އިނގިރޭސީންނަށް ޖާސޫސް ކޮށްދިން ޗައިނާގެ ދެމަފިރިއަކު ހައްޔަރުކޮށްފި

ޗައިނާގެ އިންޓެލިޖެންސުން ބުނާ ގޮތުގައި އިނގިރޭސިވިލާތުގައި ކިޔަވަމުން ދަނިކޮށް ފިރިހެން މީހާ ރެކްރޫޓްކޮށް، ފަހުން އަނބިމީހާ ވެސް ވަނީ އެކަމުގައި ބައިވެރި ކޮށްފައެވެ.

ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ޔޫރަޕްގެ އެހެން ގައުމުތަކުގެ އިތުރުން ޗައިނާ އާއި އިނގިރޭސިވިލާތުން ވެސް އެއް ގައުމު އަނެއް ގައުމަށް ޖާސޫސް ކުރާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި

އިނގިރޭސިވިލާތުގެ ސީކްރެޓް އިންޓެލިޖެންސް ސާވިސް / ޖާސޫސީ އިދާރާ، އެމްއައި6 އަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށް ދެމަފިރިއެއްގެ މައްޗަށް ޗައިނާއިން ދައުވާ ކޮށްފި އެވެ. 

ޗައިނާގެ ސްޓޭޓް ސެކިއުރިޓީ މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސި ވިލާތުގެ ޖާސޫސީ އިދާރާ އެމްއައި6 އިން އެ ދެމަފިރިން ރެކްރޫޓް ކުރި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލައަކީ ޗައިނާ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރޭގައި އެންމެ ފަހުން އިއުލާނުވި ޖާސޫސީ މައްސަލަ އެވެ. މިފަހަރު ހައްޔަރުކުރި ދެ މީހުނަކީ ވެސް ޗައިނާގެ ދެމީހުނެވެ. 

މީގެ ތެރެއިން ވަންގް ނަމަކަށް ކިޔާ މީހާއަކީ އިނގިރޭސިވިލާތުގައި ކިޔަވަމުން ދަނިކޮށް 2015 ވަނަ އަހަރުން ފެށިގެން އިނގިރޭސި ވިލާތުގެ އިންޓެލިޖެންސުން ތަމްރީނު ދީފައިވާ މީހެއް ކަމަށް ވެއެވެ. އެމްއައި6 އިން ވަނީ ފައިސާއަށް އޭނާގެ އޮތް ވަރުގަދަ އެދުންވެރިކަމުގެ ނާޖާއިޒު ފައިދާ ނަގައިފައި ކަމަށް ޗައިނާއިން ތުހުމަތު ކުރެ އެވެ. އަދި އިނގިރޭސި ވިލާތުން ވަނީ ވަންގް އަށް ސެކިއުރިޓީ ހުށަހަޅައި، ޖާސޫސު ކުރަން ތަކުރާރުކޮށް ހިތްވަރު ދީ، އެކި ގޮތްގޮތުން މަޖުބޫރު ކޮށްފައި ކަމަށް  ތުހުމަތުތަކުގައި ވެއެވެ.

ތުހުމަތުތައް އޮތް ގޮތުން ވަންގް ވަނީ އިނގިރޭސި އިންޓެލިޖެންސްގެ ފަރާތުން ޖާސޫސް ކުރަން އޭނާގެ އަންހެނުން ވެސް ބައިވެރި ކޮށްފަ އެވެ. އެ ދެ މީހުންނަކީ ވެސް ޗައިނާގެ ދައުލަތުގެ އިދާރާއެއްގެ މުހިއްމު ސިއްރު ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރި ދެ މީހުނެވެ. 

މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ޔޫރަޕްގެ އެހެން ގައުމުތަކުގެ އިތުރުން ޗައިނާ އާއި އިނގިރޭސިވިލާތުން ވެސް އެއް ގައުމު އަނެއް ގައުމަށް ޖާސޫސް ކުރާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ޖެނުއަރީ މަހު ވެސް ޗައިނާއިން ވަނީ އެފަދަ މައްސަލައެއް އިއުލާނުކޮށް، އެމްއައި6 ހިމެނޭ ޖާސޫސީ ރޭވުމެއް ހާމަ ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އިނގިރޭސިވިލާތުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ދެމެދު ޗައިނާއަށް މައުލޫމާތު ފޯރުކޮށް ދިނުމާއި ރަސްމީ ސިއްރުތަކާބެހޭ ގާނޫނާ ހިލާފުވި ކަމަށް ބުނެ އިނގިރޭސި ވިލާތުގެ ދެ މީހެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ.

ހަމަ އެދުވަހު ޖަރުމަނުވިލާތުން ވެސް ވަނީ އަސްކަރީ ބޭނުމަށް ބޭނުންވާ ޓެކްނޮލޮޖީތައް ޗައިނާގެ އިންޓެލިޖެންސްއާ ހަވާލުކުރި ކަމަށް ބުނެ ޖަރުމަނުގެ ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. އޭގެ އެއް ދުވަސް ފަހުން ޖަރުމަނުން ވަނީ ޗައިނާއަށް ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި ޔޫރަޕިއަން ޕާލަމެންޓުގެ މެމްބަރެއްގެ އެހީތެރިއަކު ވެސް ހައްޔަރު ކޮށްފަ އެވެ.

ހޮންގްކޮންގްގެ ޖާސޫސީ ހިދުމަތްތަކަށް ސިއްރު މައުލޫމާތު އެއްކުރި ކަމަށް ބުނެ އިނގިރޭސިވިލާތުން މިދިޔަ މަހު ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފަ އެވެ. އެ ތިން މީހުންގެ ތެރެއިން 37 އަހަރުގެ އިނގިރޭސިއެއް ކަމަށްވާ މެތިއު ޓްރިކެޓް ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ.

ޗައިނާގެ އިންޓެލިޖެންސް އަދި ސިއްރު ފުލުހުންގެ އިދާރާގެ ގޮތުގައި ހަރަކާތްތެރިވާ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ވަނީ ޗައިނާގެ ރައްޔިތުން ބޭރުގެ އިދާރާތަކުގެ ޝިކާރައަކަށް ނުވުމަށް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މިފަދަ ކަންކަމުގައި އެންމެ ބޮޑަށް ޓާގެޓް ކުރާ އެއް ދާއިރާ ކަމުގައިވާ އޭވިއޭޝަން ދާއިރާގެ ފަރާތްތަކުން ޗައިނާގެ ފްލައިޓް ޑޭޓާ އެހެން ގައުމުތަކަށް ފޮނުވާ "ވޮލަންޓިއަރުން" ގެ ގޮތުގައި ބައިވެރި ނުވުމަށް ވެސް އެ އިލްތިމާސްގައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.