އަޒްހާން ހޯދަން ފަރުވާ ކުޑަކޮށްލުމުގެ ތުހުމަތު ފުލުހާ ދިމާއަށް

ސީސީޓީވީ ފްޓޭޖްތަކުން އަޒްހާން ފެނެ އެވެ. އަދި އޭނާ އެހެން ސަރަހައްދަކަށް ނުދާ ކަމުގެ ޔަގީންކަން މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުުހުން ދިނެވެ. އެހެންވީއިރު އޭގެ ފަހުން ހޭދަވެގެން މިދިޔަ ހަ ދުވަސްތެރޭ އެ ސަރަހައްދު ބެލުމުގެ އެއްވެސް މަސައްކަތެއް ނުކޮށް އޮތް އޮތުމާމެދު ސުވާލު އުފެދެ އެވެ.

ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ

މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން 27، ވަނީ ގެއްލިފަ އެވެ؛ އެކަން ފުލުހުންގެ ސަމާލު ކަަމަށް އާއިލާއިން ގެންދިޔައީ އޭގެ ދެ ދުވަސް ފަހުން ސެޕްޓެންބަރު 19 ވަނަ ދުވަހުގެ އެވެ. އާންމުންނަށް އެކަން ހިއްސާކޮށް އަޒްހާން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނީ ޖެހިގެން އަައި 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަޒްހާން ހޯދަން ކުރާ މަސައްކަތުގެ މައުލޫމާތެއް ފުލުހުން ފުރަތަމަ ދިނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ބުނި ގޮތުގައި އަޒްހާން އެންމެ ފަހުން ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގެ ހިޔާއަވަށުގެ 13 ވަނަ ޓަވަރު ކައިރިން ކާރަކަށް އަރަނިކޮށެވެ. ނަމަވެސް އެއީ ކޮން ކާރެއްކަން އޭރު ހޯދިފައެއް ނެތެވެ.

އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ވިނިގަނޑާއި އޭނާ ފާހަގަ ކުރެވުނު ސީސީ ޓީވީ ފްޓޭޖް ލިބުނު ކެފޭ ހިމެނޭ ސަރައްދު -- މި

ހަމަ އެރޭ ނޫސްބަޔާނެއް މެދުވެރިކޮށް އެ މައްސަލައިގެ އިތުރު އަޕްޑޭޓެއް ދިނެވެ. އޭގައި ބުނި ގޮތުގައި އަޒްހާން އެންމެ ފަހުން ފެނުނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީންނެވެ. ހުޅުމާލޭގައި އޭނާހުރި ގެސްޓްހައުސްއިންް ކާރެއްގައި ހިޔާގެ 13 ވަނަ ޓަވަރަށް ގޮސް، އެޓަވަރަށް އެރުމަށް ފަހު ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ކުރުން ވެސް ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ދިޔަ އެވެ. އެ ބަޔާނުގައި އޭނާ ދެ ފަހަރު މަތީން ދަތުރުކުރި ޓެކްސީ ކާރު ދެނެގަނެ ކާރުގެ ޑްރައިވަރުންނާއި ވާހަކަ ދައްކާފައިވާ ކަމަށް ބުނެފައި ވެއެވެ.

ދެން އެ ބަޔާނުގައި އޮތީ އަޒްހާން ރާއްޖެއިން ބޭރަށްވެސް އަދި އެހެން ރަށަކަށް ވެސް ވައިގެ މަގުން ފުރައިގެނެއް ނުދެ އެވެ. އޭގެ ފަހުން ރޭ އިރާކޮޅާއި ހަމައަށް އަޒްހާން ގެއްލުމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. ނޫސްވެރީން ސުވާލު ކުރުމުން އަޒްހާން ނުފެންނަ ކަމަށާއި ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ބުނުން ފިޔަވަ އެވެ.

އަޒްހާނަކީ ކާކު ކަމާއި އޭނާ ގެއްލުމާއި ގުޅިފައި ވެދާނެ ކަންކަން ކަމަށް ބުނެ ދެކެވޭ އެކި ވާހަކަތައް އާންމުންނާއި ހަމައަށް ނޫސްތަކުން ގެނެސް ދިނެވެ. އެފަދަ ބައެއް ރިޕޯޓްތަކާމެދު ހިތްހަމަނުޖެހި އެ ރިޕޯޓްތައް ގެނެސް ނުދޭން ވެސް، ފުލުހުން އާއިލާގެ އެދުމެއް ކަަމަށް ބުނެ ވަރަށް ބޮޑަށް ބާރު އެޅި އެވެ.

އަޒްހާން ފެނުނު ސަރަހައްދުގައި ފުލުހުން

އަޒްހާން ގެއްލުނުތާ ދެ ހުފްތާ ފަހުން ރޭގެ އިރުއޮއްސި 6:41 ގައި ފުލުހުންގެ މީޑިއާއިން ވަނީ ނޫސްވެރީންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުވާފަ އެވެ. އެ މެސެޖުގައިވާ ގޮތުން ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދާ އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ 5:45 އެހާކަންހާއިރު ފެނިއްޖެ އެވެ. އެކަމާއި ގުޅޭ ތަފްސީލު ދިނުމަށް ފަހުން ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާނަމެވެ.

ނޫސްވެރީންގެ އެ ބައްދަލްވުން އޮތީ ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަމުންދާ ސަރަހައްދުގައި ރޭ 8:00 ޖެހި އިރު އެވެ. މައުލޫމާތު ދެއްވީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދެވެ.

ސައީދު ވިދާޅުވި ގޮތުގައި ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. ކުނިވެފައި ވަނީ އެއީ މިނެވި މީހާ ކަމަށް ބުނަން ދަތިވާ ވަރަށެވެ. ނަމަވެސް ވަރަށް ބޮޑަށް ބުރެވޭ ގޮތުގައި އެއީ އެއީ އަޒްހާނެވެ. އެއީ އޭނާކަން ޔަގީން ކުރަން ޕޯސްޓްމޯޓަމް / އޮޓޮޕްސީއެއް ހަދަން ވަނީ ނިންމާފައެވެ. އަދި އެކަން ކުރަން އާއިލާގެ ހުއްދައަށް ވެސް ވަނީ އެދިފައެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރުގައި ލައިކްލީ މި ބޮޑީއަކީ [ލަފާ ކުރެވޭ ގޮތުގައި މި ހަށިގަނޑަކީ] މިއީ މުހައްމަދު އަޒްހާންގެ ބޮޑީއަށް ވުމުގެ ޕޮސިބިލިޓީ [ފުރުސަތު] ބޮޑު،"

ފުލުހުން ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ރޭ ނޫސްވެރީންނަށް މައުލޫމާތު ދެނީ

އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައި މިވަނީ އޭނާ އެންމެެ ފަހުން ފެނުނު ކަަމަށް ފުލުހުންނަށް ދެނެގަނެވުނު ސަރަހައްދުންނެވެ. ސީސީޓީވީ ފްޓޭޖްތައް ބެލުމަށް ފަހު ރެޑްބުލް ދަނޑު ކައިރީން އަޒްހާން ފެނިފައިވާ ކަމަށް ފުލުހުން ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް އެ ސަރަހައްދު ބެލުމުގެ ހާއްސަ މަސައްކަތްތަކެއް ފުުލުުހުން ކުރީ އިއްޔެ އެވެ. އަޒްހާން ހޯދުމުގައި ފުލުހުން އަމަލު ކުރި ގޮތާމެދު ނޫސްވެރިންނާއި އާންމުންގެ ސުވާލުތައް އުފެދުނު ހިސާބަކީ މިއީ އެވެ.

ނޫސްވެރީން ސުވާލުތައް އަމާޒު ކުރުމުން ސައީދު ރޭ ވިދާޅުވި ގޮތުގައި އެ ސަރަހައްދު ބަލަން ފެށީ އިއްޔެ އެވެ. އެކަން ފެށީ އެ ސަރަހައްދުން ކުނި ވަހެއް ދުވައިގެންތޯ ވެސް ސުވާލު އުފެއްދި އެވެ. އެކަމަކު ސައީދު ވިދާޅުވި ގޮތުގައި އެ ސަރަހައްދު ބަލައި ފާސް ކުރާމާ ވަހެއް ދުވުމާއި ގުޅުމެއް ނެތެވެ. ފުލުހުން އެހެން ބުނި ނަަމަވެސް އިއްޔެ ހެނދުނުން ފެށިގެން ހުޅުމާލޭ ވޯޓާ ތީމް ޕާކު ސަރަހައްދުން ކުނި ވަހެއް ދުވާތީ އކަމުގެ ޝަކުވާ އާންމުން ދިޔައީ ކުރަމުންނެވެ.

"އަޅުގަނޑުމެންނަށް ކޮންމެހެން ކުނިވަސް އައިޑެންޓިފައި [ފާހަގަ ވެގެނެއް] ކުރެވިގެނެއް ނޫން މިތަން އަޅުގަނޑުމެންނަށް [ފާހަގަވީ] އައިޓެންޑިފައިވީ އަކީ! މިތަން އައިޑެންޓިފައިވީ އަޅުގަނޑުމެންނަށް ލިބުނު ސީސީޓީވީ ކެމެރާ ފްޓޭޖްތަކުން މި ހިސާބުން [އަޒުހާން] ގެއްލިފައި ދެން ފެންނަން ޖެހޭ ހިސާބަކުން ނުފެނީމަ އަޅުގަނޑުމެންނަށް ގަބޫލު ކުރެެވުނީ މިއީ ސާޗް ކުރަން ވަރަށް މުހިންމު ސަރަހައްދެއްގެ ގޮތުގައި،"

ފުލުހުން އެހެން ބުނި ނަމަވެސް އެކަން ގަބޫލު ކުރަން ވަރަށް ދައްޗެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފްޓޭޖްތަކުން އަޒްހާން ފެނި އޭނާ އެހެން ސަރަހައްދަކަށް ނުދާ ކަމުގެ ޔަގީންކަން މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުުހުންނަށް އޮތީ ލިބިފައެވެ. ބަޔާނެއް މެދުވެރިކޮށް އެ ވާހަކަ ފުލުުހުން އޮތީ އާންމުވެސް ކޮށްފަ އެވެ. އެހެންވީއިރު އޭގެ ފަހުން ހޭދަވެގެން މިދިޔަ ހަ ދުވަސްތެރޭ އެ ސަރަހައްދު ބެލުމުގެ އެއްވެސް މަސައްކަތެއް ނުކޮށް އޮތް އޮތުމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ.

"އެންމެ ފަހުން ފެނުން ތަނާ އިންވެގެން އޮތް 200 މީޓަރު ހަމަނުވާ 'ދަނޑުވިނަ' ކޮއްޓެއް ބަލާނުލެވި ދެ ހަފްތާ ވުމަކީ ފަރުވާ ކުޑަކަމުގެ އިންތިހާ،" ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެެއެވެ.

އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ގޮތުގައި ހުލާސާއެއް -- މި

އަޒްހާން ހޯދަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެކޭއެއް ނުބުނެވޭނެ އެވެ. މައްސަލަ ރިޕޯޓް ކުރުމާއެކު އެކަން ބަލަން ފެށިކަމުގެ ހެއްކަކީ އަޒްހާން އެންމެ ފަހުން އުޅުނު ސަރަހައްދު ފުލުހުންނަށް ދެނެގަނެވިފައި ވުމެވެ. އެންމެ ފަހުގެ ހަރަކާތްތައް ވެސް ދެނެގަނެވިފައި ވުމެވެ. ނަމަވެސް އޭގެ ފަހަށް ދެން ކުރަން ޖެހޭ ކަންކަން އެކަމުގެ ތަރުތީބުން ހަލުވި މިނުގައި ކޮށްފައިވޭތޯ ސުވާލު ކުރުމުގެ ޖާގަ ވަރަށް ބޮޑަށް އެބައޮތެވެ.

މެންބަރު ވަހީދު ވިދާޅުވި ފަދައިން އަޒްހާން އެންމެ ފަހުން ފެނުނު ސަރަހައްދަކީ މާ ބޮޑު ސަރަހައްދެއް ނޫނެވެ. ސީސީޓީވީ ކެމެރާ ފްޓޭޖްތަކުން ފެނިފައި ދެން ފެންނަން ޖެހޭ ހިސާބުން އަޒްހާން ނުފެނުނު ކަމަށް ފުލުހުން އެބަ ބުނެ އެވެ. އޭގެ މާނައަކީ އޭނާވީ ކެމެރާގެ ލޮލަށް ނުފެންނަ ހިސާބުގައި ނަމަވެސް އެތާ ކައިރި ސަރަހައްދެއްގަ އެވެ. އެހެންވީމަ އެކަން ޔަގީން ކުރެވި އެ ސަރަހައްދު ނުބެލި އިއްޔެއާ ހަމައަށް ފަސް ވެފައި އޮތުން ގަބޫލު ކުރަން ތަންކޮޅެއް ދަތި ވެއެވެ. އަނެއްކޮޅުން އިއްޔެ އެ ސަރަހައްދު ފުލުހުން ބަލަން ފެށުމުގެ ކުރީން ނުބައި ވަހެއް ދުވާ ކަމަށް އާންމުން އޮތީ ބުނެފައެވެ. ބައެއް އާންމުން "މި" ނޫހަށް ގުޅާ އެ ވާހަކަ ހިއްސާ ވެސް ކޮށްފައި ވެއެވެ.

ފުލުހުން އެ ސަރަހައްދު ބަލަން ފެށީ ވަހެއް ދުވާތީއެއް ނޫނޭ ވީޑިއޯތަކުން ފެނުނު މަންޒަރުތަކާއި ގުޅިގެނޭ ބުނުން މުޅިއަކުން ދެކޮޅެއް ނުޖެހެއެވެ.

މައްސަލައިގެ ތަހުގީގު އަދި އޮތީ ކުރިއަށެވެ. ފުލުހުން ރޭ ބުނި ގޮތުގައި އަދި މުޅި ސީން ބަލާ ނުވެސް ނިމެއެވެ. މިއަދުގެ މެންދުރު ފަހުގެ ނިޔަލަށް މުޅި ސަރަހައްދު ބަލާ ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އަޒްހާންގެ ފޯނެއް ނުފެނެ އެވެ. އަޒްހާން ގެއްލުމާއި އެހެން މީހަކާއި / ބަޔަކާ ގުޅުމެއް އޮތް ކަމަކަށް ނުބެލެ ވެއެވެ. ނަމަވެސް "ޑެޑް ބޮޑީ" އެއް ފެނުމާއެކު ތަހުގީގުގެ ބާވަތް "ހޯމިސައިޑް" ތަހުގީގަކަށް ވަނީ ބަދަލުކޮށްފަ އެވެ. އޭގެ މާނައަކީ މަރުގެ ފަހަތުގައި ބަޔަކު ތިބި ކަަމަށް ބަލައިގެން ތަހުގީގު ކުރިއަށް ގެންދިއުމެވެ. ނުވަތަ އެއީ ބަޔަކު ރާވައިގެން ހިންގި ކަމެއް ކަމަށް ބަލައިގެން ތަހުގީގު ހިންގުމެވެ.

ޕޯސްޓްމޯޓަމެއްގެ އޮޓޮޕްސީ ރިޕޯޓާއި އަޒްހާން ގެއްލުމާއި އެތައް ދުވަހެއް ފަހުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނި އެކަމާއި ގުޅިގެން އުފެދިފައިވާ ސުވާލުތަކުގެ ޖަވާބަކަށް ރައްޔިތުން ތިބީ އިންތިޒާރެއްގަ އެވެ.

ކޮމެންޓް

3
450
އަބްދުލް
2 years ago

މީނާ ވަނީ މަރާލާފައި ކަމަށއް ފެންނަނަ ފެނުމަށް ވަރަށް ބޮޑަށް ބެއްލެވޭ އިނގޭ އެހެން ނޫންނަމަ މިހާ ބޮޑަށް ފޮރުވައިގެނއް ނޫޅޭނެ

މާނު ސާ
2 years ago

ފަރުވާ ކުޑަކޮށްލައިގެން ތިބުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވާނެ. މި މަރާ އެހެނެ ބޮޑު ކަމަކާ ގުޅުމެއް އޮތުމަކީ އެކަށީގެންވާ ކަމެއް މިކަން ނުބަލައި ދޫކޮށްލައްކާ ނުވާނެ

ބޮޑު ބާގީ
2 years ago

ވަރަށް ބޮޑަށް ރަށުތެރޭގައި ކިޔާ މި މީހާގެ މަރާއި ޝިއާއުގެ މަރާ ވެސް ގުުޅުމެއް ވެއޭ، އަނެއްކޮޅު މި ޝިއާއުގެ މަރަކީ ވެސް އޭގެ މައުލޫމާތު ފުލުހުން އިންތިހާއަށް ފޮރުވައިގެން އުޅޭ މަރޭ ކިހިނެއްބާ މިވަނީ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.