އައްޑޫއަށް ސާފު ފެން ނުލިބޭތީ ކުއްލި މައްސަލައެއް

އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ސިޓީގެ އަވަށްތަކަށް ފެނަކައިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ނާޒިލު ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. 

ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނަށް ފެނަކއިން ފޯރުކޮށްދެމުން އައި ސާފު ފެނުގެ ހިދުމަތް، މި އަހަރުގެ އޭޕްރީލުން ފެށިގެން ލިބުމުގައި އިންތިހާއަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. 

އަދި ސާފު ބޯފެން ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވުމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ގޯސްވެ އެތައް ތަކުލީފުތަކެއް ރައްޔިތުންނަށް އުފުލަންޖެހިފައިވާ ކަމަށްވެސް ނާޒިލު ވިދާޅުވިއެވެ. 

"ފާއިތުވި އޭޕްރީލުން ފެށިގެން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނަށް ފެނަކައިން ފޯރުކޮށްދެމުން އައި ސާފު ފެން ލިބުމުގައި އިންތިހާއަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރައި، އެ ރައްޔިތުންނަށް އެތައް ތަކުލީފުތަކާ ކުރިމަތިވަމުންދޭ،" ނާޒިލު ވިދާޅުވިއެވެ. 

އޭގެ އިތުރަށް ނާޒިލު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ފެނަކަ އޮތީ ނުކުޅެދިފައި ކަމަށެވެ. އަދި އެ މައްސަލާގައި ޒިންމާ އުފުލަންވީ ފަރާތަކީ ކޮބައިކަން އައްޑޫ ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ. 

އައްޑޫގެ ބައެއް އަވަށްތަކުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ސާފު ބޯފެން ނުލިބުމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމާއެކު، މި މައްސަލަ ދާއިމީ ގޮތަކަށް ހައްލުކުރުމަށް ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލާގައި ސަރުކާރަށް ގޮވާލައްވާފައިވެއެވެ.  

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 12 މެންބަރުން ތިއްބަވާއިރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގައި 75 މެންބަރުން ތިއްބަވައެވެ. މަޖިލީހަށް ބިލުތަކާއި މައްސަލަތަކާއި ގަރާރުތައް ބަލައިގަނެވޭނީ ޕީއެންސީގެ މެންބަރުން އެކަމަށް ތާއީދުކުރައްވައިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.