މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެ މެންބަރުން ތަރުތީބު ކުރާނީ މަޖިލީހުގައި ހިދުމަތްކުރެއްވި މުއްދަތަށް ބަލައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ނެތް ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން ކަނޑައަޅުއްވައި އިއުލާނު ކުރައްވައިފި އެވެ.
ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސް ކަމަށާއި، ރައީސް ހާޒިރު ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސް ކަމަށެެ. އަދި ރައީސާއި ނައިބު ރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރަކު ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި އެ މެންބަރުން ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. އެގޮތުން ކަނޑައަޅާ ފަސް މެންބަރުންނަކީ މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މެންބަރުންގެ ތެރެއިން ހޮވައިލެވޭ ފަސް މެންބަރުންނަށް ވާންވާނެކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.
ގަވާއިދުގައިވާ ގޮތުން އެ މެންބަރުން ތަރުތީބު ކުރާނީ މަޖިލީހުގައި ހިދުމަތްކުރެއްވި މުއްދަތަށް ބަލައިގެންނެވެ. އަދި ދެ މެންބަރަކު ހިދުމަތް ކުރެއްވި މުއްދަތު އެއްވަރުވެއްޖެނަމަ އިސްކަން ދޭނީ އެ މެންބަރުންގެ ތެރެއިން އުމުރުން ދޮށީ މެންބަރަށެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅުއްވި ފަސް މެންބަރުން އިއުލާނު ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބުރައީސް މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެވަޑައިނުގަންނަވާ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުން ކަނޑައަޅާފައިވާއިރު، އިއްޔެ މަޖިލީހުގެ ހުރިހާ ކޮމިޓީތަކެއްގެ މުގައްރިރުންނާއި ނައިބު މުގައްރިރުން ކަނޑައަޅާފައި ވެއެވެ.
މިއަދު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ފެށިގެންދާނެއެވެ. އެގޮތުން މިއަދު ހެނދުނު މަޖިލީހުގެ ތިން ކޮމިޓީއެއްގެ ބައްދަލުވުން ބޭއްވުމަށް އޮތީ ތާވަލުކޮށްފައެވެ.