"އައްޑޫ ސިޓީގައި ފެނުގެ މައްސަލަ ދިމާވީ ކުރީ ސަރުކާރުގެ އިހުމާލުން"

ޝުޖާއު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ނެޓްވޯކްގެ ފެނުގެ ސްޓޯރޭޖްތައް މެއިންޓެނެންސް ނުކޮށް ހުރުމުން ހުރީ ދަބަރު ޖަހާފައިވާ ކަމަށެވެ.

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު: ކުރީ ސަރުކާރުން އައްޑޫ ސިޓީގެ ފެނުގެ ސްޓޯރޭޖް މެއިންޓެނެންސް ނުކޮށް ހުރުމުން ދަބަރު ޖަހާފައިވާ ކަމަށް ވަނީ ވިދާޅުވެފައި --

އައްޑޫ ސިޓީއަށް ދިމާވެފައިވާ ސާފު ބޯފެން ނުލިބުމުގެ މައްސަލަ ދިމާވެފައި ވަނީ ކުރީ ސަރުކާރުން ގިނަ އިހުމާލުތަކެއްވެފައި ވާތީ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ އަވަށްތަކަށް ފެނަކައިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވެސް ފެނުގެ ހިދުމަތް ލިބުމަށް ދަތިވެފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ނެޓްވޯކްގެ ފެނުގެ ސްޓޯރޭޖްތައް މެއިންޓެނެންސް ނުކޮށް ހުރުމުން ހުރީ ދަބަރު ޖަހާފައިވާ ކަމަށެވެ. ފެނަކަ ވެސް އޮތީ 4.6 މިލިއަން ރުފިޔާއިން ދަރުވާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ވެރިކަމުގައި މި މައްސަލަ ހައްލު ކުރަން މަސައްކަތް ނުކުރީ ކީއްވެގެންތޯ ޝުޖާއު ވަނީ ސުވާލު އުފައްދަވާފަ އެވެ. ފެނުގެ ހިދުމަތް ކެނޑެން ދިމާވި ސަބަބަކީ ކޮބައިތޯ ބަލާލަން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އެމްޑީޕީ ވެރިކަމުގަ އައްޑޫ ސިޓީގެ ހުރިހާ ދާއިރާތަކެއް ތަމްސީލުކުރަމުން ދިޔައީ އެމްޑީޕީ މެމްބަރުން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2023 ވަނަ އަހަރަށް ކެމްޕޭނު ކުރައްވަމުން ދިޔައިރު ރަނިންމޭޓަކަށް ހުންނެވީ އެމްޑީޕީގެ ބޭފުޅެއް. މިއިއްޒަތްތެރި މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އެމްޑީޕީގެ ބޭފުޅެއް. ކޮބާތޯ އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރުމަށްޓަކާ އެމްޑީޕީގެ ވެރިކަމުގަ ކުރެވިފައިވާ ކަންތައްތަކަކީ އަޅުގަނޑުމެން ބަލާލަން އެބަ ޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން މި މައްސަލަ ހައްލު ކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، އެމްޑަބްލިއުއެސްސީ އާ ގުޅިގެން ވޭތުވެ ދިޔަ ހަ މަސް ތެރޭގައި މި މައްސަލަ ހައްލުކުރަން 256 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"ބޯ ހޯލްއެއް އަޅައިގެން އިތުރަށް މި މައްސަލަ ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭގަ ހައްލު ކުރުމުގެ މަސައްކަތް މިވަނީ ފެށިފަ. އެހެންވީމަ މި މައްސަލައިގަ ދަންނަވާލަން ބޭނުންވަނީ މީ ވަރަށް ބޮޑު އިހުމާލުތަކެއްވުމުގެ ސަބަބުން ހައްލު ނުފެވަ އޮތް މައްސަލައެއް،" ޝުޖާއު ވިދާޅުވި އެވެ.

ނާޒިލްއަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ މިއީ ކުއްލި މައްސަލަ ހުށަހަޅައިގެން ހައްލުވާނެ ކަންކަން ނޫން ކަމަށެވެ. މުޅި ރާއްޖޭގައި ފެނާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނަށް ފެނަކއިން ފޯރުކޮށްދެމުން އައި ސާފު ފެނުގެ ހިދުމަތް، މި އަހަރުގެ އޭޕްރީލުން ފެށިގެން ލިބުމުގައި އިންތިހާއަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އައްޑޫގެ ބައެއް އަވަށްތަކުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ސާފު ބޯފެން ނުލިބުމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމާއެކު، މި މައްސަލަ ދާއިމީ ގޮތަކަށް ހައްލުކުރުމަށް ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލާގައި ސަރުކާރަށް ގޮވާލައްވާފައިވެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.