"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައިވާ ލާމަރުކަޒުކުރުމުގެ އެންމެ ފުރިހަމަ ނަމޫނާ ފުލުހުންގެ ހިދުމަތުގަ ފެނިގެންދާނެ،" ސީޕީ ވިދާޅުވި އެވެ.
ސަރުކާރުން ގެންގުޅޭ ލާމަރުކަޒު ކުރުމުގެ ސިޔާސަތުތަކުގެ ދަށުން ފުލުހުންގެ މުއައްސަސާ ނަމޫނާ ދައްކާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ހަތަރު އަހަރު ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިއަދު ވަނީ އިޕްތިތާހު ކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ގާނޫނުގެ ދަށުން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ފުލުހުންގެ ޕޯސްޓްތައް ކުރިއަރުވާ ލާމަރުކަޒު ކުރެވިގެން ދާނެ ކަމަށެވެ.
އެގޮތުން، މާލޭން ކޮންޓްރޯލް ކުރާ ގިނަ ކަންކަން ރީޖަންތަކުގެ ކޮމާންޑަރުންގެ އަތްމައްޗަށް ދޫކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް ކައުންސިލްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކައުންސިލުތަކުން ބޭނުންވާ ގޮތަށް ހިދުމަތް ބައްޓަން ކުރެވިގެން ދާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައިވާ ލާމަރުކަޒުކުރުމުގެ އެންމެ ފުރިހަމަ ނަމޫނާ ފުލުހުންގެ ހިދުމަތުގަ ފެނިގެންދާނެ،" ސީޕީ ވިދާޅުވި އެވެ.
ސީޕީގެ ވާހަކަފުޅުގައި ދެން ފާހަގަކުރެއްވީ 2024 އިން 2028 އަށް އެކުލަވާލި މި ޕްލޭންގައި ފުލުހުން އިސްކަން ދިނުމަށް ކަނޑައަޅާފައިވާ ކަންކަމެވެ. އެގޮތުން އެންމެ އިސްކަން ދޭނެ ކަމަކީ ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްކޮށް އޯގަނައިޒޭޝަން ލެވެލްގައި މަސައްކަތް ކުރާނެ ވަކި ބަހާއެއް ގާއިމްކުރުން ކަމަށް ސީޕީ ވިދާޅުވި އެވެ.
ދެވަނައަށް އިސްކަން ދޭނެ ކަމެއްގެ ގޮތުގައި ސީޕީ ފާހަގަކުރެއްވީ ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށް ކޮމިއުނިޓީ ޕޮލިސިން މޮޑެލްއެއްގެ ތެރެއިން ފުލުހުންގެ ހިދުމަތް އިތުރަށް ތަރުތީބުކޮށް މަސައްކަތްކުރުމެވެ.
ސީޕީ ވިދާޅުވީ ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކުގެ ތެރެއިން ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ހިދުމަތުގެ ފެންވަރު އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ބޭނުންވާ ފިޒިކަލް އިންފްރާސްޓްރަކްޗާ، ޓެކްނޮލޮޖީ، އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މަގުފަހިކޮށްދޭނެ ދިގު ރާސްތާ ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރުމަކީ ވެސް އިސްކަން ދީގެން ކުރާނެ ކަމެއް ކަމަށެވެ.
ސީޕީގެ ވާހަކަފުޅުގައި، ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި ޝުކުރު ދެންނެވި އެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާން ކުރައްވާ މަސައްކަތްޕުޅަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.