މިހާތަނަށް ގުނައި ނިމުނު ވޯޓުތަކަށް ބަލާއިރު ސަރުކާރު އެކުލަވައިލުމަށް ހޯދަން ޖެހޭ 272 ގޮނޑި ބީޖޭޕީއަށް ނުލިބޭނެ ކަމަށް ވަނީ ދައްކާފަ އެވެ.
އިންޑިއާގެ އާންމު އިންތިޚާބުގެ ނަތީޖާ ސާފުވާން ފަށާފައިވާއިރު އެގްޒިޓް ޕޮލްތަކުން އަންދާޒާކުރި މިންވަރުގެ ބޮޑު އަޣުލަބިއްޔަތެއް ވެރިކަންކުރާ ބީޖޭޕީއަށް ނުލިބޭކަމަށް ފެންނަން ފަށައިފިއެވެ.
އިންޑިއާގެ ލޮކްސަބާަގެ 543 ގޮނޑިއަށް މެންބަރުން އިންތިހަބުކުރަން ބާއްވާ އިންތިހާބަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މިހާތަނަށް ގުނައި ނިމުނު ވޯޓުތަކަށް ބަލާއިރު ސަރުކާރު އެކުލަވައިލުމަށް ހޯދަންޖެހޭ 272 ގޮނޑި ބީޖޭޕީއަށް ނުލިބޭނެކަމަށްވަނީ ދައްކާފައެވެ. ނަމަަވެސް ބީޖޭޕީއާ އިއްތިހާދުވެފައިވާ އެހެނިހެން ޕާޓީތަކާއެކު އެ ޕާޓީއަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަަތު ލިބޭނެކަމަށް ނަތީޖާތައް ދައްކައެވެ.
ދެހާސްނަވާރަ ވަނަ އަހަރުގެ އިންތިހާބާ ޚިލާފަށް މިފަހަރުގެ އިންތިހާބުގައި އިންޑިއާގެ އިދިކޮޅު ކޮންގުރެސް ޕާޓީއާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން އެކުލަވައިލާފައިވާ "އިންޑިއާ އެލައިންސް" އަށް ލޮކްސަބާއިން 200 ގޮނޑި ލިބޭނެ ކަމުގައި ބެލެވެއެވެ.
އެންމެ ފަހުން ބޭއްވި އިންތިހާބުގައި ހަމައެކަނި ބީޖޭޕީއަށް 303 ގޮނޑި ލިބުނެވެ. އަދި އެ ޕާާޓީއާ ގުޅިފައިވާ ޕާޓީތައް ޝާމިލުވާ ނޭޝަނަލް ޑިމޮކްރެޓިކް އެލައިންސް (އެންޑީއޭ)އަށް 353 ގޮނޑި ލިބުނެވެ.
އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓުކަމަށްވާ އުއްތަރް ޕްރަދޭޝްއަކީ ބަރުލަމާނީ އިންތިހާބުގައި މުހިއްމު ސްޓޭޓެކެވެ. އެ ސްޓޭޓުގައި 80 ބަރުލަމާނީ ދާއިރާ އޮވެއެވެ. އަދި އެ ގޮނޑިތައް ކާމިޔާބުކުރުމަކީ ސަރުކާރު އެކުލަވައިލަން ބޭނުންވާ ކޮންމެ ބަޔަކަށްވެސް ވަރަށް މުހިއްމު ކަމެކެވެ.
2019 ވަނ އަހަރު ބީޖޭޕީ އެކަނި ޔޫޕީގެ ފަސްދޮޅަސް ދެ ގޮނޑި ކާމިޔާބުކުރިއެވެ. އަދި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކާއެކު 64 ގޮނޑި ކާމިޔާނުކުރިއެވެ. ކޮންގުރެސް ޕާޓީއަށް ލިބުނީ އެންމެ ދެ ގޮނޑިއެވެ. އިދިކޮޅު ސަރަހައްދީ ޕާޓީތައްކަމަށްވާ ބީއެސްޕީއަށް ލިބުނީ 10 ގޮނޑިއެވެ. އަދި ސަމަޖްވާދީ ޕާޓީއަށް ލިބުނީ ފަސް ގޮނޑިއެވެ.
އެހެންނަމަވެސް މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު މިފަހަރުގެ އިންތިހާބުގައި ސަމަޖްވާދީ ޕާޓީއަށް 33 ގޮނޑި ލިބޭނެކަމަށް ބެލެވެއެވެ. ހަތް ދާއިރާއެއްގަައި ކޮންގުރެސް އުޅެނީ ކުރީގައެވެ. އެއާއެކު އިންޑިއާ އެލައިންސްއަށް ޔޫޕީގެ ސާޅީސް ދާއިރާއެއް ކާމިޔާބުވާނެކަމަށް ބެލެވެއެވެ.
ބާބްރީ މިސްކިތް ތަޅައިލާ އެ މިސްކިތް ހުރި ތަނުގައި އަޔޯދުޔާ ފައްޅީގެ ނަމުގައި ފައްޅިއެއް އަޅާފައިވާ ފައިޒްއާބާދު ދާއިރާގައިވެސް ބީޖޭޕީ އުޅެނީ ފަހަތުގައެވެ.
މޯދީގެ ދާއިރާކަމަށްވާ ވަރަނަސީގައި ކޮންގުރެސް ކެންޑިޑޭޓު އަޖޭ ރާއީވަނީ މޯދީއާއި އޭނާގެ ފަރަގު ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. ދެހާސްނަވާރަވަނަ އަހަރު އެ ދާއިރާ މޯދީ ކާމިޔާބުކުރެއްވީ 500،000 ވޯޓުގެ ތަފާތުންނެވެ. މިހާތަނަށް އާންމުކުރި ނަތީޖާތަކަށް ބަލާއިރު މިފަހަރު މޯދީއާއި އަޖޭގެ މެދުގައި އުޅެނީ 150،000 އެއްހައި ވޯޓުގެ ފަރަގެވެ.
އެހެނިހެން ސްޓޭޓުތަކަށް ބަލާއިރު ހުޅަނގު ބެންގާލުގައި އިންޑިއާ އެލައިންސްގައި ހިމެނޭ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސް ނުވަތަ ޓީއެމްސީން ވަނީ ބީޖޭޕީގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. 2019 ވަނަ އަހަރު ބީޖޭޕީން އެ ސްޓޭޓުގެ 42 ގޮނޑިން 19 ގޮނޑި ކާމުޔާބުކުރިއިރު މިފަހަރު އެ ޕާޓީއަށް ކާމިޔާބުވާނެކަމަށް ފެންނަނީ 12 ގޮނޑިއެވެ. ޓީއެމްސީން ކުރިން 22 ގޮނޑި ކާމިޔާބުކުރި ނަމަވެސް މިފަހަރު އެ ޕާޓިއަށް 29 ގޮނޑި ކާމިޔާބުވާނެކަމަށް ބެލެވެއެވެ. ބާކީ ހުރި ދާއިރާތަކުގައި ކުރީގައި އުޅެނީ ކޮންގުރެސް ޕާޓީއެވެ.
މިހާތަނަށް ލޮކް ސަބާ އިންތިހާބެއްގައި އެންމެ ގޮނޑިއެއްވެސް ބީޖޭޕީއަށް ކާމިޔާބުނުކުރެވި އޮތް ސްޓޭޓަކީ ކެރަލާ އެވެ. މިހާތަނަށް ހާމަކުރި ނަތީޖާތަކަށް ބަލާއިރު ކެރަލާގެ ތުރިއްސުރު ދާއިރާއިން ކުރީގައި އުޅެނީ ބީޖޭޕީގެ ސުރެޝް ގޯޕީއެވެ.
މުހިއްމު ސްޓޭޓެއްކަމަށްވާ މަހަރަޝްތުރާގައި ބީޖޭޕީއާއި އެ ޕާޓީގެ ބައިވެރިންގެ މައްޗަށް ކޮންގުރެސް ޕާޓީއާއ އިންޑިއާ އެލައިންސްއިން ބޮޑެތި ކާމިޔާބުތަކެއް ހޯދާނެކަމަަށް މިހާތަނަށް އިއުލާނުކުރި ނަތީޖާތަކުން ދައްކައެވެ. އެ ސްޓޭޓުގެ 48 ދާއިރާގެ ތެރެއިން 27 ދާއިރާގައި ކުރީގައި އުޅެނީ އިންޑިއާ އެލައިންސްގައި ހިމެނޭ ޕާޓީތަކެވެ. ހަމައެކަނި ކޮންގުރެސް އުޅެނީ ދިހަ ދާއިރާއެއްގައި ކުރީގައެވެ. ބީޖޭޕީ ކުރީގައި އުޅެނީ ސާދަ ދާއިރާއެއްގައެވެ.
2019 ވަނަ އަހަރު ކަރްނަޓަކާގެ 28 ބަރުލަމާނީ ގޮނޑިން 25 ގޮނޑި ކާމިޔާބުކުރީ ބީޖޭޕީއެވެ. އަދި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުން އިތުރު ދެ ގޮނޑިއެއް ކާމިޔާބުކުރިއެވެ. އެގްޒިޓް ޕޯލްތަކުގައި ދައްކާފައިވަނީ މި އަހަރުވެސް އެފަދަ ނަތީޖާއެއް ނުކުންނާނެ ކަމަށެވެ.
ނަމަވެސް މިހާތަބަށް އިއުލާނުކުރި ނަތީޖާތަކަށް ބަލާއިރު ބީޖޭޕީއަށް މިފަހަރު އެ ސްޓޭޓުން ކާމިޔާބުކުރެވޭނީ ސޯޅަ ގޮނޑިއެވެ. ސާދަ ގޮނޑިއެއް ކާމިޔާބުކުރާނީ ޖަނަތާލް ދާލް ޕާޓީންނެވެ. އަދި ކޮންގުރެސް ޕާޓީން ދިހަ ގޮނޑި ކާމިޔާބުކުރާނެކަމަށް ބެލެވެއެވެ.