ޓެކުސްއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

ފާއިތުވި އަހަރު މޭ މަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 59 މިލިއަން ރުފިޔާއެވެ. މި އަހަރު 155.5 މިލިއަން ރުފިޔާ ލިބުނެވެ. އެއީ 162 އިންސައިގެ އިތުރުވުމެކެވެ.

ޓޫރިޒަމް ފަތުރުވެރިކަން ޓޫރިސްޓުން ފަތުރުވެރިން ކްރޫޒަ ލައިނާ ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

ފާއިތުވި ފަސް މަސް ނިމުނުއިރު ދައުލަތަށް ޓެކުހާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ. 

ކޮންމެ ހަފުތާއަކު އެއްފަހަރު އެ މިނިސްޓްރީން އާންމުކުރާ ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު މޭ މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 14.8 ބިލިއަން ރުފިޔާއެވެ. އެއިން 12 ބިލިއަން ރުފިޔާއަކީ ޓެކުހުން ލިބުނު ފައިސާއެވެ. 

މި އަހަރުގެ މޭ މަހުގެ ނިޔަލަށް 12 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ލިބުނުއިރު، ފާއިތުވި އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 10.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ޓެކުހުގެ ގޮތުގައި މި އަހަރު ލިބުނު އާމްދަނީވަނީ 11.2 އިންސައްތައިން އިތުރުވެފައެވެ. 

ޓެކްސް އާމްދަނީގެ ވަކި ބައިތަކަށް ބަލާއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި މި އަހަރު ލިބުނީ 1.1 ބިލިއަން ރުފިޔާއެވެ. ވިޔަފާރި އަދި ޕްރޮޕަޓީ ޓެކުހުގެ ގޮތުގައި މި އަހަރު ލިބުނީ 2.8 ބިލިއަން ރުފިޔާއެވެ. އެއީ ފާއިތުވި އަހަރަށްވުރެ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 

ޖީއެސްޓީގެ ގޮތުގައި 2 ބިލިއަން ރުފިޔާ މި އަހަރު ލިބުނުއިރު ފާއިތުވި އަހަރު ލިބުނީ 1.9 ބިލިއަން ރުފިޔާއެވެ. ޓީޖީއެސްޓީގެ ގޮތުގައި ފާއިތުވި އަހަރު ލިބުނީ 4.5 ބިލިއަން ރުފިޔާއެވެ. މި އަހަރު 4.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ގްރީން ޓެކުސްގެ ގޮތުގައި 475 މިލިއަން ރުފިޔާ ފާއިތުވި އަހަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 501 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

ފާއިތުވި އަހަރާ އަޅާބަލާއިރު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުވެސްވަނީ އިތުރުވެފައެވެ. ފާއިތުވި އަހަރު މޭ މަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 59 މިލިއަން ރުފިޔާއެވެ. މި އަހަރު 155.5 މިލިއަން ރުފިޔާ ލިބުނެވެ. އެއީ 162 އިންސައިގެ އިތުރުވުމެކެވެ. 

އަންދާޒާކުރާ މިންވަރަށް ހިލޭ ނުލިބުން ދައުލަތުގެ ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރާ މިންވަރަށް އެއްވެސް އަހަރެއްގައި ހިލޭ އެހީ ނުލިބޭކަން އެމްއެމްއޭ އަދި އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެއެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި ހިމަނާ އަދަދުތަކަށް ހިލޭ އެހީ ނުލިބުމަކީ ބަޖެޓުގެ ޑެފިސިޓު އިތުރުވެ، ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ދަރަންޏަށް ފައިސާ ނަގަންޖެހޭ ކަމެއް ކަމަށް އެ އިދާރާތަކުން ބުނެއެވެ. ފާއިތުވި އަހަރުގެ ދައުލަތުގެ ބަޖެޓުގައި 2.4 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި ނަމަވެސް އަހަރު ނިމުނުއިރު ލިބުނީ އެ އަންދާޒާގެ އެންމެ 19 އިންސައްތައެވެ. މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ކުޑަ އަދަދެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.