ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައި ގައި މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފަ އެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫ ގައި އަސްކަރީ ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް ނިޔާވި ކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތު ގައި، އޭނާގެ އުފަށް ރަށް ރ. އުނގޫފާރުގައި ބާއްވައިފި އެވެ.
ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު އުނގޫފާރު އިސްލާމީ މަރުކަޒުގަ އެވެ.
މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޝަރީފާއި އެޖުޓަންޓް ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހީމާއި ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން، އާއިލާއާ ބައްދަލު ކުރައްވައި ތައުޒިޔާ ވިދާޅުވި އެވެ. މި ޖަނާޒާއަށް ފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ގައުމީ ދިދަ، ކޯޕްރަލް މުހައްމަދު ޒައިދާންގެ އާއިލާއާ ވަނީ ހަވާލު ކޮށްފަ އެވެ.
ޒައިދާން ނިޔާވެފައި ވަނީ ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް ލ. މާވަށު ކައިރީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާ އެއް ގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ. ގަން ރީޖަނަލް ހޮޮސްޕިޓަލްގައި ރޭ 8:40 ގަ އެވެ.
ޒައިނާދަށް ހަމަލާ އެއް ދިނީ މިޔަރެކެވެ. މިޔަރުގެ ހަމަލާ އަމާޒުވީ ޒައިދާންގެ ފަޔަށެވެ. ދެ ފަޔަށް ބޮޑެތި ޒަހަމުތަކެއް ލިބުނެވެ.
ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައި ގައި މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފަ އެވެ.
ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މިޖަނާޒާ ގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައި ވެއެވެ.