ކްލެމެންސީ ބޯޑަށް މަޖިލީހުގެ ފަރާތުން ޝުޖާ އައްޔަންކުރަން ހުށަހަޅައިފި

ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުށްވެރިންނަށް މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ކްލެމެންސީ ބޯޑުގައި އިންނަވާ މަޖިލީހުގެ މެންބަރުކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އައްޔަންކުރުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ރިޔާސަތުން އިއްވާ ކަމެއްގެ ގޮތުގައި ކްލެމެންސީ ބޯޑަށް މަޖިލީހުގެ ފަރާތުން އައްޔަންކުރާނެ މެންބަރަކު ކަނޑައެޅުން ތާވަލުކޮށްފައިވެއެވެ. އެ ނަންބަރުގެ ދަށުން މެންބަރެއްގެ ނަން ހުށަހެޅުމަށް ހުޅުވައިލުމުން ހުށަހަޅާފައިވަނީ ޝުޖާގެ ނަންފުޅު އެކަންޏެވެ. 

މަޖިލީހުގެ ފަރާތުން ކްލެމެންސީ ބޯޑަށް ޝުޖާ އައްޔަންކުރުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވުމުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލުވަނީ އެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާފައެވެ. 

ކްލެމެންސީ ބޯޑަކީ ކުށްވެރިޔަކު އަދަބު މާފުކޮށްދިނުމަށް ނުވަތަ ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރުމުން، އެ އިލްތިމާސް ދިރާސާކޮށް އެކަމާ ގުޅޭގޮތުން އަމަލުކުރައްވަން ފެންނަ ގޮތަކާމެދު ލަފާދިނުމަށް އަދަބު ލުއިކޮށްދިނުމާއި މައާފުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވައިލާފައި އޮންނަ ބޯޑެކެވެ. 

އެ ބޯޑު އެކުލެވިގެންވަނީ 11 މެންބަރުންގެ މައްޗަށެވެ. އެ ބޯޑަށް މެންބަރުން އައްޔަންކުރެއްވުމާއި ވަކިކުރެއްވުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ ބޯޑުގައި ތިއބްވާ އެގާރަ މެންބަަރުންނަކީ:

  •  ގާނޫނީ ދާއިރާގެ މީހެއް
  •  ތައުލީމީ ދާއިރާގެ މީހެއް
  •  އިޖުތިމާއީ ދާއިރާގެ މީހެއް
  •  ސިއްހީ ދާއިރާގެ މީހެއް
  •  ދީނީ އިލްމުގެ މީހެއް
  •  މަދަނީ ޖަމްއިއްޔާތައް ތަމްސީލުކުރާނެ މީހެއް
  •  ޕެރޯލް ބޯޑުގެ މީހެއް
  •  ފުލުހުންގެ ދާއިރާގެ މީހެއް
  •  ޝަރުއީ ދާއިރާގެ މީހެއް
  •  ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަޖިލީހުގެ މެންބަރެއް

އަދަބު ލުއިކޮށްދިނުމަށް ނުވަތަ މައާފުކޮށްދިނުމަށް ހުށަހަޅާ އިލްތިމާސްތަކާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމުގެ ބާރު ކްލެމެންސީ ބޯޑަށް ލިބިގެންވެއެވެ. އަދި ކްލެމެންސީ ބޯޑުން ބޭނުންވެއްޖެނަމަ އެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ލިޔެކިޔުންތައް ހޯދައި އިދާރާތަކުގެ ވެރިންނާ ބައްދަލުކޮށް ސުވާލުކުރެވޭނެއެވެ. 

މަޖިލީހުގެ ފަރާތުން ކްލެމެންސީ ބޯޑަށް އައްޔަންކުރާނެ މެންބަރެއްގެ ނަން ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ޝުޖާގެ ނަން ފިޔަވައި އިތުރު މެންބަރެއްގެ ނަން ހުށަހަޅާފައި ނެތުމުން، މިއަދު މަޖިލީހުގައި ވޯޓު ނަގާ ވަގުތުގައި ބޯޑު މެންބަރުކަމަށް ޝުޖާ އައްޔަންކުރަން ފާސްވާނެ ކަމުގައި ބެލެވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.