އައްޑޫ ފެނަކައިގައި ހުސް ވެރިން، މައްސަލަ ހައްލުކުރާނެ މީހަކު ނެތް: ނާޒިލު

ފެނަކައިގެ މުވައްޒަފުންގެ އަދަދު ފާއިތުވި ފަސް އަހަރު ތެރޭގައި 2018 ވަނަ އަހަރާ އަޅާބަލާއިރު ދެ ގުނައާ ގާތްކުރާ މިންވަރަކަށް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުނީގެ އޮފީހުގައި މުޅިންވެސް ތިއްބެވީ ވެރިން ކަމަށާއި، މައްސަލައެއް ދިމާވެއްޖެނަމަ ހައްލުކުރާނެ ޓެކްނީޝަނެއް އެތަނުގައި ނެތްކަމަށް އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު ވިދާޅުވެއްޖެއެވެ. 

ނާޒިލު މިފަދައިން ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ އެ މައްސަލައަށް އަވަސް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވައިލާ އޭނާ މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ދެއްކެވި ވާހަކަފުޅުގައެވެ. 

ނާޒިލު ވިދާޅުވި ގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްރަށަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ އާރްއޯ ޕްލާންޓަށް ބޭނުންވާ ސްޕެއާ ޕާޓްސް ނެތްކަމުގެ ޝަކުވާ އައްޑޫގައި ހުންނަ ފެނަކައިގެ ބުރާންޗު އޮފީހުން މަރުކަޒީ އޮފީހަށް ހުށަހަޅަމުންދާ ކަމަށެވެ. އެކަމަކު އެ މައްސަލައަށް ހައްލެއް ނުލިބޭ ކަމަށެވެ. 

ފެން ލިބޭނެ ވަގުތެއް ޔަގީންނުވާ ހާލުގައި ފެން އިސްކުރޫ ދަށަށް ބާލިދި ގާތްކޮށްގެން ރައްޔިތުން ތިބެން މަޖުބޫރުވެފައިވާތާ ދެ މަހެއްހައި ދުވަސް ފާއިތުވެފައިވާކަމަށް ނާޒިލު ވިދާޅުވިއެވެ. ކުއްލިއަކަށް ފެން އައިސް ބާލިދި ފުރިގެން ފެން ފޭބުމުން އެ ފޭބި ފެނަށްވެސް އަގު އަދާކުރަންޖެހެނީ ރައްޔިތުންކަން ފާހަގަކުރައްވައި ނާޒިލު ވިދާޅުވީ މިކަމުގެ ސަބަބުން ހިދުމަތެއް ނުލިބި ރައްޔިތުން ހިދުމަތަށް އަގު އަދާކުރަންޖެހިފައިވާ ކަމަށެވެ. 

"ހިދުމަތެއް ނުލިބި ހިދުމަތުން އަގު ނެގެނީ ރައްޔިތުންގެ އަތުން. ރައްޔިތުންގެ ޖީބުން ރައްޔިތުން ފެލައިލަނީ،" ނާޒިލު ވިދާޅުވިއެވެ. 

އިތުރަށް ނާޒިލު ވިދާޅުވީ ފެނަކައިގެ ބުރާންޗަށް އެކި ފަންތީގެ ގިނަ ވެރިން ލާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައެއް މެދުވެރިވުމުން އެކަމެއް ހައްލުކުރާނެ ބަޔަކު ނުތިބޭ ކަމަށެވެ. އެގޮތުން ނާޒިލުވަނީ އައްޑޫ ފެނަކަ ބުރާންޗުގައި ވެރިން ތިއްބެވި އަދަދުތައްވެސް ވިދާޅުވެފައެވެ. 

"ވެރިން އެބަ ލެވޭ. އެސިސްޓެންޓު މެނޭޖަރުންގެ ހަތް ބޭފުޅުން މިހާރުވެސް އެބަތިއްބެވި. ޑިރެކްޓަރުންގެ ދިހަ ބޭފުޅުން އެބަތިއްބެވި. އެސިސްޓެންޓް ޑިރެކްޓަރުންގެ ބާރަ ބޭފުޅުން އެބަތިއްބެވި. ޓެކްނީޝަނަކު ނެތް. ކަމެއް ދިމާވީމާ ހައްލު ހޯދައިދޭނެ މީހަކު ނެތް. ހައްތާވެސް ތިއްބެވީ ވެރިން މެނޭޖަރުން އެ ބޭފުޅުން އިށީންނަވާނެ ގޮނޑިއެއްވެސް ނެތް،" ނާޒިލު ވިދާޅުވިއެވެ. 

ނާޒިލު މިފަދައިން ވިދާޅުވެފައިވާއިރު ފެނަކައިގެ މުވައްޒަފުން ބޮޑު އަދަދުން އިތުރުވެގެންދިޔައީ ފާއިތުވި ފަސް އަހަރުއެވެ. ފެނަކައިގެ މުވައްޒަފުންގެ އަދަދު ފާއިތުވި ފަސް އަހަރު ތެރޭގައި 2018 ވަނަ އަހަރާ އަޅާބަލާއިރު ދެ ގުނައާ ގާތްކުރާ މިންވަރަކަށް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.