އިންޑިއާގައި ސަރުކާރު އެކުލަވައިލެވޭނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެކަމަށްވާ ލޮކްސަބާގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ލިބޭ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށެވެ.
އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކުރެއްވިޖެކަން އިއުލާނުކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން އެކުލަވައިލައްވާނެކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާނުކުރައްވައިފިއެވެ.
އިންތިހާބު ކާމިޔާބުކުރެއްވުނުކަން މޯދީ އިއުލާނުކުރައްވާފައިވާއިރު، މިހާތަނަށް އާންމުކުރި ނަތީޖާތަކަށް ބަލާއިރު މޯދީގެ ބީޖޭޕީއަށް އެކަނި ސަރުކާރު އެކުލަވައިލެވޭ މިންވަރުގެ އަޣުލަބިއްޔަތެއް ލިބިފައިނުވެއެވެ. އިންޑިއާގައި ސަރުކާރު އެކުލަވައިލެވޭނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެކަމަށްވާ ލޮކްސަބާގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ލިބޭ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށެވެ.
އެންމެ ފަހުން ބޭއްވި 2019 ވަނަ އަހަރުގެ އާންމު އިންތިހާބުގައި މޯދީގެ ބީޖޭޕީއަށް ގިނިކަންޏާ ސަރުކާރު އެކުލަވައިލެވޭ މިންވަރުގެ އަޣުލަބިއްޔަތެއް ލިބުނެވެ. ކޯލިޝަނެއްގެ ގޮތުގައި ވެރިކަންކުރި ނަމަވެސް ކޯލިޝަނެއް ނެތިވެސް އެ ޕާޓީއަށް ވެރިކަން ކުރެވުނީހެވެ.
ނަމަވެސް މިހާތަނަށް އާންމުކުރި ނަތީޖާތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ އިންތިހާބުގައި ބީޖޭޕީއަށް އެކަނި ސަރުކާރު އެކުލަވައިލެވޭ މިންވަރުގެ އަޣުލަބިއްޔަތެއް ލިބިފައިނުވެއެވެ. ސަރުކާރު އެކުލަވައިލެވޭ ވަރުގެ އަޣުލަބިއްޔަތެއް ހަމަވަނީ، ބީޖޭޕީއާއި އެ ޕާޓީއާއެކު އިއްތިހާދުވެފައިވާ ޕާޓީތަކުގެ ކޯލިޝަން ނޭޝަނަލް ޑިމޮކްރެޓިކް އެލައިން (އެންޑީއޭ)ގައި ހިމެނޭ އެހެން ޕާޓީތަކަށް ލިބުނު ގޮނޑިތައް ހިމަނައިގެންނެވެ.
ބީޖޭޕީ އިސްވެ އޮންނަ އެންޑީއޭއަށް 300 ގޮނޑި ލިބުނެވެ. މި އިންތިހާބަށް ބީޖޭޕީ ނުކުތީ މުޅި ކޯލިޝަނަށް 400 ގޮނޑި ހޯދުމުގެ ލަނޑުދަނޑިއާއެކުއެވެ. އެ ކޯލިޝަނާ ވާދަކުރި އިދިކޮޅު ކޮންގުރެސް ޕާޓީ އިސްވެ އުފައްދާފައިވާ އިންޑިއާ އެލައިންސްއަށް ލިބިފައިވަނީ 230 ގޮނޑިއެވެ. މިއީ 2019 ވަނަ އަހަރު އިދިކޮޅަށް ލިބުނު ގޮނޑިއަށްވުރެ ވަރަށް ބޮޑު ތަނުން އިތުރު އަދަދެކެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމަށް މޯދީ ހޮވިވަޑައިގެންނެވި ނަމަވެސް މިފަހަރު ގާއިމުވާ މޯދީގެ ސަރުކާރަކީ ކުރީގެ މޯދީ ސަރުކާރުތަކަށްވުރެ ބަލިކަށި ސަރުކާރަކަށްވާނެއެވެ. އަދި ބީޖޭޕީ ފިޔަވައި ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކަށް ކަންކަމަށް ޑިމާންޑުކުރުމަށް އޮތް ޖާގަ މިނަތީޖާގެ ސަބަބުން ފުޅާވާނެއެވެ.
ކާމިޔާބީ އިއުލާނުކުރައްވަމުން މޯދީ ވިދާޅުވީ އިންޑިއާގެ މުސްތަގުބަލަށްޓަކައި އެ ގައުމުގެ ރައްޔިތުން ނިންމީ މުހިއްމު ނިންމުމެއް ކަމަށެވެ. އަދި މިއަދުގެ ވޯޓުން ފެނުނީ އިންޑިއާ ރައްޔިތުން ބީޖޭޕީއާއި އެ ޕާޓީގެ ކޯލިޝަނަށް އިތުބާރުކުރާކަން ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
އަދި ތަގުރީރު ނިންމަވައިލެއްވީ ތިންވަނަ ދައުރަކަށް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު އޭނާއާއި ބީޖޭޕީ އަދި ގުޅިފައިވާ ޕާޓީތަކަށް ދިނުމަށް ނިންމީތީ އިންޑިއާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުންނެވެ.