލައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ މަގުމަތީގައި ކަންމަތީ ވިޔަފާރިކުރާ އުސޫލުން މަސްތުވާތަކެތީ ވިއްކަމުން ދާކަމަށެވެ. އެއީ ކޮންމެހެން ވެސް ހުއްޓުވަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޑްރަގް ވިޔަފާރިއަށް ވަންނަން ހިތަށް އަރާ މީހާ ތިނަ ހަތަރު ފަހަރު ވިސްނާލާފަ އޭނާ ބިރުގަންނަން ޖެހޭނެ ތިމަންނައަށް މިކަން ނުކުރެވޭނެޔޭ" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.